ފާއިތުވީ 2 އަހަރެއްހާ ދުވަހުގެ ތެރޭގައި 4 ފަހަރެއްގެ މަތިން ކުރިއަށް ގެންދަން ޖެހުނު އާންމު އިންތިހާބުގެ ސަބަބުން ބައިބައިވެފައިވާ އިޒްރޭލު، އަލުން އެކަތިގަނޑަކަށް ހަދާ، އެއްބައިވަންތަ ކުރާނެ ކަމަށް، އިޒްރޭލުގެ އާ ބޮޑުވަޒީރު ނަފްތާލީ ބެނެޓް ވައުދުވެއްޖެއެވެ.

މުޅި އިސްލާމީ އުއްމަތުގެ ނަފުރަތު އަމާޒުވި ޔަހޫދީ ލީޑަރު، ބެންޖަމީން ނަތަންޔާހޫގެ 12 އަހަރުވީ ބޮޑުވަޒީރު ކަމުގެ ލަގަބުގައި ސިއްކަ ޖަހާ، ބޮޑުވަޒީރު ކަމުގެ ހުވާ ކުރި ބެނެޓް ވަނީ، އޭނާގެ ސަރުކާރުން މަސައްކަތް ކުރަމުން ދާނީ ހުރިހާ ރައްޔިތުންގެ ހައްގުގައި ކަމަށް ބުނެފައެވެ. އިދިކޮޅު ޕާޓީތަކުން އިއްތިހާދު ހަދައިގެން އިޒްރޭލުގެ ވެރިކަމަށް އައިސްފައި ވާއިރު، ސަރުކާރުން އެންމެ ހާއްސަ ކަމެއް ދޭނީ، ތައުލީމާއި ސިއްހީ ނިޒާމު އިސްލާހު ކުރުމަށް ކަމަށް ބެނެޓް ވަނީ ބުނެފައެވެ.

އިޒްރޭލުގައި މީގެ ކުރިން ފެނިފައި ނުވާ ފަދަ ކޯލިޝަން ސަރުކާރުގެ ލީޑަރެއްގެ ގޮތުގައި، ބެނެޓް ހުރިއިރު، އިޒްރޭލުގެ ގާނޫނު ހަދާ މަޖިލިހުން އާ ސަރުކާރަށް ރުހުން ދިނީ އާދީއްތަ ދުވަހުގެ ވަގުތެއްގައެވެ. އާ ސަރުކާރު، ވެރިކަން ކަށަވަރު ކުރީ އެންމެ ވޯޓެއްގެ ފަރަގުންނެވެ.

ވެރިކަން ހިއްސާ ކުރުމުގެ އެއްބަސްވުމުގެ ދަށުން، ސެޕްޓެމްބަރު 2023 ގެ ނިޔަލަށް، އިޒްރޭލުގެ ބޮޑުވަޒީރު ކަން ކުރާނީ ޔަމީނާ ޕާޓީގެ ލީޑަރު، ބެނެޓްއެވެ. އާ ވިދިގެން އިތުރު 2 އަހަރުގެ މުއްދަތަށް، އިޒްރޭލުގެ ބޮޑުވަޒީރު ކަން ހަވާލު ކުރާނީ، ޔެޝް އަތީދު ޕާޓީގެ އިސްވެރިޔާ، ޔެއީރު ލެޕީޑްއަށް ކަމަށް ވަނީ ކަނޑައަޅާފައެވެ.

ކަނާތު ފިޔައިގެ ލިކޫޑް ޕާޓީގެ ލީޑަރުގެ ގޮތުގައި ނަތަންޔާހޫ ދެމި ހުންނައިރު، މިހާރު އޭނާއަކީ އިޒްރޭލުގެ އިދިކޮޅު ލީޑަރެވެ.

އިޒްރޭލުގެ އާ ސަރުކާރާ ގުޅިގެން ފަލަސްތީނުގެ ރައުޔަށް މާ ބޮޑު ބަދަލެއް ނާދެއެވެ. ފަލަސްތީނުގެ ރައީސް، މަހަމޫދު އައްބާށްގެ ތަރުޖަމާނަކު ވިދާޅުވީ، މިކަމަކީ އިޒްރޭލުގެ ދާހިލީ ކަމެއް ކަމަށެވެ. ފަލަސްތީނުގެ ވާހަކައަށް ބަދަލެއް ނާންނަ ކަމަށާ، ފަލަސްތީނުން ބޭނުންވަނީ 1967 ވަނަ އަހަރުގެ ބޯޑަރުތަކާއެކު، އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ވެރި ރަށަކީ ގުދުސް ކަމުގައި ހަމަޖެހިގެން ދިއުން ކަމަށް ތަރުޖަމާނު ވަނީ ވިދާޅުވެފައެވެ.

ގައްޒާ ކޮންޓްރޯލް ކުރަމުން އަންނަ ހަމާސް ގެ ތަރުޖަމާނު، ފައުޒީ ބަރްހޫމް ބުނީ، ކޮންމެ ގޮތެއް ވިއަސް، އިޒްރޭލަކީ އިސްތިއުމާރީ ބާރެއް ކަމަށެވެ. ކޮންމެ ސިފައަކަށް އިޒްރޭލު އޮތް ކަމުގައި ވީ ނަމަވެސް، އެ ޒަޔަނިސްޓުންނާ މެދު ހަމާސްއިން ދެކޭ ގޮތް ބަދަލު ނުވާނެ ކަމަށްވެސް ބަރްހޫމް ވަނީ ފާހަގަކޮށްފައެވެ.

ކަން މިހެން އޮތް އިރު، ބައިނަލްއަގުވާމީ މައިދާނުގައި އިޒްރޭލުގެ އެންމެ ގާތް އެކުވެރިޔާގެ ގޮތުގައި އޮތް އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ، ބެނެޓްއަށް މަރުހަބާ ވިދާޅުވެފައެވެ. އަދި ދޭދޭ ގުޅުންތައް އިތުރަށް ބަދަހި ކުރައްވަން ބޭނުންފުޅު ވާ ކަމަށްވެސް، ބައިޑަން ވަނީ ވިދާޅުވެފައެވެ.