މޭ 26، ވަނަ ދުވަހުގެ ރޭ ދަންވަރު މއ. މޯނިންވިއު ގޭގެ 3 ވަނަ ފަންގިފިލާގައި ހިނގި އަލިފާނުގެ ހާދިސާގައި ލިބުނު ގެއްލުމުން އަރައިގަތުމަށް 1.3 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.
އެންޑީއެމްއޭ އިން ބުނީ މޯނިންވިއު ގޭގައި ހިނގި އަލިފާނުގެ ހާދިސާގައި އާއިލާތަކަށް ރިލީފް އެހީ ފޯރުކޮށް ދިނުމަށާއި އަދި ލިބުނު ގެއްލުމުން އަރައިގަތުމަށް އެހީތެރިވެދިނުމަށް ޖުމްލަ 1.3 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށެވެ.
ވަގުތީ ހިޔާ ހަމަޖެއްސުމާ ރިލީފް އެހީ ފޯރުކޮށްދިން ގޮތުގެ ތަފްސީލަށް ބަލާއިރު ހާލުގައި ޖެހި ވަގުތީ ވަނީ ހިޔާ 34 މީހަކަށް ފޯރުކޮށްދީފައެވެ. މިވަގުތު 14 މީހުން ވަގުތީ ހިޔާގައި ތިބި އިރު ފުރަތަމަ 21 ދުވަހަށް (ޖޫން 16 ގެ ނިޔަލަށް) ވަގުތީ ހިޔާ ހަމަޖައްސައި ދިނުމަށް 155،000 ރުފިޔާ ވަނީ ހަރަދުކޮށްފައިވާ ކަމަށް އެންޑީއެމްއޭ އިން ބުނެއެވެ.
ފުރަތަމަ 21 ދުވަހަށް ޒަރޫރީ ކެއިން ބުއިން ހަމަޖައްސައި ދިނުމަށް 141،000 ރުފިޔާ އަދި ޒަރޫރީ އަންނައުނު ހޯދުމަށް 46،000 ރުފިޔާގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް އެންޑީއެމްއޭއިން ބުނެއެވެ.
އެންޑީއެމްއޭއިން ބުނީ އާންމު ހާލަތަށް ރުޖޫއަވުމަށް ދެވޭ މުއްދަތުގައި ބޯހިޔާވަހިކަން ހަމަޖެއްސުމަށް ޖުމްލަ 232،300 ރުފިޔާ ހަރަދުވެފައި ވާ ކަމަށެވެ.
މި އަލިފާނުގެ ހާދިސާގައި މޯނިންވިއު ގޭގެ ހުޅަނގު ފަރާތު އިމާރާތް ދިރި ނޫޅެވޭ ވަރަށް ވަނީ ހަލާކުވެފައެވެ. މި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.