ދުނިޔޭގައި އުޅޭ ކޮވިޑް ބަލީގެ ހުރިހާ ވޭރިއަންޓެއް ރާއްޖޭގައި އުޅޭކަން ހާމަވެއްޖެއެވެ. އޭގެ ތެރޭގައި ޖީ ވޭރިއަންޓާއި، އިންޑިއާއިން ފެނުނު ވޭރިއަންޓާއި، އިނގިރޭސި ވިލާތުން ފެނުނު ވޭރިއަންޓުވެސް ހިމެނެއެވެ.

މިހާރު ރައީސް އޮފީހުގައި ކުރިއަށް ދާ ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްއީއޯސީގެ ތަރުޖަމާން ޑރ. ފާތުމަތު ނަޒްލާ ރަފީގް ވިދާޅުވީ ރާއްޖޭގައި އުޅޭ ކޮވިޑްގެ ވައްތަރުތައް ދެނެގަތުމަށް ރާއްޖެއިން ބޭރަށް ސާމްޕަލް ފޮނުވައިގެން ހެދި ޓެސްޓްތަކުގެ ނަތީޖާއަށް ބަލާއިރު ކޮވިޑް-19 ގެ އަލްފާ އަދި ޑެލްޓާ ވޭރިއަންޓު ހިމެނޭހެން 5 އަށް ވުރެ ގިނަ ވައްތަރު ހިމެނޭ ކަމަށެވެ.

އޭގެ ތެރެއިން އެންމެ ބާރަށް ފެތުރެމުން ދަނީ އިންޑިއާގެ ޑެލްޓާ ވޭރިއަންޓާއި އިނގިރޭސިވިލާތުން ފެނުނު ވޭރިއަންޓެވެ. މިހާތަނަށް ހެދި ޖީން ސީކްއެންސް ޓެސްޓުން އެކަން ކަށަވަރުވެފައި ވާކަމަށް ތަރުޖަމާން ވިދާޅުވިއެވެ. އަދި ފޮނުވި ސާމްޕަލްތަކުގެ ތެރެއިން 27 ޕަސެންޓް ހިއްސާ ކުރަނީ އިންޑިއާ ވޭރިއަންޓް ކަމަށްވެސް އޭނާ ވިދާޅުވެއެވެ.

އިއްޔެވެސް ރާއްޖޭގައި 372 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. އޭގެ ތެރެއިން 125 މީހަކު ޕޮޒިޓިވް ވީ މާލެ ސަރަހައްދުންނެވެ. އަތޮޅުތެރޭގެ ރަށްރަށުން 215 މީހަކާއި ހިންގަމުން ދާ ރިސޯޓުތަކުން 30 މީހަކު ޕޮޒިޓިވް ވި އިރު ލިވަބޯޑުން އެކަކާއި އިންޑަސްޓްރިއަލް މަސައްކަތް ކުރާ ރަށްރަށުން އެކަކު އިއްޔެ ވަނީ ޕޮޒިޓިވް ވެފައެވެ.

މާލެ ސަރަހައްދުގެ އިތުރުން އަތޮޅުތަކުގެ ބައެއް ރަށްރަށުގައި ކޮވިޑް ދަނީ ފެތުރެއްމުންނެވެ.