ޔަހޫދީ ކަނާތު ފިޔައިގެ ނޭޝަނަލިސްޓުންނާއި، ފަލަސްތީނުގެ ބިންތަކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމާ އެއްކޮޅަށް ވަކާލާތު ކުރަމުން އަންނަ ގުރޫޕުތަކުން އިސްނަގައިގެން ކުރިއަށް ގެންދަން ރާވާފައި ވާ "ހިނގާލުން"، ގުދުސް ތެރެއިން ލާފައި ކުރިއަށް ގެންދިއުމަށް، އިޒްރޭލުގެ އާ ސަރުކާރުންވެސް ތާއީދު ކޮށްފިއެވެ.

މި ކަމަކީ، އިޒްރޭލުގައި 12 އަހަރު ބޮޑުވަޒީރު ކަން ކުރި ހުދުމުހުތާރު ލީޑަރު، ބެންޖަމީން ނަތަންޔާހޫގެ ވެރިކަން ނިމުމަކަށް ގެނެސް، އިޒްރޭލުގެ ވެރިކަމާ ހަވާލުވި އާ ސަރުކާރާ، ފަލަސްތީނާ ދެމެދު އިތުރު ހަތުރުވެރިކަމެއް އުފައްދަނިވި ކަމަކަށް ވާނެ ކަމަށް ބެލެވެއެވެ.

ގުދުސްގެ މުސްލިމު ކުއާޓަރުގެ ތެރެއަށްވެސް ހިނގާލުން ފަތުރާލާނެ ކަމަށް ބެލެވޭއިރު، ގައްޒާ ކޮންޓްރޯލް ކުރަމުން އަންނަ ހަމާސް ޖަމާއަތުން ވަނީ އެކަމާ ދެކޮޅަށް އިންޒާރު ކޮށްފައެވެ. ހިނގާލުން ކުރިއަށް ގެންދަން ނިންމާފައިވާ މި ދަނޑިވަޅަކީ، ޝައިހް ޖައްރާގައި ދިރިއުޅެމުން އަންނަ ފަލަސްތީނުގެ ރައްޔިތުންގެ ގެތަކުން އެމީހުން ބޭރުކޮށް، އެ ގެތަކުގައި އިޒްރޭލުގެ ޔަހޫދީން ވަޒަންވެރި ކުރުވުމުގެ ލާއިންސާނީ ފޯރި ގަދަވެފައިވާ ދަނޑިވަޅެކެވެ.

ނަތަންޔާހޫގެ ވެރިކަމުގައި ސިއްކަ ޖަހާ، ތާރީހު ނުދެކޭ ފަދަ އިއްތިހާދީ ބާރަކުން އިޒްރޭލުގެ ވެރިކަމާ ހަވާލުވެފައި ވާއިރު، އެއީ ވަކި ތަފާތު ސަރުކާރަކަށް ނުވާނެ ކަމަށް ފަލަސްތީނުން ދިޔައީ ބުނަމުންނެވެ. ވެރިކަމުގެ ފުރަތަމަ ދުވަހުވެސް އެ ސަރުކާރުން މިވަނީ، ފަލަސްތީނުގެ ހީކުރުންތަކަކީ، ސައްހަ ހީކުރުންތަކެއްކަން ސާބިތުކޮށްދީފައެވެ.