ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓަށް އިތުރު ބިން ނަގަން ސަރުކާރުން އެދިފައިވީނަމަވެސް އެކަމާ މެދު އަދި ގޮތެއް ނިންމާފައި ނުވާ ކަމަށް ހަނިމާދޫ ކައުންސިލުން ބުނެފިއެވެ.

ރާއްޖެ އާއި އިންޑިއާ އިން ސޮއިކޮށްފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރާ ބިމުގެ ސަރަހައްދަށް 853،937 އަކަފޫޓު އިތުރުކުރަން ޕްލޭނިން މިނިސްޓްރީން ހުށަހެޅިއެވެ.

މިނިސްޓްރީން މިދިޔަ މާޗު މަހު ފޮނުވި ސިޓީއެއްގައި ވަނީ އެއާޕޯޓު ތަރައްގީކުރަން ބޭނުންވާ ބިމުގެ ތެރެއިން އެމްއެންޑީއެފްގެ ނޯދާން އޭރިޔާ ހެޑްކުއާޓާސް އަޅާނެ ބިން ވެސް އެ ސަރަހައްދުގެ ތެރެއިން ކަނޑައަޅަން ކަމާބެހޭ އިދާރާތަކުން ނިންމާފައިވާ ކަމަށެވެ. އެހެންވެ، އެ ލޭންޑް ޔޫސް ޕްލޭނާ މެދު ހަނިމާދޫ ކައުންސިލަށް ފެންނަ ގޮތެއް އަންގައި ދިނުމަށް އެ ސިޓީގައި ވަނީ އެދިފައެވެ.

އެކަމާ ގުޅިގެން ހަނިމާދޫ ކައުންސިލުން ވަނީ ބައްދަލުވުމެއް ބާއްވާފައެވެ.

" ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ހަނިމާދޫ ކައުންސިލްގެ ރައީސް އަބްދުލް ސައްތާރު ހަސަން ވިދާޅުވީ އިތުރު ބިން ދިނުމާ މެދު ކައުންސިލްގެ ބައްދަލުވުމެއް ބޭއްވި ނަމަވެސް ބިން ދިނުމާ ގުޅޭގޮތުން އަދި ވަކި ގޮތެއް ނިންމާފައި ނުވާ ކަމަށެވެ.

އެކަމާ ރައްޔިތުންގެ ކަންބޮޑުވުން ތަކާ ގުޅޭގޮތުން ސުވާލު ކުރެއްވުމުން ސައްތާރު ވަނީ އެކަމާ ގުޅިގެން މިވަގުތު އިތުރު އެއްޗެއް ބުނެވެން ނެތް ކަމަށް ވިދާޅުވެފައެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓަށް އިތުރު ބިން ނަގަން ސަރުކާރުން ނިންމާފައިވާ ނިންމުން ބަދަލުކޮށްދޭން އެދި ހަނިމާދޫގައި ހަރަކާތްތެރިވާ ޖަމިއްޔާތަކުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ވަނީ ސިޓީއެއް ފޮނުވާފައެވެ.

އެ ސިޓީގައި ފާހަގަކޮށްފައިވާ ގޮތުގައި، ހަނިމާދޫ އެއާޕޯޓް ތަރައްގީ ކުރަން އިތުރަށް ނަގަން ނިންމާފައިވާ އަށް ލައްކަ އަކަ ފޫޓުގެ ބިމަކީ ބޮޑު ސަރަހައްދަކަށް ވާއިރު ހަނިމާދޫ ފަޅުން ވެސް އެއާޕޯޓަށް ބޭނުންވާ އިތުރު ބިން ހޯދާ ވަރަށް ޖާގަ އޮންނާނެއެވެ.

އޭގެ އިތުރުން އެ ސަރަހައްދުގެ ގޮނޑުދޮށަކީ މިހާރު ވެސް ހަނިމާދޫގެ ރައްޔިތުން މޫދަށް އެރި އާއިލާއާއެކު މަޖާކޮށް ހެދުމަށް ބޭނުންކުރާ ސަރަހައްދެއް ކަމުގައި ސިޓީގައި ފާހަގަކޮށްފައިވެއެވެ. އަދި މި ރަށުގެ ރައްޔިތުންނަށް އިތުރު ގެދޮރު ބޭނުންވާއިރު އަދި މުސްތަގުބަލުގައި ވެސް ގެދޮރު ބޭނުންވެދާނެ ކަމަށް ބަލައި ވެސް މި ސަރަހައްދު މުހިއްމު ވާނެ ކަން ވެސް އެ ސިޓީގައި ވަނީ ބުނެފައެވެ.