ކޮވިޑް ބަލިމަޑުކަމުން ރައްކާތެރިވުމަށް އަޅާ ފިޔަވަޅުތަކުގެ ތެރެއިން ކޮވިޑް ބަލި ޖެހި ރަނަގަޅުވެފައި ތިބޭ މީހުން މާލެ ސަރަހައްދުން އެހެން ރަށަކަށް ދަތުރު ކުރާ ނަމަ ކަރަންޓީން ވާން ޖެހޭ ކަމަށް އަންގައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ނެރުނު ސާކިއުލާއެއްގައި ބުނެފައި ވަނީ ކޮވިޑުން ރައްކާތެރި ވުމަށް ހާއްސަ ފިޔަވަޅެއް އަޅަން ނިންމާފައިވާ ކަަމަށެވެ.

ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއިކުރައްވާފައިވާ އެ ސާކިއުލާގައި ބުނެފައި ވަނީ މާލެ ސަރަހައްދާއި ރިސޯޓުތަކުންނާއި އަދި ގެސްޓްހައުސްތައް ހިންގާ ރަށްރަށުން އެހެން ރަށަކަށް މީހަކު ދަރު ކުރާ އިރު އެމީހާ އަކީ ކޮވިޑް ޖެހި ބަލިން ރަނގަޅުވިތާ 3 މަސް ހަމަނުވާ މީހަކު ނަމަ 14 ދުވަހުގެ މުއްދަތަކަށް ކަރަންޓިން ވާން ޖެހޭ ކަމަށެވެ.

މިގޮތަށް ހަމަޖެއްސިޔަސް އެ މީހަކު ކަރަންޓީންގެ މުއްދަތު ހަމަވުމަށް ފަހު ކަރަންޓީން ރިލީސް ވާން ޕީސީއާރް ޓެސްޓެއް ހަދަން ނުޖެހޭނެ ކަަމަށް އެ ސާކިއުލާގައި ބުނެފައި ވެއެވެ. ނަމަވެސް އެ މުއްދަތް ފުރިހަމަ ކުރާ އިރު ބަލީގެ އެއްވެސް އަލާމާތެއް ހުރެއްޖެ ނަމަ ކޮވިޑް ޓެސްޓު ކުރަން ޖެހޭނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

މިދިޔަ މެއި މަހުގައި ކޭސްތައް އިތުރުވެ 2000 އާ ގާތްކުރާ އަދަކަކަށް ދުވާލެއްގެ މައްޗަށް ރިޕޯޓު ކުރާ ކޭސްތަކުގެ އަދަދު އެރިވެ. އަދި މެއި މަހު ޖުމްލަ 34،561 މީހަކަށް ކޮވިޑް ޖެހި އެ ބަލީގައި 88 މީހަކު މަރުވެފައި ވާއިރު ބަލި ކޮންޓްރޯލް ކުރުމަށް އަންނަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަމުންނެވެ.

އެގޮތުން މި މަސް ފެށިގެން އައި އިރު ދުވާލެއްގެ މައްޗަށް މުޅި ރާއްޖެއިން ރިޕޯޓު ކުރާ ކޭސްތަކުގެ އަދަދު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. މިހާރު ދުވާލެއްގެ މައްޗަށް ރިޕޯޓު ކުރާ އަދަދު 500 އަށް ވުރެވެސް ދަށެވެ.