މިއަދު ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ ޖުމްލަ 372 މީހުން ކަމަށާއި މިވަގުތު އެކްޓިވް ކޭސްގެ ގޮތުގައި 8703 މީހުން އެބަތިބި ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ޕޮޒިޓިވް ވި މީހުންގެ ތެރެއިން މާލެ ސަރަހައްދުން 125 މީހަކާއި އަތޮޅުތެރޭގެ ރަށްރަށުން 215 މީހަކާއި މިވަގުތު ހިންގަމުން ދާ ރިސޯޓުތަކުން 30 މީހަކު މިއަދު ޕޮޒިޓިވް ވެފައިވާ ކަމަށެވެ. މީގެ އިތުރުން ލިވަބޯޑުން އެކަކާއި އިންޑަސްޓްރިއަލް މަސައްކަތް ކުރާ ރަށްރަށުން އެކަކު ވެސް ވަނީ މިއަދު ޕޮޒިޓިވްވެފައެވެ.

އިއްޔެ 224 މީހަކު ޕޮޒިޓިވްވެފައި ވާއިރު އޭގެ ކުރީ ދިވަހު މިބައްޔަށް ޕޮޒިޓިވްވެފައި ވަނީ 246 މީހެކެވެ. މިއީ މި ވޭތުވެ ދިޔަ ދެ މަސް ދުވަހުގެ ތެރޭގައި އެންމެ ދަށުން މީހުން ޕޮޒިޓިވްވި ދެ ދުވަހެވެ.

ޕޮޒިޓިވްވި މީހުންނާއެކު އެކްޓިވް ކޭސް މިވަނީ 8703 އަށް ތިރިވެފައި ކަމަށް އެޗްޕީއޭއިން ބުނެއެވެ. އިއްޔެ އެކްޓިވް ކޭސްގެ އަދަދު އުޅުނީ 9326 ގައެވެ. މިހާތަނަށް ރާއްޖެއިން ކޮވިޑް ޖެހުނު ޖުމްލަ އަދަދަކީ 70،673 އެވެ. މީހުންގެ ތެރެއިން 61،761 މީހުން މިހާތަނަށް ރަނގަޅުވެފައި ވާއިރު މަރުވި މީހުންގެ އަދަދު މިވަނީ 198 އަށް އަރާފައެވެ. މިއަދު މި ބަލީގައި މަރުވެފައި ވަނީ އެކަކެވެ. އެއީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން ދަނިކޮށް މަރުވި އުމުރުން 27 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މި މަސް ފެށިގެން އައިރު ޕޮޒިޓިވް ކޭސްގެ ގޮތުގައި ރިޕޯޓުކުރާ އަދަދު އަންނަނީ މަދުވަމުންނެވެ. މިދިޔަ މަހު 1000 އާއި 2000 އާ ދެމެދުން ކޮވިޑް ކޭސް ރިޕޯޓް ކުރަމުން އައި މި މަސް ފެށުނު އިރު ކޭސްތައް ރިޕޯޓު ކުރަނީ 700 އާ ގާތުންނެވެ. މި މަހު 12 ދުވަސް އެއްކޮށް ޕޮޒޮޓިވްވި ޖުމްލަ އަދަދު މި ވަނީ 6277 އަށް އަރާފައެވެ. އަދި މި މަހު މަރުވި މީހުންގެ އަދަދު މި ވަނީ 37 އަށް އަރާފައެވެ.

ރާއްޖެއިން މި ބަލި ފެންނަން ފެށިތާ މިއަޑާ ހަމައަށް 464 ދުވަސްވެފައި ވާއިރު، މި ދިޔަ އަހަރު ނިމުނު އިރު ކޮވިޑް ޕޮޒިޓިވް ކޭސްގެ ގޮތުގައި 13،757 ޖުމްލަ ކޭސް ވަނީ ރިޕޯޓް ކޮށްފައެވެ. އަދި އެ ދުވަހާ ހަމައަށް މަރުވި މީހުންގެ އަދަދު ވަނީ 48 ގައެވެ. ނަމަވެސް ވޭތުވެ ދިޔަ 5 މަސް ދުވަސް ތެރޭގައި ޖުމްލަ ޕޮޒިޓިވް ކޭސްގެ އަދަދު މި ވަނީ 70،000 އިން މައްޗަށް ގޮސްފައެވެ.