ކ. ގިރިފުށި ބަނދަރު ތަރައްގީ ކުރުމަށް މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ) އާ ހަވާލު ކޮށްފިއެވެ.

އެމްޓީސީސީން ބުނީ މި މަސައްކަތް ހަވާލު ކުރުމަށް މިއަދު މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ހެޑްކުއާޓަރުގައި ވަނީ އެކަމަށް ހާއްސަ ރަސްމިއްޔާތެއް ބާއްވާފައި ކަމަށެވެ. އެ ރަސްމިއްޔާތުގައި އެމްޓީސީސީ ފަރާތުން ކޮންޓްރެކްޓްގައި ސޮއި ކުރެއްވީ ޗީފް އެގްޒެކްޓިވް އޮފިސަރު އާދަމް އާޒިމް އެވެ. އަދި އެމްއެންޑީއެފްގެ ފަރާތުން ސޮއި ކުރެއްވީ ސާވިސް ކޯ ކޮމާންޑަރު ބްރިގޭޑިއާ ޖެނެރަލް ހާމިދު ޝަފީގެވެ.

މި މަސައްކަތުގެ ދަށުން 314 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށިލުމަށް ވަނީ ހަމަޖެހިފައެވެ. އަދި 145 ދުވަސްތެރޭ މަސައްކަތް ނިންމަން ހަވާލުކޮށްފައިވާ އިރު މިއީ 18.35 މިލިއަން ރުފިޔާގެ މަސައްކަތެއް ކަމަށް އެމްޓީސީސީން ބުނެއެވެ،

މި އެއްބަސްވުމުގައިވާ ގޮތުން، ކުރިއަށްއޮތް 28 ދުވަހުގެ ތެރޭގައި، މި ޕްރޮޖެކްޓްގެ އެންވަޔަރަމެންޓަލް އިމްޕެކްޓް އެސެސްމެންޓް (އީއައިއޭ) ހެދުމަށް ފަހު، ރިޕޯޓެއް އެކުލަވާލަން ޖެހެއެވެ. އަދި، އެ ރިޕޯޓް ލިބޭތާ 14 ދުވަހުގެ ތެރޭގައި ޕްރޮޖެކްޓްގެ އަމަލީ މަސައްކަތް ފެށުމަށް ވަނީ ހަމަޖެހިފައެވެ.

މި ޕްރޮޖެކްޓްގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތަށް ފަހު، ޕްރޮޖެކްޓާ ގުޅޭގޮތުން، އެމްއެންޑީއެފްގެ ލީޑާޝިޕާއި އެމްޓީސީސީގެ މެނޭޖްމަންޓާއެކު މިއަދު ބައްދަލުވުމެއް ވަނީ ބާއްވާފައެވެ. މި ބައްދަލުވުމުގައި، ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވަނީ، އެމްޓީސީސީން އެމްއެންޑީއެފްއަށް އަބަދުވެސް ދެމުންދާ އެހީތެރިކަމަށްޓަކައި ޝުކުރު އަދާ ކުރައްވާފައެވެ. އަދި ޕްރޮޖެކްޓްގެ ފައިސާ ދެ އަހަރަށް ބަހާލައިގެން ދައްކާގޮތަށް އެއްބަސްވެފައި ވާތީ އެމްޓީސީސީއަށް ޝުކުރު އަދާ ކުރެއްވިއެވެ.

މި ޕްރޮޖެކްޓަށް އަމަލީ ސިފަ ޖެހިގެން ދާން ފެށީ، ގިރިފުށި ފަޔަރިން ރޭންޖް އަލުން ބޭނުން ކުރަން ފެށުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހިމް މުހައްމަދު ސޯލިހް ގިރިފުއްޓަށް ކުރެއްވި ދަތުރުފުޅަށް ފަހުގައެވެ. އެދަތުރުފުޅުގައި ގިރިފުށި ބަނދަރަށް ދިމާވެފައިވާ މައްސަލައާ ގުޅޭ ގޮތުން މައުލޫމާތު ހޯއްދަވައި، އެކަމުގެ މުހިއްމުކަން ދެނެވަޑައިގެން، އެ މައްސަލަ ހައްލުކޮށް ދެއްވުމަށް ސަރުކާރުން ކުރި މަސައްކަތުގެ ސަބަުން ކަމާސް އެމްއެންޑީއެފުން ބުނެއެވެ.

ގިރިފުށީ ބަނދަރުގެ އެއްގަމު ތޮށި ފުރަތަމަ ޝީޓްޕައިލް ކުރެވިފައިވަނީ 1998 ވަނަ އަހަރުގައެވެ. އަދި ކޮންކްރީޓް ބީމްގެ މަސައްކަތް ކުރެވިފައިވަނީ 2002 ވަނަ އަހަރުގައެވެ.

މިއަދުގެ ރަސްމިއްޔާތުގަައި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް އާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް އަބްދުއްރަހީމްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.