ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 73 މައްސަލަ މިދިޔަ އޭޕްރީލް މަހު، މިނިސްޓްރީ އޮފް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސަސްއަށް ރިޕޯޓު ކޮށްފައިވާ ކަމަށް އެ މިނިސްޓްރީން ބުނެފިއެވެ.

ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 73 މައްސަލަ އޭޕްރީލް މަހު ރިޕޯޓު ކޮށްފައި ވާއިރު، އެ ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ އިހުމާލުވުމުގެ މައްސަލަތަކެވެ. އެގޮތުން އެ ބާވަތުގެ 25 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ.

އޭގެ އިތުރުން ޖިންސީ ހާނިއްކައިގެ 13 މައްސަލަ، ގެވެށި އަނިޔާގެ ޢަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ 11 މައްސަލަ، ނަފްސާނީ ހާނިއްކައިގެ 10 މައްސަލަ، ޖިސްމާނީ ހާނިއްކައިގެ 9 މައްސަލަ، އެހެންކުދިންގެ ފަރާތުން ގަނާލިބުމުގެ އަދި ފުރައްސާރައިގެ ޝިކާރައަކަށްވުމުގެ 2 މައްސަލަ އަދި އެހެންކުދިންގެ ފަރާތުން އިންޓަރނެޓް މެދުވެރިކޮށް ގަނާ ލިބުމުގެ 1 މައްސަލައެއް ވެސް ވަނީ ރިޕޯޓު ކޮށްފައެވެ.

ކުޑަކުދިންގެ އަހުލާގާ ގުޅުން ހުރި 17 މައްސަލަ އޭޕްރީލް މަހު ހުށަހަޅާފައިވާ ކަމަށް ޖެންޑާއިން ބުނެއެވެ. . އެ ފަދަ މައްސަލަތަކުގެ ތެރޭގައި ގަނާކުރުމުގެ 12 މައްސަލަ، ގެއިން ނުކުމެގެން ދިއުމުގެ 1 މައްސަލަ އަދި ސްކޫލަށް ދާން ބޭނުންނުވުމުގެ 1 މައްސަލަ ހިމެނެއެވެ.

ހައްގުތަކުން ކުޑަކުދިން މަހްރޫމުކުރުމުގެ 7 މައްސަލަ އޭޕްރީލް މަހު ވަނީ ރިޕޯޓުކޮށްފައިވާއިރު އެއީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ހުރަސްއެޅުމުގެ 4 މައްސަލަ އަދި ތައުލީމަށް ހުރަސްއެޅުމުގެ 3 މައްސަލަ އެއް ވެސް ހުށަހަޅާފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.

އާއިލީ 13 މައްސަލަ އޭޕްރީލް މަހު މިނިސްޓްރީއަށް ހުށަހަޅާފައިވާއިރު އެ ފަދަ މައްސަލަތަކުގެ ތެރޭގައި ކުދިން ބެލުމުގައި ޖެހޭ 7 މައްސަލަ، ހަޟާނާތު ނުވަތަ ކުދިންނާ ބައްދަލުނުކުރެވޭ 5 މައްސަލަ، އަދި ދަރިންނަށް ހަރަދު ދިނުމުގައި ދިމާވާ 1 މައްސަލަ ހިމެނެއެވެ.

ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 37 މައްސަލަ އޭޕްރީލް މަހު މިނިސްޓްރީއަށް ވަނީ ހުށަހަޅައިފައެވެ. އެ ފަދަ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ ނަފްސާނީ އަނިޔާކުރުން ނުވަތަ އަނގަބަހުން އަނިޔާކުރުމުގެ 16 މައްސަލައެވެ.

މިބާވަތުގެ މައްސަލަތަކުގެ އިތުރުން، ޖިސްމާނީ އަނިޔާގެ 13 މައްސަލަ، ޖިންސީ ހާނިއްކަކުރުމުގެ 3 މައްސަލަ، ގަދަކަމުން ޖިންސީ ގޯނާ ކުރުމުގެ 2 މައްސަލަ، އިހުމާލުވުމުގެ 1 މައްސަލަ، ނަހަމަ ގޮތުގައި ބޭނުންކުރުމުގެ 1 މައްސަލަ އަދި ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަމުގެ 1 މައްސަލަ ހިމެނެއެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އުމުރުން ދުވަސްވީ މީހުނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން 22 މައްސަލަ އޭޕްރީލް މަހު މިނިސްޓްރީއަށް ހުށަހަޅާފައިވާއިރު އެއީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ 16 މައްސަލައާއި، އުމުރުން ދުވަސްވީ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ 6 މައްސަލައެވެ.

އަމިއްލަ ނަފުސަށް ގެއްލުންދިނުމާ ގުޅޭ 8 މައްސަލަ އޭޕްރީލް މަހު ވަނީ ރިޕޯޓުކޮށް އެޓެންޑްކޮށްފައިވެއެވެ.

އޭޕްރީލް މަހު 3 ކުއްޖަކު އާއިލާއާ ރީއިންޓާގްރޭޓް ކޮށް، 1 ކުއްޖަކު ދައުލަތުގެ ބެލުމުގެ ދަށަށް ނެގިފައިވާ ކަމަށް ޖެންޑާ މިނިސްޓްރީން ވަނީ ބުނެފައެވެ. 18 އަހަރު ފުރިފައިވާ 1 ކުއްޖަކު އޭޕްރީލް މަހު ވަނީ ވަޒީފާގެ ފުރުސަތާއެކު މުޖުތަމައުއަށް ރުޖޫއަކޮށްފައެވެ.

އޭޕްރީލް މަހުގެ ނިޔަލަށް ދައުލަތުގެ ބެލުމުގެ ދަށުގައި ތިބީ ޖުމުލަ 216 ކުދިންނެވެ.