ރައްޔިތުން މަޖިލީހުގެ ރައީސް ބޭނުންފުޅުވެ ވަޑައިގަންނަވާ ގޮތް ނޫން ގޮތަކަށް ކަން ކުރާ މީހުންނާ ދިމާލަށް ގައްދާރެކޭ ބުނެ ދައްކަވާ ވާހަކަތައް ހުއްޓާލަން ޖެހޭ ކަމަށް އެމްޑީޕީގެ ފުރަތަމަ ރައީސް އަދި މަންދު ކޮލެޖްގެ ވެރިޔާ އިބްރާހިމް އިސްމާއީލް (އިބްރާ) ވިދާޅުވެއްޖެއެވެ.

އިބްރާ މިހެން ވިދާޅުވީ، މިދިޔަ މަހުގެ 6 ވަނަ ދުވަހު ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލަން އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން ސަރުކާރާއި ރައްޔިތުންގެ މަޖިލީހުގެވެސް މެޖޯރިޓީ ޕާޓީ، އެމްޑީޕީގެ ތެރޭގައި އުފެދެމުން އަންނަ މައްސަލަތަކާ ގުޅިގެންނެވެ.

އޭނާ ވިދާޅުވީ، މީގެ ކުރިން ގައުމުގެ އިސްލާހަށް ނުކުތް ގިނަ ބަޔަކަށް މިފަދަ ކަންކަމުން މިންޖު ނުވެވިގެން މަސައްކަތް ހުއްޓާލާފައިވާ ކަަމަށެވެ. އަދި އެ ގޮތަށް މަސައްކަތް ހުއްޓާލި މީހުން ބޭނުން ވަނީ ވެރިކަން ނޫން ކަމަށް ވެސް އޭނާ ފަހާގަ ކުރެއްވިއެވެ.

އިބްރާ މިހެން ވިދާޅުވި އިރު، މިހާރު އަލިފުށީ ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އަށް އެ ޕާޓީގެ ބައެއް ސަޕޯޓަރުންނާއި އެ ޕާޓީ ލީޑަޝިޕްގެ ބައެއް ބޭފުޅުންގެ ފާޑުކިޔުން އަންނަނީ އަމާޒުވަމުންނެވެ. އެ ފާޑުކިޔުންތައް އަމާޒުވެފައި ވަނީ ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާގެ އިންކުއަރީއަށް ހުރަސް އެޅުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިސްވެ ހުންނަވައިގެން ބިގޭ މެދުވެރި ކުރައްވައި، މަޖިލިސް މެންބަރުންނަށް ނުފޫޒު ފޯރުއްވަން އުޅުއްވާ ކަމަށް ނަޝީދާއި އެ މަނިކުފާނުގެ އަރިސް ބޭފުޅުން ތުހުމަތު ކުރެއްވުމާ ގުޅިގެންނެވެ.

ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވަނީ އެމަނިކުފާނުގެ ރަހުމަތްތެރިޔާ އަދި އަލިފުށީ ދާއިރާގެ މެންބަރު ސިޔާސީ ފައިިދާއަށް ކުރާ ކަންކަމާއި ދައްކާ ވާހަކަތައް އޭނާއަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ. އަދި އެމަނިކުފާނާ މެދު އެހެން ބޭފުޅުން ބަހައްޓަވާ ގާތްކަމުގެ ވާހަކަ ބިގޭ ނުދެއްކެވުމަށް އެ ޓްވީޓްގައި ރައީސް ނަޝީދު ވަނީ އެދިވަޑައިގެންފައެވެ.

އިމްތިޔާޒު ކޮމިޓީން މައްސަލަ ބޭރުކޮށްލުމުން ރައީސް ނަޝީދުގެ ތަހުގީގަށް ހުރަސްއަޅާ ކަމަށް ބުނެ މަޖިލީހުގެ ނައިބު ރައީސް އަދި ރައީސް ނަޝީދުގެ އާއިލާ ބޭފުޅެއް ކަމަށް ވާ އީވާ އަބްދުﷲ ވަނީ ބިގޭއަށް ތުހުމަތު ކުރައްވާފައެވެ. އެ ތުހުމަތުތައް ދޮގު ކުރައްވާ ބިގޭ ވިދާޅުވެފައި ވަނީ ކޮށައި، ކާޅަށް ކާން ދިނަސް ހައްގު ބަސް ވިދާޅުވުުގައި ދެމި ހުންނަވާނެ ކަމަށާ ވޭތުވެ ދިޔަ ދިގު މުއްދަތުގައިި ވެސް އޭނާ އުޅުއްވީ އިސްލާހީ މަސައްކަތްތަކުގައި ކަމަށެވެ. އަދި ހުންނަވާނީ ވެސް އެގޮތުގައި ކަމަށް އޭނާ ވިދާޅުވެފައި ވެއެވެ.

މި މައްސަލަތައް ފެށިގެން އައިސްފައި ވަނީ ވަކިވަކި ސިފައިން މަޖިލީހަށް ހާޒިރު ކުރަން ދެކޮޅު ހަދައި، މަޖިލީހަށް ސިޓީއެއް ފޮނުވި ޑިފެންސް މިނިސްޓްރީގެ ނައިބު ހަސަން ޒަމީލަށް ފިޔަވަޅު ނާޅަން މަޖިލީހުގެ އިމްތިޔާޒް އަދި ސުލޫކް ކޮމިޓީން ނިންމި ހިސާބުންނެވެ. އެ މައްސަލާގައި އެމްޑީޕީ ދެފަޅިވި ނަމަވެސް ނަޝީދުގެ ހަމަލާގެ އިންކުއަރީ ހިންގާ، 241 ކޮމިޓީ އަށް ވަކިވަކި ސިފައިން ހާޒިރުވެ އަންނަނީ ޖަވާބުދާރީ ވަމުންނެވެ.