ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި އުޅޭ ކުޑަ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތުކޮށް މީހަކު ހައްޔަރުކޮށްފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ފުލުހުން މީޑިއާ އޮފިޝަލް ވިދާޅުވީ އެމައްސަލާގައި މީހަކު ހައްޔަރުކޮށްފައިވަނީ މިދިޔަ ހޮނިހިރު ދުވަހު ކަމަށެވެ.

އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން 10 ދުވަސް ޖަހާފައިވާއިރު މައުލޫތު ލިބިފައިވާ ގޮތުގައި ހައްޔަރުކޮށްފައިވަނީ އުމުރުން 25 އަހަރުގެ ޒުވާނެކެވެ.

ފުލުހުން މީޑިއާ އޮފިޝަލް ވިދާޅުވީ އެމިހާ އަކީ އެ ހިޔާގައި މަސައްކަތް ކުރާ މީހެއް ނޫން ކަމަށެވެ. އަދި އެކުއްޖާ ފިލައިގެން، ހޯދަނިކޮށް ފެނުނީ އެމީހާ އާއެއްކޮށް ހުއްޓާ ކަމަށް ފުލުހުން ބުނެއެވެ.

އެމީހާގެ މައްޗަށް ގުރޫމްކޮށްގެން ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތު ފުލުހުން ވަނީ ކޮށްފައެވެ. ނަމަވެސް އޭނާ ވަނީ ފުލުހުންގެ ތުހުމަތުތަކަށް އިންކާރު ކޮށްފައެވެ.

އެކަމާ ގުޅިގެން އޭނާ ކޯޓުގައި ބުނެފައި ވަނީ، ތުހުމަތުކުރާ ފަދަ ގޯސް އަމަލެއް ކުއްޖާއާއެކު ނުހިންގާ ކަމަށާއި އެ ކުއްޖާ އޭނާގެ ގެއަށް ގޮސް އުޅޭކަން ހިޔާގެ މުވައްޒަފުންނަށް ވެސް އެނގޭނެ ކަމަށެވެ.

އެމިހާ އަކީ މަސްތުވާތަކެތި ބޭނުންކުރުމާއި މާރާމާރީގެ ކުށުގެ ރެކޯޑު އޮންނަ މީހެއް ކަމަށް ފުލުހުން ބުނެއެވެ.