މާލެ ގެއެއްގައި ބާބިކިއު ހެދުމުގެ ތެރޭގައި އަލިފާނުގެ ހާދިސާއެއް ހިނގާ، މީހަކަށް އަނިޔާ ވެއްޖެއެވެ.

އެމްއެންޑީއެފުން ބުނީ އެހާދިސާ ހިނގާފައިވަނީ ހ. ފައިޕާކް ގޭގެ އެއްވަނަ ފަންގިފިލާގައި ބާބިކިއު ހެދުމުގެ ތެރޭގައި ގައި ކަމަށެވެ. އަދި އެގޭ މީހުން ކުރި މަސައްކަތުން އަލިފާން ނިއްވާލާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މި ހާދިސާގައި މީހަކަށް އަނިޔާވެ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑީއެފުން ބުނީ އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސާވިސް އަށް މިކަމުގެ ރިޕޯޓުު ލިބިފައިވަނީ މިއަދު 11:55 ހާއިރު ކަމަށެވެ.

މިއަދު އަލިފާނުގެ ހާދިސާއެއް ހިނގާފައިވާއިރު މިމަހު 11 ވަނަ ދުވަހުވެސް ވަނީ އަލިފާނުގެ ހާދިސާއެއް ހިނގާފައެވެ. 11 ވަނަ ދުވަހުގެ ރޭ ދަންވަރު 02:44 ހާއިރު ހިނގި އެ އަލިފާނުގެ ހާދިސާގައި އަލިފާން ރޯވީ ހ. ތަރަބޫޒުގޭގެ 1 ވަނަ ފަންގިފިލާގައި ބަހައްޓާފައި ހުރި، އެންގްރޭވް ކުރުމަށް ބޭނުންކުރާ ލޭޒާ މެޝިންތަކެއްގައެވެ.

މޭ 26، ވަނަ ދުވަހުގެ ރޭ ދަންވަރު މއ. މޯނިންވިއު ގޭގެ 3 ވަނަ ފަންގިފިލާގައި ވެސް ވަނީ އަލިފާނުގެ ހާދިސާއެއް ހިނގައިފައެވެ. މި އަލިފާނުގެ ހާދިސާގައި 5 އާއިލާއެއް ހާލުގައި ޖެހި 32 މީހެއްގެ ބޯހިޔާވަހިކަން ވަނީ ގެއްލިފައެވެ. އަދި މި ހާދިސާގެ އެސެސްމަންޓް ހަދާ ނިމިފައި ވާކަމަށާ އާދީއްތަ ދުވަހު މި އެސެސްމަންޓްގެ މައުލޫމާތު ދިނުމަށް ޕްރެސް ބްރީފިންއެއް ބޭއްވުމަށް ހަމަޖެހިފައި ވާކަމަށް ނޭޝަނަލް ޑިޒާޒްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފައިވެއެވެ.