ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުގެ ތެރެއިން ދިރިއުޅުމުގެ އާދަތަކަށް އައި ބޮޑެތި ބަދަލުތަކަށް ރިއާޔަތްކޮށްގެން ތައާރަފުކޮށްފައިވާ އައިއޯއެސް 15 ގެ އާ ފީޗާތައް ދައްކާލުމާއެކު، އެޕަލް ކުންފުނިން، ޑިވަލޮޕަރުންގެ އަހަރީ ބައްދަލުވުން ފަށައިފިއެވެ.

އައިއޯއެސް 15 އިން ބައެއް ބަދަލުތައް ފެނިގެންދާނެ ދާއިރާތަކުގެ ތެރޭގައި ފޭސްޓައިމް އަދި އެޕަލްވޮލެޓް ހިމެނެއެވެ.

އެގޮތުން ފޭސްޓައިމް މެދުވެރިކޮށް، ކޯލެއް ކުރާ ގަޑީގައި، އެކުގައި ފިލްމު ބަލާ، ލަވަ ޖަހާ ހެދުމުގެ ފުރުސަތު، ކަސްޓަމަރުންނަށް ލިބިގެންދާނެއެވެ. އަދި ޗެޓް ކޯލްއެއްގައި ތިބޭ އެންމެން ރަނގަޅަށް ފެންނާނެހެން ގްރިޑްވިއުއަށް ވެސް ބަދަލުތަކެއް ގެނެސްފައިވެއެވެ. މީގެ އިތުރުން، އެންޑްރޮއިޑް އަދި ވިންޑޯޒް ކަސްޓަމަރުންނަށްވެސް ފޭސްޓައިމް ކޯލްތަކުގައި ބައިވެރިވެވޭނެ ކަމަށް މައުލޫމާތު ލިބެއެވެ.

އެޕަލްވޮލެޓަށް ގެނައި ބަދަލުތަކަށް ބަލާއިރު، ކޮންމެ ތަނެއްގައި ހުރެގެންވެސް ގޭގެ ކޮންމެ ތަނަކާ، ހޮޓަލުގެ ކޮޓަރި "އަންލޮކް" ކުރުން ފަދަ ކަންކަން ކުރެވޭނެ ކަމަށްވެއެވެ. މިސާލަކަށް، ހަގީގީ ތަޅުދަނޑިއަކާ ނުލާ، ޑިޖިޓަލް ތަޅުދަނޑި ބޭނުން ކޮށްގެން ކާރު ހުޅުވާލުން ފަދަ ކަންކަން ކުރެވޭނެ ކަމަށް އެޕަލްއިން ބުނެއެވެ.

މީގެ އިތުރުން ކާކުކަން އަންގައިދޭ ކާޑު ފަދަ ކާޑުތައްވެސް އެޕަލްވޮލެޓްގައި ރައްކާ ކުރެވޭނެ މަގު ފަހި ކުރާނެ ކަމަށް ހަބަރު ލިބެއެވެ.

އެޕަލް އައިއޯއެސް 15، އާންމުންނާ ހިސާބަށް އަންނާނީ މިއަހަރުގެ ފަހުކޮޅުގައެވެ.