ކޮވިޑުން ރައްކާތެރިވުމަށް ރާއްޖޭގައި ވެކްސިން ޖެހުމަށް ހިންގާ ޕްރޮގްރާމްގެ ދަށުން މިހާތަނަށް ކޮވިޑް ވެކްސިންޖެހި މީހުންގެ ތެރެއިން ދެ ދޯޒް ފުރިހަމަ ކޮށްފައި ވަނީ 56.7 ޕަސެންޓް މީހުން ކަމަށް އެޗްޕީއޭ އިން ބުނެފިއެވެ.

ހެލްތް ޕްރޮޓެކްޗަން އެޖެންސީ ( އެޗްޕީއޭ) އިން އެންމެ ފަހު ހާމަ ކުރި ވެކްސިންގެ މައުލޫމާތަށް ބަލާއިރު މިހާތަނަށް ފުރަތަމަ ޑޯޒް ފުރިހަމަ ކޮށްފައި ވަނީ 313،865 މީހުން ކަމަށެވެ. އޭގެތެރެއިން ދެ ޑޯޒް މިހާތަނަށް ފުރިހަމަ ކޮށްފައި ވަނީ 177،969 މީހުންނެވެ.

ހޮނިހިރު ދުވަހު ކޮވިޑް ވެކްސިން ޖުމްލަ 1174 މީހަކަށް ޖަހާފައި ވާއިރު، އޭގެ ތެރެއިން 227 މީހަކަށް ވަނީ ކޮވިޑް ވެކްސިންގެ އެއްވަނަ ޑޯޒް ޖަހާފައެވެ. އެއީ މާލެ ސަަހައްދުން 81 މިހަކާއި އަތޮޅުތެރެއިން 146 މީހެކެވެ. އެދވަހު ދެވަނަ ޑޯޒް ޖެހި މީހުންނަށް ބަލާއިރު ޖުމްލަ 947 މީހަކު ވަނީ ވެކްސިން ޖަހާފައެވެ. އެއީ މާލެ ސަރަހައްދުން 264 މީހަކާއި އަތޮޅު ތެރެއިން 683 މީހެކެވެ.

ވެކްސިން ޖެހި މީހުންގެ ތެރެއިން ގިނަ ބަޔަކު ވެކްސިން ފުރިހަމަ ނުކޮށް ތިބެން ޖެހިފައި ވަނީ ރާއްޖެއަށް ގެނައި ކޮވިޑް ވެކްސިންގެ ސްތޯކް ހުސްވުމުންނެވެ. ނަމަވެސް ސިންގަޕޫރްގެ އެސްޓްރާޒެނެކާ ކުންފުނިން ގަންނަން މަސައްކަތް ކުރާ 500،000 ޑޯޒްގެ ކޮވިޑް ވެކްސިން އަންނަ މަހުލިބޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

ކޮވިޝީލްޑް ވެކްސިން ޖަހާފައި ތިބި މީހުންނަށް އެސްޓަރަޒެނެކާ ޖެހޭނެއެވެ. އެއީ ދެ އިންސްޓިޓިއުޓެއްގައި އުފެއްދި ކަމުގައި ވިޔަސް އެއް ވެކްސިނެކެވެ. އަންނަ މަހު އެސްޓްރާޒެނެކާ ވެކްސިން ލިބޭނެ ކަމަށް ބުނާއިރު، ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންނަށް 6 މަސް ތެރޭ ދެވަނަ ޑޯޒް ޖެހޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ.