މިއަދު ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ ޖުމްލަ 246 މީހުން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ޕޮޒިޓިވް ވި މީހުންގެ ތެރެއިން މާލެ ސަރަހައްދުން 88 މީހަކާއި އަތޮޅުތެރޭގެ ރަށްރަށުން 137 މީހަކާއި މިވަގުތު ހިންގަމުން ދާ ރިސޯޓުތަކުން 13 މީހަކު މިއަދު ޕޮޒިޓިވް ވެފައިވާ ކަމަށެވެ. މީގެ އިތުރުން ތަރައްގީ ކުރާ ރަށްރަށުން 8 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

މިއަދު 246 މީހަލު ޕޮޒިޓިވްވެފައިވާއިރު އިއްޔެ މިބައްޔަށް ޕޮޒިޓިވްވެފައި ވަނީ 295 މީހެކެވެ. މިއީ މި ވޭތުވެ ދިޔަ ދެ މަސް ދުވަހުގެ ތެރޭގައި އެންމެ ދަށުން މީހުން ޕޮޒިޓިވްވި ދެ ދުވަހެވެ.

ޕޮޒިޓިވްވި މީހުންނާއެކު އެކްޓިވް ކޭސް މިވަނީ 11،041 އަށް ތިރިވެފައި ކަމަށް އެޗްޕީއޭއިން ބުނެއެވެ. އަދި ކޮވިޑް ޖެހުނު 70،077 މީހުންގެ ތެރެއިން 58،832 މީހުން މިހާތަނަށް ރަނގަޅުވެފައި ވާއިރު މަރުވި މީހުންގެ އަދަދު މިވަނީ 195 އަށް އަރާފައެވެ.

މި މަސް ފެށިގެން އައިރު ޕޮޒިޓިވް ކޭސްގެ ގޮތުގައި ރިޕޯޓުކުރާ އަދަދު އަންނަނީ މަދުވަމުންނެވެ. މިދިޔަ މަހު 1000 އާއި 2000 އާ ދެމެދުން ކޮވިޑް ކޭސް ރިޕޯޓް ކުރަމުން އައި މި މަސް ފެށުނު އިރު ކޭސްތައް ރިޕޯޓު ކުރަނީ 700 އާ ގާތުންނެވެ. މި މަހު 12 ދުވަސް އެއްކޮށް ޕޮޒޮޓިވްވި ޖުމްލަ އަދަދު މި ވަނީ 5681 އަށް އަރާފައެވެ. އަދި މި މަހު މަރުވި މީހުންގެ އަދަދު މި ވަނީ 35 އަށް އަރާފައެވެ.

މި ދިޔަ އަހަރު ނިމުނު އިރު ކޮވިޑް ޕޮޒިޓިވް ކޭސްގެ ގޮތުގައި 13،757 ޖުމްލަ ކޭސް ވަނީ ރިޕޯޓް ކޮށްފައެވެ. އަދި އެ ދުވަހާ ހަމައަށް މަރުވި މީހުންގެ އަދަދު ވަނީ 48 ގައެވެ. ނަމަވެސް ވޭތުވެ ދިޔަ 5 މަސް ދުވަސް ތެރޭގައި ޖުމްލަ ޕޮޒިޓިވް ކޭސްގެ އަދަދު މި ވަނީ 70،000 އިން މައްޗަށް ގޮސްފައެވެ.