މިދިޔަ މަހުގެ 6 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން މަޖިލީހުން ކުރިއަށް ގެންދާ "ޕާލިމެންޓް އިންކްއަރީ" އަށް މައުލޫމާތު ހޯދަން ނެޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރު (އެންސީޓީސީ)ގެ ވެރިޔާ ބްރިގޭޑިއާ ޖެނެރަލް ޒަކަރިއްޔާ މަންސޫރު މިއަދު 241 ކޮމިޓީއަށް ހާޒިރު ކޮށްފި އެވެ.

ޒަކަރިއްޔާ ކޮމިޓީއަށް ހާޒިރު ކުރައްވާފައި ވަނީ މިއަދު މެންދުރު ފަހު 2:00 އިރެވެ. ކޮމިޓީގެ ބައްދަލުވުންތައް ކުރިއަށް ގެންދަނީ ސިއްރު ކޮށްގެނެވެ.

ކޮމިޓީގެ އިއްޔެގެ ބައްދަލުވުމަށް ވަނީ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނަރަލް އަބްދުﷲ ޝަމާލާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނަރަލް އަބްދުއްރަހީމް އަބްދުއްލަތީފް ހާޒިރު ކޮށްފައެވެ. އަދި ކުރީގެ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމާއި މާލޭގެ ކުރީގެ މޭޔަރު ޝިފާ މުހައްމަދު ވެސް ވަނީ އިއްޔެގެ ކޮމިޓީއަށް ހާޒިރުކޮށްފައެވެ.

މަޖިލީހުގެ 241 ކޮމިޓީއަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދާއި ކައުންޓަ ޓެރަރިޒަމްގެ ޑިރެކްޓަރު ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ފަރީދު އިސްމާއީލާއި ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މޫސާ އަލީ ވެސް ވަނީ ހާޒިރުކޮށް ސުވާލު ކޮށްފައެވެ.

މަޖިލިސް އިންކުއަރީއަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވެސް ހާޒިރުކުރާނެ ކަމުގެ އިޝާރާތެއް ކޮމިޓީގެ މުގައްރިރު މުހައްމަދު އަސްލަމް މިއަދު ވަނީ ދެއްވާފަ އެވެ.

މިއަދު އެ ކޮމިޓީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ކޮމިޓީގެ މުގައްރިރު މުހައްމަދު އަސްލަމް ވަނީ ކޮމިޓީން ސުވާލުކުރަން ބޭނުންވާ ސިފައިންގެ 40 ބޭފުޅެއް ހިމެނޭ ކަމަށް މީޑިއާގައި ދައުރުވި ވާހަކަ ދޮގު ކުރައްވާފައެވެ. އެނާ ވިދާޅުވީ ފުރަތަމަ މަރުހަލާގައި 29 ސިފައިންނާ ސުވާލުކުރަން ލިސްޓެއް އެކުލަވާލައްވާފައިވާ ކަމަށެވެ.