ކޮވިޑް19 އާ ދެކޮޅަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ސިއްހީ އަދި އިޖުތިމާއީ ކަންކަމަށް 1713.3 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުން މިދިޔަ މޭއި މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް ކޮވިޑާއާ ދެކޮޅަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކަށް އެކި އިދާރާތަކުން މުޅި ޖުމްލަ 3.4 ބިލިއަން ރުފިޔާ (3431.5 މިލިއަން ރުފިޔާ) ވަނީ ހަރަދު ކޮށްފައެވެ.

އެގޮތުން ސިއްހީ އަދި އިޖުތިމާއީ ކަންކަމަށް 1713.3 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވާއިރު އިގްތިސޯދީ ކަންކަމަށް 1718.2 މިލިއަން ހަރަދު ކޮށްފައިވާ ކަމަށް ވެސް މި ތަފާސްހިސާބުތަކުން ދައްކައެވެ.

މި ހަރަދުތަކުގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކޮށްފައި ވަނީ ހެލްތު މިނިސްޓްރީ އާއި ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިންނެވެ. އެގޮތުން އެންޑީއެމްއޭ އިން 783.8 މިލިއަން ހަރަދު ކޮށްފައި ވާއިރު، ހެލްތު މިނިސްޓްރީން ވަނީ 499.1 މިލިއަން ހަރަދު ކޮށްފައެވެ.

ކޮވިޑްގެ ކަންކަމަށް ޑިޒާސްޓާ މެނޭޖްމެންޓް ފަންޑުން 84.1 މިލިއަން ރުފިޔާ އާއި ޓޫރިޒަމް އެކްޓިވިޓީސް އިމްޕްލިމެންޓޭޝަން ފަންޑުން 28.8 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ވެސް ފިނޭންސްގެ ތަފާސް ހިސާބުތަކުން ދައްކާފައިވެއެވެ.

އޭގެ އިތުރުން ޕްލޭނިން މިނިސްޓްރީން 40.8 މިލިއަން ރުފިޔާ، އެމްއެންޑީއެފުން 67.6 މިލިއަން ރުފިޔާ، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން 16.5 މިލިއަން ރުފިޔާ، ފޮރިން މިނިސްޓްރީން 6.8 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ފިނޭންސްގެ ތަފާސް ހިސާބުތަކުން ދައްކައެވެ. އަދި ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިން 1.2 މިލިއަން، ހަޔާ އެޑިއުކޭޝަން މިނިސްޓްރީން 3.3 މިލިއަން، ޖެންޑާ މިނިސްޓްރީން 4.4 މިލިއަން، ފުލުހުންގެ އިދާރާއިން 31.1 މިލިއަންގެ އިތުރުން އިމިގްރޭޝަނުން 0.9 މިލިއަނާއި އައިޖީއެމްއެޗުން 145.0 މިލިއަން، ރުފިޔާ ވެސް ވަނީ ކޮވިޑަށް ހަރަދުކޮށްފައެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސު ހިސާބުތަކުން ދައްކާ ގޮތުން މިހާތަނަށް އެންމެ ބޮޑު ހަރަދެއް މިހާތަނަށް ކޮށްފައި ވަނީ ކޮވިޑް-19 އާ ގުޅިގެން ދޭންޖެހޭ ހިދުމަތްތައް ދިނުމަށް ބޭނުންވާ ސާމާނު ހޯދުށެވެ. އެގޮތުން ހިދުމަތްތަކަށް ބޭނުންވާ ސާމާނު ހޯދުމަށް 201.6 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ.