ރާއްޖޭގައި ހިންގާ ބޭންކުތަކުން ދޫކުރާ ވިސާ ކާޑުތަކުން ރާއްޖޭގައި ޑޮލަރުން މުއާމަލާތް ނުކުރެވޭ ގޮތް ހަދަން ނިންމި އުސޫލަށް އަމަލުކުރުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ފަސްކޮށްފިއެވެ.

މީގެ ކުރިން އެމްއެމްއޭ އިން ކުރި އިއުލާނުގައި ވަނީ ރާއްޖޭގެ ބޭންކުތަކުން ދޫކުރާ ވިސާކާޑުތަކުން މޭ 15 އިން ފެށިގެން މުއާމަލާތް ހިންގޭނީ ދިވެހިރުފިޔާއިން އެކަނި ކަމަށެވެ. ނަމަވެސް މިހާރު ވަނީ އެގޮތަށް އަމަލުކުރުން އޮގަސްޓް 15 އަށް ފަސްކޮށްފައެވެ.

މިގޮތަށް އަމަލުކުރުން ފަސްކުރަން ނިންމާފައި ވަނީ ކޮވިޑްގެ ހާލަތު އިތުރަށް ގޯސްވުމުގެ ސަބަބުން ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް އަޅާފައިވާ ވަގުތެއްގައި، ހިދުމަތްދޭ ފަރާތްތަކަށް ގޮންޖެހުންތައް ހުންނާނެ ކަމަށް ގަބޫލު ކުރެވޭތީ ކަމަށް އެމްއެމްއޭ އިން ވަނީ ބުނެފައެވެ.

ބައެއް ތަންތަނުން ރާއްޖޭގައި ކުރާ ވިޔަފާރީގެ މުއާމަލާތްތައް ފައިސާ ކަނޑަމުން އަންނީ ޑޮލަރުންނެވެ.

އެމްއެމްއޭ އިން މި ބަދަލު ގެނައުމަށް ނިންމާފައި ވަނީ "ނެޝަނަލް ނެޓް ސެޓްލްމަންޓް ސާވިސް" ރާއްޖޭގައި ތައާރަފް ކުރުމާއެކުގައެވެ.

އެމްއެމްއޭ އިން ވިސާގެ "ނެޝަނަލް ނެޓް ސެޓްލްމަންޓް ސާވިސް" ގެ ގޮތުގައި ކަނޑައަޅާފައި ވަނީ ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އެވެ. އެހެންކަމުން ރާއްޖޭގައި ދޫކުރާ ހުރިހާ ވިސާ ކާޑެއްގެވެސް ސެޓަލްމަންޓް ހަދާނީ ބީއެމްއެލްއިންނެވެ.