ގެއްލުން ދެނިވި ހަރަކާތްތައް ހިންގާ ކަމުގައި ވަނީނަމަ، އެކަމަށް އެންމެ އެކަށީގެންވާ ހަރުކަށި ނަތީޖާތަކާ އެ ގައުމަށް ކުރިމަތިލާން ޖެހޭނެ ކަމުގެ އިންޒާރު، ރަޝިއާއަށް ދެއްވަމުން، އެމެރިކާގެ ރައީސް ޖޯ ބައިޑަން، ގައުމުން ބޭރަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅު ފައްޓަވައިފިއެވެ.

މި ދަތުރުފުޅުގައި ބައިޑަން ވަޑައިގަތީ އިނގިރޭސވިލާތަށް ކަމަށް ވާއިރު، އޭނާ ވަނީ، ކުރީގެ ރައީސް، ޑޮނާލްޑް ޓްރަމްޕްގެ ޒައާމަތުގައި ހީނަރުވެފައިވާ ގުޅުންތައް އިޔާދަ ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި މަގުސަދަކީ، އެމެރިކާއަށް ވާގިދޭ ގައުމުތަކާއެކު ގުޅުންތައް އިތުރަށް ވަރުގަދަ ކުރުން ކަމަށްވެސް ބައިޑަން ވަނީ ސާފުކޮށްދެއްވާފައެވެ.

އިނގިރޭސިވިލާތަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އާ "އެޓްލާންޓިކް ޗާޓަރަކަށް" ބައިޑަން އެއްބަސްވެވަޑައިގަންނަވާނެ ކަމަށް މައުލޫމާތު ލިބެއެވެ.

8 ދުވަހުގެ މުއްދަތަށް ވިލާތަށް ކުރައްވަމުން ގެންދަވާ މި ދަތުރުފުޅުގައި، ވިންޑްޒާ ކާސަލްގައި، އިނގިރޭސި ރާނީއާވެސް ބައިޑަން ބައްދަލު ކުރައްވާނެއެވެ. މީގެ އިތުރުން އެންމެ މުއްސަނދި 7 އިގުތިސޯދުގެ އިއްތިހާދު (ޖީ-7)ގެ ސަމިޓެއްގައި ބައިވެރިވެވަޑައިގަތުމަށް ތާވަލުގައި ވާ އިރު، އެމެރިކާގެ ރައީސްގެ ހައިސިއްޔަތުން، ފުރަތަމަ ފަހަރަށް ނޭޓޯ ސަމިޓެއްގައި ބައިޑަން ބައިވެރިވެވަޑައިގަންނަވާނީ މި ދަތުރުފުޅުގެ ތެރެއިން ކަމަށް ހަބަރު ލިބެއެވެ.

ބައިޑަންގެ ދަތުރުފުޅު ނިންމަވާލެއްވުމުގެ ކުރިން، ރަޝިއާގެ ރައީސް ވްލޭޑްމިއާ ޕޫޓިންއާވެސް ބައްދަލު ކުރައްވާނެ ކަމަށްވެއެވެ. މި ބައްދަލުކުރެއްވުން ކުރިއަށް ދާނީ ސުވިޓްޒަލަންޑްގެ ޖެނީވާގައެވެ. ރަޝިއާގެ ރައީސާ ކުރައްވާ މަޝްވަރާތަކުގެ ތެރޭގައި، ހަތިޔާރު ކޮންޓްރޯލް ކުރުމާ، މޫސުމީ ބަދަލުތަކުގެ އިތުރުން، ޔޫކްރައިންގެ މަސްރަހުގެ ތެރެއަށް ރަޝިއާއިން ވަދެފައިވާ މައްސަލައާ، އިންޓަނެޓް މެދުވެރިކޮށް ރަޝިއާއިން ހިންގާ ހެކް ކުރުމުގެ ޖަރީމާތަކާ، އިދިކޮޅު ލީޑަރު އެލެކްސީ ނަވާލްނީގެ މައުލޫ ހިމެނޭނެ ކަމަށް، އެމެރިކާގެ ރިޔާސީ އިދާރާ – ވައިޓްހައުސް އިން ވަނީ އިޝާރާތް ކޮށްފައެވެ.