ރާއްޖޭގައި ކޮވިޑް ފެތުރެން ފެށުމާއެކު ކޮވިޑްގެ ކަންކަން ބެެހެއްޓުމަށް ހަވާލުވެފައިވާ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކުރަމުންދާ މަސައްކަތުގައި ހެދޭ ކުށްތަކުގެ އަޑުތައް ގަދަވެފައިވާ މި ދަނޑިވަޅުގައި އަނެއްކާ ވެސް އެ އެޖެންސީން ފަރުވާ ކުޑަވެ ހެދިފައިވާ މިސްޓޭކެއް ފެންމަތި ވެއްޖެއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން ކޮވިޑް ބައްޔަށް ޕޮޒިޓިވްވެ ރަނގަޅުވެފައިވާ އަންހެނަކު ބުނީ، އޭނާއަށް މި މަހުގެ 7 ވަނަ ދުވަހު ނުދަންނަ ނަންބަރަކުން ގުޅުމުން އޭނާ މެސެޖު ކޮށްލުމުން ހައިރާންވާ ކަހަލަ މައުލޫމާތެއް ލިބުނު ކަމަށެވެ. އޭނާއަށް މެސެޖުން ޖަވާބު ދިނުމަށް އެދި މެސެޖު ކުރުމުން އެ ނުދަންނަ ނަންބަރުން މެސެޖު ކުރި މީހާ ވަނީ އެ އަންހެންމީހާގެ ފުރިހަމަ ނަމުން ގޮވާލައި އެއީ އޭނަ ތޯ އަހާފައެވެ. މެސެޖު ކުރަނީ ރަނގަޅު މީހާ ކަމަށާއި އަދި ކިހިނެއްވީތޯ ސުވާލު ކުރުމުން އެމީހާ ބުނެފައި ވަނީ އޭނާގެ ބޭބެއަށް ހާލު ބެލުން ޕޯޓަލް މެދުވެރިކޮށް އައިސޮލޭޝަންގައި ހުރުމުގެ ލިޔުމަކަށް ލިބިފައި ވަނީ އެ އަންހެން މީހާގެ ނަމުގައި ވާ ލިޔުމެއް ކަމަށް އޭނާ ބުނެއެވެ.

އެ ދެމީހުންގެ ދެމެދުގައި ފުރަތަމަ މެސެޖުން ކުރި މައާމަލާތުގެ ސްކްރީން ޝޮޓެއް

އެ ފަރާތުން އޭނާއަށް މެސެޖުކޮށްފައި ވަނީ ބޭބެގެ ނަމުގައި އޮތް ލިޔުމެއް ލިބިފަިއވޭތޯ ބަލާ ޗެކް ކުރުމަށް ކަމަށް ބުނެއެވެ. ބޭބެގެ ލިޔުން އެޗްޕީއޭއަށް އޮޅިގެން އެމީހާއަށް ފޮނުވުނީ ކަމަށް ހީކޮށް ބޭބެގެ ލިޔުން އެފަރާތަށް ލިބިފައި އޮތް ނަމަ ފޮނުވައި ދިނުމަށް އެދިފައިވާ ކަމަށް އެ އަންހެން މީހާ ބުނެއެވެ. ނަމަވެސް އެ އަންހެން މީހާއަށް އެ ބުނާ ފިރިހެން މިހާގެ އައިސޮލޭޝަންގައި ހުރުމުގެ ލިޔުން ލިބިފައި ނުވާ ކަަމަށް ބުނުމުން އެ ފަރާތުން ވަނީ އެމީހުންނަށް ލިބުނު ލިޔުން ހިއްސާކޮށްފައެވެ.

އޭނާ ބުނީ އެހެން މީހެއްގެ ނަމުގައި އެއްވެސް ލިޔުމެއް ލިބިފައި ނުވާ ކަމަށެވެ. ނަމަވެސް އެޗްޕީއޭ އޭނާގެ މައުލޫމާތު ހާމަކޮށްފައިވާ އެ ލިޔުން އެހެންމީހަކަށް ދެވުމަކީ ވަރަށް ބޮޑު ގޯހެއްގެ ގޮތުގައި އޭނާ ސިފަ ކުރިއެވެ. ސަބަބަކީ އޭނާގެ ޕާސަނަލް އެތައް މައުލޫމާތެއް އެހެން މީހަކަށް ހިއްސާ ކުރެވިފައި އޮތުން ކަމަށް އޭނާ ބުނެއެވެ. އަދި އެ ލިޔުން ލިބުނު ބަޔަަކަށް އޭނާއަށް ގުޅާ، މެސެޖު ކުރަން ވެސް އެނގުނީ ޕާސަނަލް މައުލޫމާތު ލިބިފައި ވާތީ ކަމަށް އޭނާ ބުނެއެވެ.

ފިރިހެނެއްގެ ހާލު ބެލުން ޕޯޓަލް އަށް ފޮނުވާފައިވާ އެހެން މީހެއްގެ ލިޔުން

އައިސޮލޭޝަންގައި ހުރުމަށް އެދި ދޫކުރާ ލިޔުމުގައި ބަލި މީހާގެ ފުރިހަމަ ނަމާއި އެޑްރެސް، އަދި އައިޑީކާޑް ނަންބަރާއި ފޯނު ނަންބަރު ހިމަނާފައި ވެއެވެ. އަދި އައިސޮލޭޝަންގައި އެމީހަކު ހުންނަ ތަނުގެ މައުލޫމާތު ވެސް އެ ލިޔުމުގައި ހިމަނާފައި ވެއެވެ.

މިކަމާ ގުޅިގެން އެ އަންހެންމީހާ ވަނީ އޭނާގެ ކަންބޮޑުވުން އެޗްޕީއޭ އަށް ހިއްސާކޮށްފައެވެ. އަދި މިފަދަ ކަންކަމަކީ ޒިންމާދާރުކަން ކުޑަ ވުމުން ވާ ކަމެއް ކަމަށާއި، މިއީ އާންމުންގެ އިތުބާރު ގެއްލެން ޖެހޭ ސަބަބެއް ކަމަށް ވެސް އޭނާ ބުނެއެވެ.

އެ ދެމީހުންގެ ދެމެދުގައި ފުރަތަމަ މެސެޖުން ކުރި މައާމަލާތުގެ ސްކްރީން ޝޮޓެއް

މިކަމާ ގުޅިގެން އެޗްއީއޯސީން މައުލޫމާތު ދެމުން ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، މިފަދަ ކަންކަމަކީ ހިނގައިގެން ވާނެ ކަންކަން ނޫން ކަމަށެވެ. ކޮންމެ މީހެއްގެ ލިޔުން އަޅަނީ ވަކިވަކިން ޗެކްކޮށް އަދި އަޕްލޯޑް ކުރަނީވެސް ކޮންމެ ލިޔުމެއް ވަކިވަކިން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މީހަކަށް އެމީހާގެ ލިޔުން ނޫން ލިޔުމެއް ލިބިގެން ނުވާނެ ކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ.

އެފަދަ މައްސަލައެއް މިވީހާތަނުން މަދުން ނޫނީ ދިމާވެފައި ނުވާ ކަމަށާއި ހާލަކުން އެއް މައްސަލަ އުޅޭދާނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ. އަދި މިފަދަ ކަންކަމަކީ "ހިއުމަން އެރާ" އެއް ގޮތުގައި އޭނާ ސިފަ ކުރެއްވިއެވެ.

ކޮވިޑް-19 ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް

ކޮވިޑްގެ މި ހާލަތުގައި އެޗްޕީއޭއިން ރެއާ ދުވާލު ކުރަމުންދާ ބުރަ މަސައްކަތްތަކަކީ އާންމުން ބަލައިގަންނަ ކަންކަމެވެ. ނަމަވެސް މަދުން ނަމަވެސް މިފަދަ މިސްޓޭކް ފެންނާތީ އާންމުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. ބައެއް ފަރާތްތަކުން ބުނާ ގޮތުންގައި ހޮޓަލައިން ނަންބަރަށް ގުޅައިގެން މައުލޫމާތު ދިނުމުގައި ވެސް ދަތިތައް ހުންނަ އިރު ހާލު ބެލުން ޕޯޓަލްއިން މިދިޔަ މަހުގެ ތެރޭގައި ބައެއް ލިޔެކިޔުން ލިބުމުގައި ވެސް ލަސްތަކެއް ހުރުމުން އާންމުން ވަނީ އެ ކަންބޮޑުުވުންތައް ވެސް ހިއްސާކޮށްފައެވެ.

އެޗްޕީއޭއިން ބުނީ އެފަދަ މައްސަލަތައް ހައްލުކުރަން އަބަދުވެސް މަސައްކަތް ކުރާ ކަމަށެވެ. އަދި މުވައްޒަފުންގެ ދަތިކަން އޮތް އިރު ކޮވިޑް ކޭސްތައް އެންމެ ގިނަިއން ރިޕޯޓް ކުރަމުން އައި ދުވަސްވަރު ބައެއް އިދާރީ އަދި ޓެކްނިކަލް ކަންކަމުގައި މައްސަލަތައް ފާހަގަ ކުރެވި އެ މައްސަލަތައް ހައްލުކުރަމުން ދާ ކަމަށެވެ.