މިއަދުގެ މިހާތަނަށް ކޮވިޑް ބަލީގައި މަރުވީ ތިން މީހުން ކަމަށް އެޗްޕީއޭ އިން ބުނެފިއެވެ.
އެޗްޕީއޭއިން ދީފައިވާ މައުލޫމާތުތަކަށް ބަލާ އިރު، މިއަދު ކޮވިޑް ބަލީގައި ވަނީ މިހާތަނަށް ޖުމްލަ 3 މީހަކު މަރުވެފައެވެ. އެއީ އުމުރުން 84 އަހަރުގެ ދިވެހި އަންހެނަކާއި 25 އަހަރުގެ ދިވެހި އަންހެނަކާއި 92 އަހަރުގެ ދިވެހި ފިރިހެނެކެވެ.
މި ތިން މަރާއެކު މި މަހުގެ ތެރޭގައި މަރުވި މީހުންގެ އަދަދު މި ވަނީ 35 އަށް އަރާފައެވެ. މި އަހަރު ތެރޭ މިހާތަަނަށް 147 މީހަކު މަރުވެފައިވާ އިރު މިދިޔަ އަހަރު މި ބަލީގައި ވަނީ 48 މީހަކު މަރުވެފައެވެ. ރާއްޖެއިން މިހާތަނަށް 195 މީހަކު ވަނީ މި ބަލީގައި މަރުވެފައެވެ.
މިއަދު މަރުވި މީހުންގެ ތަފްސީލް:
- 193 ވަނަ މަރު: 84 އަހަރުގެ ދިވެހި އަންހެނެއް
- މަރުވީ ހުޅުމާލެ މެޑިކަލް ފެސިލިޓީ
- މަރުވެފައި ވަނީ މިއަދު ހެނދުނު 9:55 ގައި
- 194 ވަނަ މަރު: 92 އަހަރުގެ ދިވެހި ފިރިހެނެއް
- ލާމު ގަން ކޮވިޑް ފެސިލިޓީ
- މަރުވެފައި ވަނީ މިއަދު ހެނދުނު 10:54 ގައި
- 195 ވަނަ މަރު: 25 އަހަރުގެ ދިވެހި އަންހެނެއް
- މަރުވީ ދަރުވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގައި
- މަރުވެފައި ވަނީ މިއަދު މެންދުރު 12:43 ގައި
މިއަދު މަރުވި އުމުރުން 25 އަހަރުގެ އަންހެންމީހާއަކީ މި ބަލީގައި މިހާތަނަށް ރާއްޖެއިން ފަރުވާ ހޯދި މާބަނޑު މީހާ ކަމަށް އެޗްޕީއޭއިން ބުނެއެވެ. އޭނާ މވަނީ މި މަހުގެ 29 ވަނަ ދުވަހު ސިޒޭރިއަން ހަދާ ދަރިފުޅު ނަގާފައެވެ. އަދި ކުއްޖާއަށް އެންއައިސީޔޫ ގައި ފަރުވާ ދެމުން އަންނަ ކަމަށާއި މިއަދު އެ އަންހެންމީހާ މަރުވި އިރު އޭނާ ވަނީ 15 ދުވަސްވަންދެން ވެންޓިލޭޓަރުގައި ފަރުވާ ދީފައި ކަަމަށް ވެސް އެޗްޕީއޭ އިން ބުނެއެވެ.
2021 ގެ ކޮވިޑް މަރުގެ އަޕްޑޭޓް: 147
- ޖޫން 2021 - 35 މަރު
- މެއި 2021 - 88 މަރު
- އޭޕްރީލް 2021 - 6 މަރު
- މާޗް 2021 - 5 މަރު
- ފެބްރުއަރީ 2021 - 10 މަރު
- ޖެނުއަރީ 2021 - 4 މަރު
މިދިޔަ އަހަރުގެ މާޗް މަހުގެ 7 ވަނަ ދުވަހު ރާއްޖެއިން ފުރަތަމަ ކޮވިޑް ކޭސްއެއް ފެނިފައިވާއިރު އެ މަހުގެ 27 ވަނަ ވަނަ ދުވަހު ފުރަތަމަ ފަހަރަށް ރާއްޖެއިން ދިވެއްސަކު މި ބައްޔަށް ވަނީ ޕޮޒިޓިވް ވެފައެވެ. މިއަދާ ހަމައަށް މި ބަލި ރާއްޖެއިން ފެނުނުތާ މި ވަނީ 462 ދުވަސް ވެފައި ވާއިރު މި ވޭތުވެ ދިޔަ 13 މަސް ދުވަހަށް ބަލާ އިރު އެންމެ ގިނަ މީހުން މަރުވެފައި ވަނީ މިދިޔަ މަހުއެވެ. މި ދިޔަ މަހު 88 މީހަކު މަރު ވެފައި ވާއިރު، އޭގެތެރއިން 52 މީހުންނަކީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން ދަނިކޮށް މަރުވި މީހުންނެވެ.
އަދި މިހާތަނަށް އެންމެ ގިނަ މީހުން މަރުވި ދުވަހަކީ މިދިޔަ މެއި މަހުގެ 24 ވަނަ ދުވަހެވެ. އެ ދުވަހު ވަނީ ޖުމްލަ 13 މީހަކު މަރުވެފައެވެ.