މާލެއިން 217 މީހަކާއެކު މިއަދު ރާއްޖެއިން ޖުމްލަ 370 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައި ވާކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ޕޮޒިޓިވް ވި މީހުންގެ ތެރެއިން މީހުން ދިރިއުޅޭ ރަށްރަށުން 148 މީހަކާއި މިވަގުތު ހިންގަމުން ދާ ރިސޯޓުތަކުން 4 މީހަކާއި އަދި ތަރައްގީ ކުރަމުން އަންނަ ރަށްރަށުން އެއް މީހަކު މިއަދު ޕޮޒިޓިވް ވެފައިވާ ކަމަށެވެ. މިއަދު ޕޮޒިޓިވްވި މީހުންނާއެކު އެކްޓިވް ކޭސް މިވަނީ 17،461 އަށް އަރާފައި ކަމަށް އެޗްޕީއޭއިން ބުނެއެވެ. އަދި ކޮވިޑް ޖެހުނު 68،872 މީހުންގެ ތެރެއިން 51،213 މީހުން މިހާތަނަށް ރަނގަޅުވެފައި ވާއިރު މަރުވި މީހުންގެ އަދަދު މިވަނީ 189 އަށް އަރާފައެވެ.

މިއަދު މި ބަލީގައި އެކަކު މަރުވެފައި ވާއިރު އެއީ އުމުރުން 77 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެމީހާ މަރުވެފައި ވަނީ ލ. ގަން ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުން ދަނިކޮށް މިއަދު ހެނދުނު 9:13 ގައެވެ.

މި މަހު މިހާތަނަށް ޖުމްލަ 4476 ކޭސް އަދި 28 މަރު

  • ޖޫން 1: 768 ޕޮޒިޓިވް، 8 މަރު
  • ޖޫން 2: 704 ޕޮޒިޓިވް، 2 މަރު
  • ޖޫން 3: 648 ޕޮޒިޓިވް، 2 މަރު
  • ޖޫން 4: 432 ޕޮޒިޓިވް، 3 މަރު
  • ޖޫން 5: 590 ޕޮޒިޓިވް، 6 މަރު
  • ޖޫން 6: 412 ޕޮޒިޓިވް، 3 މަރު
  • ޖޫން 7: 552 ޕޮޒިޓިވް، 3 މަރު
  • ޖޫން 8: 370 ޕޮޒިޓިވް، 1 މަރު

މި މަސް ފެށިގެން އައިރު ޕޮޒިޓިވް ކޭސްގެ ގޮތުގައި ރިޕޯޓުކުރާ އަދަދު އަންނަނީ މަދުވަމުންނެވެ. މިދިޔަ މަހު 1000 އާއި 2000 އާ ދެމެދުން ކޮވިޑް ކޭސް ރިޕޯޓް ކުރަމުން އައި މި މަސް ފެށުނު އިރު ކޭސްތައް ރިޕޯޓު ކުރަނީ 700 އާ ގާތުންނެވެ. މި މަހު 8 ދުވަސް އެއްކޮށް ޕޮޒޮޓިވްވި ޖުމްލަ އަދަދު މި ވަނީ 4476 އަށް އަރާފައެވެ. އަދި މި މަހު މަރުވި މީހުންގެ އަދަދު މި ވަނީ 28 އަށް އަރާފައެވެ.

މި ދިޔަ އަހަރު ނިމުނު އިރު ކޮވިޑް ޕޮޒިޓިވް ކޭސްގެ ގޮތުގައި 13،757 ޖުމްލަ ކޭސް ވަނީ ރިޕޯޓް ކޮށްފައެވެ. އަދި އެ ދުވަހާ ހަމައަށް މަރުވި މީހުންގެ އަދަދު ވަނީ 48 ގައެވެ. ނަމަވެސް ވޭތުވެ ދިޔަ 5 މަސް ދުވަސް ތެރޭގައި ޖުމްލަ ޕޮޒިޓިވް ކޭސްގެ އަދަދު މި ވަނީ 67،000 އިން މައްޗަށް ގޮސްފައެވެ.

ކޮވިޑްގެ މި ހާލަތުގައި މާލޭގެ މަގުމަތީގައި މީހުން ނިކުމެ އުޅޭ މަންޒަރު / ފޮޓޯ: އާއިޝަތު ޝާޒްލީން | ދަ ޕްރެސް

މެއި 2021 ގެ ނިޔަލަށް ޖުމްލަ 50،639 ކޮވިޑް ކޭސް އަދި 113 މަރު

  • މެއި - 34،561 ޕޮޒިޓިވް ކޭސް، 88 މަރު
  • އޭޕްރީލް - 5756 ޕޮޒިޓިވް ކޭސް، 6 މަރު
  • މާޗް - 4286 ޕޮޒިޓިވް ކޭސް، 5 މަރު
  • ފެބްރުއަރީ - 3952 ޕޮޒިޓިވް ކޭސް، 10 މަރު
  • ޖެނުއަރީ - 2084 ޕޮޒިޓިވް ކޭސް، 4 މަރު

މިދިޔަ އަހަރުގެ މާޗް 27 ވަނަ ދުވަހު ފުރަތަމަ ފަހަރަށް ރާއްޖެއިން ދިވެއްސަކު މި ބައްޔަށް ޕޮޒިޓިވް ވެފައިވާ އިރު މިއަދާ ހަމައަށް މި ބަލި ރާއްޖެއިން ފެނުނުތާ މި ވަނީ 458 ދުވަސް ވެފައެވެ. މި ވޭތުވެ ދިޔަ 13 މަސް ދުވަހަށް ބަލާއިރު އެންމެ ގިނަ މީހުން ޕޮޒިޓިވް ވެފައި ވަނީ މިދިޔަ މަހުއެވެ. މި ދިޔަ މަހު ޕޮޒިޓިވް ވީ މީހުންގެ ޖުމްލަ އަދަދަކީ 34،561 އެވެ. އަދި މި ބަލީގައި އެންމެ ގިނަ މީހުން މަރުވި މަހަކަށް ވެ 88 މަރު ވަނީ މެއި މަހު ރިޕޯޓް ކޮށްފައެވެ.

ކޮވިޑުން ރައްކާތެރިވުމަށް މި ދިޔަ މަހުގެ 26 ވަނަ ދުވަހު މާލެ ސަރަހައްދުގައި 16 ގަޑިއިރުގެ ކާފިއުގެ އިތުރުން އަޅާފައިވާ ހަރުކަށި ފިޔަވަޅުތައް މިއަދު ވަނީ އިތުރު އެއް ހަފްތާއަށް ދަންމާލާފައެވެ. މި ފިޔަވަޅުތަކުގެ ތެރޭގައި މިސްކިތްތަކުގައި ނަމާދު ނުކުރުމާއި، ރެސްޓޯރަންޓް ކެފޭތަކުގައި ކެއިން ބުއިން މަނާ ކުރުމާއި ސަރުކާރު އޮފީސްތަކަށް މުވައްޒަފުން މަސައްކަތްތަށް ނުކުތުން މަނާ ކުރުން ހިމެނެއެވެ.