ކޮވިޑް ބައްޔަށް ފަރުވާ ދިނުމަށް ދަރުމަވަންތަ ހޮސްޕިޓަލުގެ 15 ވަނަ ފަންގިފިލާ ބޭނުން ކުރަން ފަށައިފި ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒު ވިދާޅުވެއްޖެއެވެ.

މިއަދު ހަވީރު އެޗްއީއޯސީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ، އައިޖީއެމްއެޗް ހިޔަލަ ވިންގުގައި ކޮވިޑް ބައްޔަށް ފަރުވާ ދެމުން ދިޔަ ނަމަވެސް މިހާރު ހިޔަލަ ވިންގުގައި ކޮވިޑް ބަލިޖެހޭ މީހުންނަށް ފަރުވާ ނުދޭ ގޮތަށް ނިންމާފައިވާ ކަަމަށެވެ. މި ވަގުތު ހިޔަލަ ވިންގުން ހިދުމަތް ނުދޭ ގޮތަށް ހަމަޖެއްސި އިރު ދަރުމަވަންތަ ހޮސްޕިޓަލުގެ 15 ވަނަ ފަންގިފިލާ އަކީ ކޮވިޑަށް ހާއްސަކޮށްގެން ފަރުވާ ދޭ ތަނެއް ގޮތުގައި ވަނީ ހަމަޖެހިފައި ކަމަށެވެ.

ދަރުމަވަންތަ ހޮސްޕިޓަލުގެ 15 ވަނަ ފަނގިފިލާ ކޮވިޑް ބައްޔަށް ފަރުވާ ދިނުމަށް ބޭނުން ކުރަން ހަމަޖެއްސި އިރު މިހާރުވެސް އެ ހޮސްޕިތާލުގެ 16، 17 އަދި 11 ވަނަ ފަންގިފިލާ އަންނަނީ ބޭނުން ކުރަމުންނެވެ. އެ ގޮތުން 11 ވަނަ ފަނގިފިލާއަކީ ހާއްސަކޮށް އައިސީޔޫގެ ގޮތުގައި ބޭނުން ކުރާ ފަންގިފިލާއެވެ.

ހޮސްޕިޓަލުގައި ކޮވިޑް ބައްޔަށް ފަރުވާ ކުރަމުންދާ މީހުންގެ ތަފްސީލް ހާމަ ކުރައްވަމުން މަބްރޫކް ވިދާޅުވީ، ޖުމްލަ 97 މީހަކަށް ހޮސްޕީޓަލުގައި އަންނަނީ ފަރުވާ ދެމުން ކަމަށެވެ. އޭގެތެރެއިން 13 މީހަކަށް އައިސީޔޫގައި ފަރުވާ ދެމުން އަންނަ އިރު 6 މީހަކަށް ފަރުވާ ދެމުން އަންނަނީ ވެންޓިލޭޓަރުގައި ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މި ވަގުތު ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ މީހުންގެ ތަފްސީލަށް ބަލާއިރު ޑީއެޗް 17 ގައި 4 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ. ހަމައެއާއެކު ޑީއެޗް 16 ގައި 3 މީހަކަށް އަދި ޑީއެޗް 11 ގައި 6 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.

އައިޖީއެމްއެޗް ޕްރައިވެޓް ވޯޑުގައި ކޮވިޑް ބަލި ޖެހިފައިވާ 4 މީހަކަށް ފަރުވާ ދެމުން އަންނަ އިރު ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ޖުމްލަ 53 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ. ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން އަންނަ 53 މީހުންގެ ތެރެއިން 46 މީހަކަށް ފަރުވާ ދެމުން އަންނަނީ ވޯޑުގައެވެ. އަދި 7 މިހަކަށް އަންނަނީ އައިސީޔޫގައި ފަރުވާ ދެމުންނެވެ. މީގެ އިތުރުން ހުޅުމާލެ ހޮސްޕިޓަލުގައި 7 މީހަކަށް އަދި އޭޑީކޭ ހޮސްޕިޓަލުގައި 5 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ.

އަތޮޅުތެރޭގައި މި ބައްޔަށް ފަރުވާ ހޯދާ މީހުންގެ ތަފްސީލަށް ބަލާއިރު، އައްޑޫގައި އެކަކު، އޭދަފުށީގައި އެކަކު، ގއ. ވިލިނގިލީގައި 3 މީހަކު، ގދ. ތިނަދޫގައި 6 މީހަކު ލ. ގަމުގައި 3 އަދި ފުވައްމުލަކުގައި އެކަކަށް އަންނަނީ ފަރުވާ ދެމުންނެވެ.