ބައިނަލްއަގުވާމީ ފެންވަރުގައި ހިންގާ ކޮންޓޭޏަރު ޝިޕިންގް ސިނާއަތަށް ކުރިމަތިވެފައިވާ ދުވެލި މަޑުޖެހުމުގެ މައްސަލަ، މިއަހަރުގެ ނިޔަލަށް ދެމިގެން ހިނގައިދާނެ ކަމަށާ، ނަތީޖާއެއްގެ ގޮތުން ބައެއް ކަހަލަ މުދަލުގެ ސަޕްލައި ހީނަރު ވުމުގެ ފުރުސަތު އެބަ އޮތް ކަމުގެ އިންޒާރު، ދާއިރާގެ ތަޖުރިބާކާރުން ދީފިއެވެ.

ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަން، ޗައިނާގެ ގުއާންގްޑޮން ޕްރޮވިންސްގައި ފެތުރިގެން ދިއުމާއެކު، އެ ސަރަހައްދުގެ ބަނދުރުތަކުގެ އޮޕަރޭޝަންތަކަށް ބުރޫ އަރާ، ބަނދަރުގެ މަސައްކަތްތައް ފުނިޖެހިގެން ދިޔައެވެ.

ނަތީޖާއެއްގެ ގޮތުން ޝިޕިންގް ލަސްވެ، ބައިނަލްއަގުވާމީ ސަޕްލައި ޗޭނުތަކަށްވެސް އެކަމުގެ އަސަރު ފޯރިއެވެ. މިއާ ވިދިގެން އުފެދެމުން ދިޔަ މަސައްކަތް މަޑުޖެހުމުގެ އަނދަވަޅުން އަރައިގަތުމަށް އެތައް މަހެއް ހޭދަ ދާނެ ކަމަށް ބެލެވެއެވެ.

ގުއާންގްޑޮންގްގެ ޝިޕިންގްއަށް ކުރިމަތިވި ހީނަރު ކަމުގެ އިތުރުން، މިއަހަރުގެ ކުރީކޮޅު، މިސްރުގެ ސުއޭޒް ކެނޭލާގައި ކާގޯ ބޯޓެއް ތާށިވެ، ބައިނަލްއަގުވާމީ ޝިޕިންގް ރޫޓަށް އެރި ބުރޫތަކަކީވެސް، ސިނާއަތަށް ކުރިމަތިލާންޖެހުނު އިތުރު ތަކުލީފެކެވެ.

މީގެ އިތުރުން ކޮވިޑް-19ގެ ލޮކްޑައުންއަށް ބައެއް ހިސާބުތަކުން ދޫ ދޭން ފެށުމާއެކު، އާންމުން މުދަލަށް ކުރާ ޑިމާންޑް ކުއްލިއަކަށް އިތުރުވެގެން ދިއުމަކީވެސް ޝިޕިންގް ސިނާއަތަށް ބާރުބޮޑުވާ އިތުރު ސަބަބެކެވެ.

ޝިޕިންގް ސިނާއަތަކީ ބޮޑު ޖާގައެއް ބޭނުންވާ ސިނާއަތަކަށް ވުމުން، މައި ބަނދަރެއްގައި މަޑުޖެހޭ ޖެހުމުގެ އަސަރު، އެހެން ސަރަހައްދުތަކަށް، އެތައް މަހެއް ވަންދެން ފޯރައެވެ.