ހިންދު ކަނޑުގެ އެންމެ ތަނަވަސް އަދި ނުފޫޒުގަދަ ބާރުގެ ގޮތުގައި ސިފަކުރަމުން އަންނަ އިންޑިއާއަކީ، އަވަށްޓެރިންނަށް ހެޔޮކޮށް ހިތުމުގެ ނަމުގައި، އަވަށްޓެރި ގައުމުތަކުގައި ބޮޑެތި މަޝްރޫއުތަކެއް ހިންގަމުން އަންނަ ގައުމެކެވެ. ތާރީހަށް ބަލާލުމުންވެސް މިކަމަށް ބާރުދޭ ކިތަންމެ ހެއްކެއް ފެންނަން އެބަހުއްޓެވެ. މިފަދަ އެއް މަޝްރޫއަކީ، އިންޑިއާ އަސްކަރިއްޔާގެ އުމްރާނީ ތަރައްގީގެ ގޮތްޕެއްގެ ގޮތުގައި ހިންގާ ބޯޑާ ރޯޑްސް އޯގަނައިޒޭޝަން (ބްރޯ) އިން ބޫޓާންގައި ހިންގާ ޑަންޓަކް މަޝްރޫއެވެ.

ބޫޓާން ޑަންޓަކް މަޝްރޫއު އިފްތިތާހް ކުރީ، އޭޕްރިލް 24، 1961ގައެވެ. މޭސްތިންގެ ގޮތުގައި ތިއްބެވީ ބޫޓާންގެ 3 ވަނަ ރަސްގެފާނުގެ އިތުރުން، އިންޑިއާގެ އޭރުގެ ބޮޑުވަޒީރު، ޖަވާހިރު ލާލް ނެހްރޫއެވެ. ޑަންޓަކް ކުރޫގެ މައިގަނޑު ޒިންމާއަކަށް ވީ، މޯޓަރު ހަރުކުރި އެއްގަމު އުޅަނދު ދުއްވޭ ފެންވަރަށް، ބޫޓާންގެ މަގުތައް ތަރައްގީ ކޮށްދިނުމެވެ.

އިންޑިއާގެ ބްރޯއިން ބޫޓާންގައި ހިންގާ ޑަންޓަކް މަޝްރޫއަށް 60 އަހަރު ފުރުމުގެ މުނާސަބާގެ ތެރެއިން / ފޮޓޯ: ޑެވިޑިސްކޯސް

އޭގެ ފަހުން މިވީ 60 އަހަރު، އެ މަޝްރޫއު ދެމިއޮތެވެ. ބްރޯއިން ބޫޓާންގައި ހިންގާ ޑަންޓަކް މަޝްރޫއުގެ މަސައްކަތްތަކަށް ބަލާއިރު، ގުޅާލަދޭ މަގުތައް ހެދުމާ، އުމްރާނީ ބިނާވެށީގެ ތަރައްގީގެ މަޝްރޫއުތަކުގެ އިތުރުން ސިއްހީ އަދި އިލްމީ މުއައްސާސަތައް ބިނާ ކުރުން ފަދަ މަޝްރޫއުތައް ހިމެނެއެވެ.

ޑަންޓަކް މަޝްރޫއުގެ ދަށުން އިންޑިއާއިން ވަނީ ބޫޓާންގައި ތާރު އަޅައިގެން 1600 ކިލޯމީޓަރުގެ މަގާ، 120 ކިލޯމީޓަރުގެ ޓްރެކްތަކުގެ އިތުރުން 5000 މީޓަރަށް ދެމިގެންދާ ބުރިޖުތައްވެސް އަޅާފައެވެ. މީގެ އިތުރުން ވައިގެ ބަނދަރުތައް އެޅުމާއި، އަސްކަރީ އެއާބޭސްވެސް ތަރައްގީ ކޮށްފައި އެބަހުއްޓެވެ. އަދި ބޫޓާންއާއި އިންޑިއާގެ ކެއުންތައް ލިބޭނެ ފުޑް-ސްޓޯލްތައްވެސް އަޅާފައި އެބަހުއްޓެވެ.

ބޫޓާންގެ ބުރިޖެއް ވެއްޓުނު ހާދިސާގައި އިންޑިއާގެ މަސައްކަތްތެރިންތަކެއް ވަނީ މަރުވެފަ / ފޮޓޯ: ކާލީޓޭލްސް

ޑަންޓަކް މަޝްރޫއުގެ ނަމުގައި ހިންގާ ހުރިހާ މަޝްރޫއެއްގައި މުޅިންހެންވެސް ބައިވެރިވަނީ އިންޑިއާ މީހުންނެވެ. މި މަޝްރޫއުގައި ބޫޓާންއިން ބައިވެރިވާނެ ދޭސީން ނުލިބުމުގެ މައްސަލަ، 2020 ވަނަ އަހަރުވެސް ފެންމަތިވިއެވެ. ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމާ ގުޅިގެން ގައުމުތަކުގެ ބޯޑަރުތައް ބަންދު ކުރުމާއެކު، ދަތުރުފަތުރަށް ހުރަސް އެޅި، އިންޑިއާގެ މަސައްކަތްތެރިންނަށް ބޫޓާންއަށް ދެވޭ ގޮތް، ޑަންޓަކް މަޝްރޫއު ހިންގާނެ ބަޔަކު ނެތިގެންވެސް ބޫޓާން ސަރުކާރުން ކަންބޮޑުވެގެން އުޅުނެވެ.

އިންޑިއާގެ މަސައްކަތްތެރިންނަކީ ބޫޓާންއަށް ތިޔާގި ބައެކެވެ. ބޫޓާންގެ ކޮންމެ ހިސާބަކުންވެސް އިންޑިއާގެ މަސައްކަތްތެރިން ފެނެއެވެ. މުޅިންހެންވެސް ފެންނަނީ މަގު ހެދުމުގެ މަސައްކަތުގައި އުޅޭ ތީއެވެ. މަގެއްގެ އެއް ފަރާތުގައި ޖަހާފައިވާ ޓެންޓުތަކުގައިވެސް އިންޑިއާ މަސައްކަތްތެރިންނެވެ. ހިލަ ކަނޑާ، ކުދި ގާ ކޮޅުތަކެއް ވަރަށް އެ ހިލަތައް މުގުރުން ފަދަ މަސައްކަތްތަކުގައި އަވަދިނެތިއެވެ. މި މަސައްކަތްތެރިން ބޫޓާންގައި ދިރިއުޅެމުން ދަނީ މާ ތަނަވަސް ދިރިއުޅުމެއް ނޫނެވެ. ލަކުޑި ގެތަކުގައި ފިނިހޫނިމިން ހިފެހެއްޓޭކަށްވެސް ނުހުރެއެވެ.

ބޫޓާންގެ އުމްރާނީ މަސައްކަތްތަކުގައި ގިނައިން ހަރަކާތްތެރިވަނީ އިންޑިއާ ލޭބަރުން / ފޮޓޯ: އެންޖީސީ

ބޫޓާންއާއި އިންޑިއާއަކީ އެކުވެރި، 2 އަވަށްޓެރިންނަށް ވާއިރު، ގަވައިދުގެ ތެރެއިން، އިންޑިއާގެ 45000 އެއްހާ ލޭބަރުން ބޫޓާންގައި އެބަތިއްބެވެ. އެއީ ބޫޓާންގެ ޖުމުލަ އާބާދީގެ 6 ޕަސެންޓްއެވެ. ނުވަތަ މަސައްކަތްތެރިންގެ އާބާދީގެ 18 ޕަސެންޓްއެވެ.

އިންޑިއާގެ ދައުލަތުގެ ބަޖެޓުން ބޫޓާންއަށް ކަނޑައަޅާ އެހީގެ "ބޯކިބާ ފޮތި"ވެސް ފިސާރި ބޮޑެވެ. 2016 ވަނަ އަހަރަށް އެކަނި ބަލާލި ކަމުގައި ވީ ނަމަވެސް، 1 ބިލިއަން ޑޮލަރަށް ވުރެ ބޮޑު ހޭދައެއް ކުރިއެވެ. އެއީ 2015 ވަނަ އަހަރު އިންޑިއާއިން ބައިނަލްއަގުވާމީ އެހީއަށް އިންޑިއާގެ ދައުލަތުގެ ބަޖެޓުން ކަނޑައެޅި މިންވަރުގެ 62 ޕަސެންޓް ހިއްސާއެވެ.

އިންޑިއާގެ ބްރޯއިން ކުރިއަށް ގެންދަ މަގު ހެދުމުގެ މަޝްރޫއެއް / ފޮޓޯ: އީޓީ

މުޅިންހެންވެސް އިންޑިއާގެ އަވަށްޓެރި ގައުމުތަކުގައި ތަރައްގީގެ މަޝްރޫއުތައް ހިންގާ ބްރޯގެ މަސައްކަތްތައް ފެނިފައިވާ ބައެއް ގައުމުތަކުގެ ތެރޭގައި އަފްގާނިސްތާން، ތަޖިކިސްތާން އަދި ސްރީލަންކާ ފާހަގަ ކުރެވެއެވެ.

ކަން މިހެން އޮތް އިރު، ފާހަގަ ކުރަން ޖެހޭ ކަމަކީ، ބްރޯއިން އިންޑިއާގައި ހިންގާ ތަރައްގީގެ މަޝްރޫއުގެ އިދާރީ ފުރިހަމަ ކޮންޓްރޯލް އޮންނަނީ އިންޑިއާގެ ދިފާއީ ވުޒާރާއަށް ކަމެވެ. ބްރޯގެ ޒިންމާއަކީ ބޯޑަރު ސަރަހައްދުގެ މަގުތައް ތަރައްގީކޮށް އޮޕަރޭޓްކޮށް، މެއިންޓަނަންސް މަސައްކަތްތައް ކުރުމެވެ. އަދި ބޯޑަރު ދައުލަތްތަކުގެ އިޖުތިމާއީ-އިގުތިސޯދީ ކަންކަން ކުރިއެރުވުމެވެ.