ބޮޒްނިއާގެ މުސްލިމުންނާ ދެކޮޅަށް ގަތުލުއާންމާއި، ހަނގުރާމައިގެ ޖަރީމާ އަދި އިންސާނިއްޔަތާ ހިލާފު އެތައް ޖަރީމާއެއް ހިންގާފައިވާ ސާބިއާގެ ކުރީގެ ކޮމާންޑަރު، ރަޓްކޯ މްލާޑިޗާއި ދެކޮޅަށް 2017 ވަނަ އަހަރު ސާބިތުކުރި މައްސަލައާ ގުޅިގެން، އޭނާ ހުށަހެޅި އިސްތިއުނާފަށް، އދގެ ކޯޓުން އިންކާރު ކޮށްފިއެވެ.
އދގެ ކޯޓުން ވަނީ، 1995 ވަނަ އަހަރު ބޮޒްނިއާގެ 8000 އެއްހާ މުސްލިމުން މަރާލުމުގައި މްލާޑިޗްގެ ބައިވެރިވުން އޮތް ކަމަށް ބަލާ، އޭނާގެ މައްޗަށް އިއްވާފައިވާ ހުކުމް ނަގަހައްޓާފައެވެ.
މްލާޑިޗްގެ އިސްތިއުނާފަށް ދަ ހޭގްގެ 5 ފަނޑިޔާރުންގެ ބެންޗުން އިންކާރު ކުރީ، އެކަށީގެންވާ ހެކި ދެއްކިފައި ނުވާކަމަށް ބުނެއެވެ.
ބޮޒްނިއާ ގަތުލު އާންމަކީ، އދގެ އިހުތިސޯސް ހިނގާ ދާއިރާއަށް ބަލާއިރު، ދެވަނަ ބޮޑު ހަނގުރާމައަށްފަހު، ވިލާތު ބައްރުގައި މިހާތަނަށް ހިންގި އެންމެ ބޮޑު ލާއިންސާނީ ޖަރީމާއެވެ.
މި މައްސަލާގައި މްލާޑިޗްގެ މައްޗަށް އިއްވާފައި ވަނީ އުމުރު ދުވަހުގެ ޖަލު ހުކުމެއް ކަމަށް ވާއިރު، އޭނާގެ ހުކުމުގައި ބާކީ އޮތް ބައި ފުރިހަމަ ކުރާނީ ކޮންތަނެއްގައި ކަން އަދި ސާފެއް ނުވެއެވެ.
16 އަހަރު ދުވަސް ވަންދެން ފިލައިގެން އުޅެނިކލޮށް، ކަމާ ބެހޭ ފަރާތްތަކުން މްލާޑިޗް ހައްޔަރު ކުރީ 2011 ވަނަ އަހަރުއެވެ.
ބޮޒްނިއާ ގަތުލުއާންމުގައި އަނިޔާ ލިބުނު މީހުންނާ، އާއިލާގެ މެންބަރުން ގެއްލިދިޔަ މީހުން ވަނީ އދގެ ކޯޓުގެ ނިންމުމަށް މަރުހަބާ ކިއާފައެވެ.