މިއަދު ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ ޖުމްލަ 224 މީހުން ކަމަށާއި މިވަގުތު އެކްޓިވް ކޭސްގެ ގޮތުގައި 9326 މީހުން އެބަތިބި ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ޕޮޒިޓިވް ވި މީހުންގެ ތެރެއިން މާލެ ސަރަހައްދުން 113 މީހަކާއި އަތޮޅުތެރޭގެ ރަށްރަށުން 104 މީހަކާއި މިވަގުތު ހިންގަމުން ދާ ރިސޯޓުތަކުން 7 މީހަކު މިއަދު ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

މިއަދު 224 މީހަލު ޕޮޒިޓިވްވެފައި ވާއިރު އިއްޔެ މިބައްޔަށް ޕޮޒިޓިވްވެފައި ވަނީ 246 މީހެކެވެ. މިއީ މި ވޭތުވެ ދިޔަ ދެ މަސް ދުވަހުގެ ތެރޭގައި އެންމެ ދަށުން މީހުން ޕޮޒިޓިވްވި ދެ ދުވަހެވެ.

ޕޮޒިޓިވްވި މީހުންނާއެކު އެކްޓިވް ކޭސް މިވަނީ 9326 އަށް ތިރިވެފައި ކަމަށް އެޗްޕީއޭއިން ބުނެއެވެ. އިއްޔެ އެކްޓިވް ކޭސްގެ އދަ އުޅުނީ 11،041 ގައެވެ. މިހާތަނަށް ރާއްޖެއިން ކޮވިޑް ޖެހުނު ޖުމްލަ އަދަދަކީ 70،301 އެވެ. މީހުންގެ ތެރެއިން 60،769 މީހުން މިހާތަނަށް ރަނގަޅުވެފައި ވާއިރު މަރުވި މީހުންގެ އަދަދު މިވަނީ 196 އަށް އަރާފައެވެ. މިއަދު މި ބަލީގައި މަރުވެފައި ވަނީ އެކަކެވެ. އެއީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން ދަނިކޮށް މަރުވި އުމުރުން 83 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މި މަސް ފެށިގެން އައިރު ޕޮޒިޓިވް ކޭސްގެ ގޮތުގައި ރިޕޯޓުކުރާ އަދަދު އަންނަނީ މަދުވަމުންނެވެ. މިދިޔަ މަހު 1000 އާއި 2000 އާ ދެމެދުން ކޮވިޑް ކޭސް ރިޕޯޓް ކުރަމުން އައި މި މަސް ފެށުނު އިރު ކޭސްތައް ރިޕޯޓު ކުރަނީ 700 އާ ގާތުންނެވެ. މި މަހު 12 ދުވަސް އެއްކޮށް ޕޮޒޮޓިވްވި ޖުމްލަ އަދަދު މި ވަނީ 5905 އަށް އަރާފައެވެ. އަދި މި މަހު މަރުވި މީހުންގެ އަދަދު މި ވަނީ 36 އަށް އަރާފައެވެ.

ރާއްޖެއިން މި ބަލި ފެންނަން ފެށިތާ މިއަޑާ ހަމައަށް 463 ދުވަސްވެފައި ވާއިރު، މި ދިޔަ އަހަރު ނިމުނު އިރު ކޮވިޑް ޕޮޒިޓިވް ކޭސްގެ ގޮތުގައި 13،757 ޖުމްލަ ކޭސް ވަނީ ރިޕޯޓް ކޮށްފައެވެ. އަދި އެ ދުވަހާ ހަމައަށް މަރުވި މީހުންގެ އަދަދު ވަނީ 48 ގައެވެ. ނަމަވެސް ވޭތުވެ ދިޔަ 5 މސް ދުވަސް ތެރޭގައި ޖުމްލަ ޕޮޒިޓިވް ކޭސްގެ އަދަދު މި ވަނީ 70،000 އިން މައްޗަށް ގޮސްފައެވެ.