ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ތޫފާނީ ރާޅަކާ ކުރިމަތިވެ، ރެކޯޑް އަދަދުތަކުން ކޭސް ރިޕޯޓް ކުރަމުން ދިޔަ އިންޑިއާއިން ބަލީގެ އާ ކޭސްތައް ރިޕޯޓް ކުރާ މިންވަރު ދަށްވާ ކަމުގެ ނިޝާންތައް ފެންނަން ފެށުމާއެކު، މާސްކާއި ސެނިޓައިޒާގެ އުފެއްދުންތަކުން ވިޔަފާރިވާ ނިސްބަތްވެސް ދަށަށް ދާން ފަށާފައި ވާ ކަމަށް، އޯލް އިންޑިއާ އޯގަނައިޒޭޝަން އޮފް ކެމިސްޓްސް އެންޑް ޑްރަގިސްޓްސް އެސޯސިއޭޝަނުން ބުނެފިއެވެ.
އެގޮތުން، ފާއިތުވީ 15 ވަރަކަށް ދުވަހަށް ބަލާއިރު، މުޅި އިންޑިއާގައި މާސްކާއި ސެނިޓައިޒާގެ އުފެއްދުންތަކުގެ ވިޔަފާރި، 30 ޕަސެންޓާއި 40 ޕަސެންޓާ ދެމެދު މިންވަރަކަށް ދަށަށް ގޮސްފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ.
އޯލް އިންޑިއާ އޯގަނައިޒޭޝަން އޮފް ކެމިސްޓްސް އެންޑް ޑްރަގިސްޓްސް އެސޯސިއޭޝަންގެ ރައީސް، ޖަގަނާތު ޝިންޑޭ ވިދާޅުވީ، ކޭސް ނަންބަރު ދަށްވެ، ކޮވިޑް-19ގެ ބިރު ފަނޑުވާން ފެށުމާއެކު، އާބާދީގެ ބައެއް، މާސްކާއި ސެނިޓައިޒާ ބޭނުން ކުރުން މަދުކޮށްލާފައިވުން އެކަށީގެން ވާ ކަމަށެވެ.
އޯލް އިންޑިއާ މާސްކް މެނުފެކްޗަރާޒް އެސޯސިއޭޝަންގެ ރައީސް، އަންޝުމާލީ ޖޭއިން ވިދާޅުވީ، މާސްކު ބޭނުން ކުރުން މަދުވެފައި ވަނީ މުއައްސަސާތަކުގެ ފެންވަރުގައި ކަމަށެވެ. އެގޮތުން، ކޮވިޑް-19ގެ ތޫފާނީ ރާޅާ ކުރިމަތިލާން ޖެހުމާއެކު، ސަރުކާރު އޮފީސްތަކާ އަމިއްލަ އޮފީސްތަކުންވެސް ގަނޑުކޮށް މާސްކު ގަނެގެން ބޭނުން ކުރަމުން ދިޔަ ކަމަށެވެ. ނަމަވެސް މި ފަހަކަށް އައިސް އެފަދަ ޑިމާންޑް ޓެންޑަރުތައްވެސް ދަށަށް ގޮސްފައި ވާކަމަށް އެނާ ވިދާޅުވިއެވެ.
މާސްކު އުފެއްދުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ޕެރަމައުންޓް ސާޖިމައިންޑްގެ ބާނީ، ޝައިލީ ގްރޫވާ ބުނާ ގޮތުގައި، މީގެ ކުރިން މަހެއްގެ މައްޗަށް 2-3 މާސްކަށް ޑިމާންޑް އޮތެވެ. ނަމަވެސް، މިއަދަދު މިހާރު 50000 މާސްކަށް ދަށްވެފައި ވާ ކަން އޭނާ ފާހަގަ ކުރެއެވެ. ކޭސް ނަންބަރުތައް ދަށްވާން ފެށުމާއެކު، މާސްކަށް އޮތް ޑިމާންޑް، 50 ޕަސެންޓް ދަށަށް ގޮސްފައި ވާ ކަމަށްވެސް ގްރޫވާ ވަނީ ފާހަގަކޮށްފައެވެ.
ކޮވިޑް-19ގެ ކޭސް ނަންބަރުތައް ދަށްވި ކަމުގައި ވީ ނަމަވެސް، ޖިސްމާނީ ގައިދުރުކަން ބެހެއްޓުމާއެކު މާސްކު ބޭނުން ކޮށް، ސައިބޯނި ލައިގެން އަތް ދޮވުން ނުވަތަ ސެނިޓައިޒާ ބޭނުންކޮށްގެން އަބަދުމެހެން އަތް ސާފުކޮށްފައި ބެހެއްޓުމަކީ، ބަލިމަޑުކަމުގެ އިތުރު ރާޅަކުން ސަލާމަތް ވުމަށް ފަރުދީ ފެންވަރުގައި ފަސޭހަ ކަމާއެކު އަދާ ކުރެވިދާނެ ޒިންމާތަކެކެވެ.