ގިނަ އަދަދަކަށް ކެމިކަލާއި އެނޫންވެސް ވިހަ މާއްދާތައް ބަރުކޮށްގެން ދަތުރު ކުރަމުން ދަނިކޮށް، އަލިފާން ރޯވެ، ހިސާބަކަށް ފެތިފައިވާ ސިންގަޕޫރުގެ ކާގޯ ބޯޓު، އެކްސް-ޕްރެސް ޕާލްއިން ތެޔޮ ލީކުވާ މިންވަރު ބެލުމުގެ ތަހުގީގެއް، ސްރީލަންކާއިން ލޯންޗުކޮށްފިއެވެ.

ބުރާސްފަތި ދުވަހު ލޯންޗުކުރި ތަހުގީގު މައިގަނޑު ގޮތެއްގައި އަމާޒު ކުރަނީ، ކަނޑަށް ބޭރުވެ، 0.35 އަކަ ކިލޯމީޓަރުގެ ސަރަހައްދަކަށް ފެތުރިފައިވާ ތެޔޮ ޕެޗަކަށް ކަމަށް މައުލުމާތު ލިބެއެވެ. މި ތެޔޮ ޕެޗް ފެތުރިފައި ވަނީ އެކްސް-ޕްރެސް ޕާލްގެ ބައެއް ފެތިފައިވާ، ސްރީލަންކާގެ ހުޅަނގު އައްސޭރި ފަށުގެ ކަނޑުގެ ސަރަހައްދުގައެވެ.

ސްރީލަންކާގެ ކޯސްޓް ކޮންޒަވޭޝަން މިނިސްޓަރު، ނަލަކާ ގޮޑަހެވާ ވިދާޅުވީ، ތެޔޮ ޕެޗް ތަހުގީގު ކުރުމަށް ސަރަހައްދީ ތަޖުރިބާކާރުންނަށް އަންގަވާފައި ވާނެ ކަމަށެވެ.

ކޮޅުނބުގައި ހުންނަވާ، ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވަޒީރު ވިދާޅުވީ، ހާދިސާ ހިނގި ސަރަހައްދަށް ޒިޔާރަތް ކުރައްވާ، އެ ތެޔޮ ޕެޗް ފާހަގަ ކުރެވިފައި ވާ ކަމަށާ، ބެލެވޭ ގޮތުގައި އެއީ ޑީސަލް ކަމަށެވެ. އެއީ ބަންކަރު އޮއިލް ކަމަށް ނުބެލެވޭ ކަމަށާ، އެކަން ތަހުގީގު ކުރުމަށް ދާއިރާގެ ތަޖުރިބާކާރުންނަށް އަންގަވާފައި ވާނެ ކަމަށެވެ.

އެކްސް-ޕްރެސް ޕާލް ފެތުނީ، 13 ދުވަސްވަންދެން އެނދުމަށް ފަހުގައެވެ. މި ކާރިސާއަކަށް އެތައް އަހަރަކަށް ދެމިގެންދާނެ ތިމާވެށީގެ ނުރައްކާތެރި ކާރިސާއަކާށް ވާނެ ކަމަށް، ދާއިރާގެ ތަޖުރިބާކާރުން ދަނީ، ތަކުރާރުކޮށް އިންޒާރު ކުރަމުންނެވެ.

ބޯޓުގެ ވެރި ކުންފުނިންވެސް ވަނީ، އިންޓަނޭޝަނަލް ޓޭންކާޒް އޯނާޒް ޕޮލޫޝަން ފެޑެރޭޝަން (އައިޓީއޯޕީއެފް)އާ، އޮއިލް ސްޕިލް ރެސްޕޯންސް (އޯއެސްއާރް) ގެ މެންބަރުން، މަންދޫބުންގެ ގޮތުގައި ހާދިސާ ހިނގި ސަރަހައްދަށް ފޮނުވާފައެވެ.