ސައުދީ އަރަބިއްޔާގެ ޝާހީ އާއިލާއާއި ސަރުކާރަށް ބޮޑެތި ފާޑުކިއުންތަކެއް އަމާޒުކޮށް، ބައިނަލްއަގުވާމީ މީޑިއާގައި މިނިވަންކަމާއެކު ހަބަރު ފަތުރަމުން ދިޔަ އެ ގައުމުގެ ތަޖުރިބާކާރު ސިޔާސީ ނޫސްވެރިޔާ، ޖަމާލް ހަޝޯގީ މަރާލަން ބޭނުން ކުރި ބޭސްތައް ނަގާފައި ވަނީ މިސްރުން ކަން ހާމަވެއްޖެއެވެ.

މިކަން ހާމަވެފައި ވަނީ، ތުރުކީވިލާތުގެ އިސްތަންބޫލްގައި ހުންނަ ސައުދީ އަރަބިއްޔާގެ ކޮންސިއުލޭޓް އިމާރާތުގެ ތެރޭގައި ހަޝޯގީ މަރާލުމުގެ ޖަރީމާ ހިންގުމުގައި ބައިވެރިވި ސައުދީ އަރަބިއްޔާގެ "ޑެތު ސްކޮޑް"ގެ މެންބަރުންނާ ކުރި ސިއްރު އިންޓަވިއުތަކެއްގެ މައްޗަށް ބިނާކޮށް، ޔާހޫ ނިއުސްއިން އާންމު ކުރި ރިޕޯޓަކުންނެވެ.

ޔާހޫ ނިއުސްއިން ރިޕޯޓް ކޮށްފައި ވާ ގޮތުގައި، ގަލްފްސްޓްރީމްގެ ޖެޓެއްގައި ޑެތު ސްކޮޑުން ތުރުކީވިލާތަށް ދަތުރު ކުރުމުގެ ކުރިން، އޮކްޓޯބަރު 2، 2018 ވަނަ ދުވަހު، މިސްރުގެ ވެރިރަށް ގާހިރާއަށް ފޭބިއެވެ. ގާހިރާއަށް ކުރި ދަތުރަކީ، ހަޝޯގީ މަރާލަން ބޭނުން ކުރި ބޭސްތައް ނެގުމަށް ކުރި ދަތުރެވެ.

ހަޝޯގީ މަރާލުމަށް ބޭނުން ކޮށްފައި ވަނީ ކޮން ބޭސްތަކެއް ކަމާ، އެ ޑެތު ސްކޮޑަށް އެ ބޭސްތައް ފޯރުކޮށްދިނީ ކާކުކަމެއް އަދި ސާފެއް ނުވެއެވެ.

ނަމަވެސް، މިއީ ތަޖުރިބާކާރު ނޫސްވެރިޔާ މަރާލުމުގައި މިސްރުގެ މަދަދުގާރެއް ހުރިކަން ހާމަވި ފުރަތަމަ ފަހަރެވެ. އަދި މިއީ، ހަޝޯގީ މަރާލުމުގެ ނިޔަތެއް އެ ޓީމުގެ މެންބަރުންގެ ކިބާގައި ނެތް ކަމަށް ސައުދީގެ ސަރުކާރުން ކުރާ ވަކާލާތާ މެދުވެސް ސުވާލު އުފައްދަނިވި ކަމަކަށް ވަނީ ވެފައެވެ.

ސައުދީއިން ބުނަމުން ދަނީ ހަޝޯގީ މަރާލުމުގެ ނިޔަތެއް، ޓީމުގެ މެންބަރުންގެ ކިބާގައި ނެތް ކަމަށާ، އެކަމެއް ހިނގީ، ރުއްސައިގެން ހަޝޯގީ ސައުދީއަށް ގެނައުމަށް މަސައްކަތް ކުރުމުގެ ތެރޭގައި ކަމަށެވެ. ސައުދީއިން މިހެން ބުނި ކަމުގައި ވީ ނަމަވެސް، އެމެރިކާގެ ޖާސޫސީ އިދާރާ (ސީއައިއޭ) އިން ވަނީ، ހަޝޯގީ މަރާލުމުގެ އިޒުނަ، ސައުދީގެ ނުފޫޒުގަދަ ވަލީއަހުދު، މުހައްމަދު ބިން ސަލްމާން (އެމްބީއެސް) ދެއްވާފައި އޮތް ކަމަށް ބުނެފައެވެ.

ހަޝޯގީ މަރާލުމުގެ ޖަރީމާ ހިންގި ދުވަސްވަރަކީ، ސައުދީގެ ޝާހީ އާއިލާގެ މެންބަރުންނާ ދެކޮޅަށް އެމްބީއެސް ހިންގަވަމުން ގެންދެވި ބައެއް ފިޔަވަޅުތަކާ، ހުދު އެމްބީއެސްއަށްވެސް ހަޝޯގީ ފާޑުކިޔަމުން ދިޔަ ދުވަސްވަރެކެވެ.

އެމްބީއެސްއަށް ފާޑުކިއުންތަކެއް އަމާޒުކޮށް، އެމެރިކާގައި ހުރެ ލިޔުންތަކެއް ޝާއިއު ކުރަމުން ދިޔަ ހަޝޯގީ ދިރިހުއްޓާ އެންމެ ފަހުން ފެނިފައި ވަނީ، ތުރުކީވިލާތުގެ އިސްތަންބޫލްގައި ހުންނަ ސައުދީ އަރަބިއްޔާގެ ކޮންސިއުލޭޓު އިމާރާތަށް ވަންނަނިކޮށެވެ. އެއީ 2018 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 2 ވަނަ ދުވަހުއެވެ. ކޮންސިއުލޭޓަށް އޭނާ ދިޔައީ، އޭރު އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ތުރުކީވިލާތުގެ ހަދީޖާ ޖެންގީޒްއާ ކައިވެނި ކުރުމަށް، ހަމަޖައްސަން ޖެހޭ ލިޔެކިއުންތަކެއް ހަމަޖެއްސުމަށެވެ. އޭގެ ފަހުން އަދާ ޖެހުނުއިރުވެސް ހަޝޯގީގެ ހަށިގަނޑު ފެނިފައެއް ނުވެއެވެ.

ހަޝޯގީ މަރާލުމުގެ ކުރިން އޭނާ ލިޔުނު އެންމެ ފަހު ކޮލަމްގައިވެސް އެމްބީއެސް އަށް ބޮޑެތި ފާޑުކިއުން ތަކެއް އަމާޒު ކޮށްފައި ވެއެވެ.