މުޅި ދުނިޔެ އިނދަޖައްސާލި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ފަތުރާ ސިވިއާ އެކިއުޓް ރެސްޕިރޭޓަރީ ސިންޑްރޯމް ކޮރޯނާވައިރަސް 2 (ސާސްކޮވް-2) އަކީ، ޗައިނާގެ ވޫހާން އިންސްޓިޓިއުޓް އޮފް ވައިރޮލޮޖީއިން ލީކުވި ވައިރަހެއް ކަމަށް ކުރަމުން އަންނަ ތުހުމަތުގެ ފުރިހަމަ ތަހުގީގެއް ހިންގަން ގޮވާލާ އަޑު، އަދިވެސް ދަނީ ގަދަވަމުންނެވެ. ވަކިން ހާއްސަކޮށް، ސައެންސްގެ ދުނިޔޭގައި މި އަޑުފަށްގަނޑު ދަނީ ވަކިން ބޮޑަށް، ގަދަވަމުންނެވެ.

ސާސްކޮވް-2 އަކީ ލެބުން ލީކުވި ވައިރަހެއް ކަމަށް ކުރި ދައުވާ އަޑު، ބަލިމަޑުކަމުގެ ކުރީކޮޅު، ހިސާބަކަށް ފަނޑުވިއެވެ. މައިގަނޑު ސަބަބަކަށްވީ، މި ނަޒަރިއްޔާއަކީ ޗައިނާއާ ދެކޮޅަށް ހަތުރުވެރި އުސޫލުތަކެއް ގެންގުޅުއްވި، އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް އިންތިހާއަށް ޕްރޮމޯޓް ކުރެއްވި ފަލްސަފާއަކަށް ވުމެވެ. ބައެއް މީހުންނަށް، މި ނަޒަރިއްޔާ ސިފަކުރެވުނީ، ޓްރަމްޕްގެ ސިޔާސީ އުންޑައެއްގެ ގޮތުގައެވެ.

ކޮވިޑް-19 ގެ ކޭސްތައް އެންމެ ފުރަތަމަ ރިޕޯޓް ކުރި ވޫހާންގެ ސީފުޑް މާކެޓް ސަރަހައްދުގައި ޕީޕީއީގައި ބަޔަކު ހަރަކާތްތެރި ވަނީ / ފޮޓޯ: އިންޑިޕެންޑެންޓް

ކަން މިހެން އޮތް ނަމަވެސް، މި ނަޒަރިއްޔާގެ އަޑު މުޅިއަކުން ނުކެނޑެއެވެ. ސެންޓާ ފޮ ސްޓްރެޓީޖިކް އެންޑް އިންޓަނޭޝަނަލް ސްޓަޑީޒްގެ ޑައިރެކްޓާ އޮފް ގްލޯބަލް ހެލްތު ޕޮލިސީ ސެންޓާ، ޖޭ ސްޓެފާން މޮރިސަން ވިދާޅުވާ ގޮތުގައި، ސާސްކޮވް-2 ގެ އަސްލު ފެށުމަކީ ލެބުތޯ ކުރެވޭ ސުވާލު ދެމި އޮތީއެވެ.

ޓްރަމްޕާ ގުޅުވައިގެން ސުވާލު ވަޅުޖެހިފައި އޮތުމަށްފަހު، އަނެއްކާވެސް އެ ފަލްސަފާގެ އަޑު ގުގުމަން ފެށީ، ވައިރަހުގެ އަސްލު ދެނެގަތުމުގެ ނަމުގައި، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އިން ހިންގި ތަހުގީގާ، އެ ތަހުގީގަށްފަހު އާންމު ކުރި ރިޕޯޓާ އެކުގައެވެ. ޑަބްލިއުއެޗްއޯގެ ތަހުގީގަކީ މިނިވަން ޕެނަލަކުން ހިންގި ތަހުގީގެއް ކަމަށް އެ އިދާރާއިން ތަކުރާރުކޮށް ބުނަމުން ދިޔަ ކަމުގައި ވީ ނަމަވެސް، ތަފާސް ހިސާބުތައް ބަރޯސާކުރި ހަމައެކަނި މަސްދަރަކަށް ވީ، ޗައިނާގެ އޮފިޝަލުން ފޯރުކޮށްދިން މައުލޫމާތެވެ. މިކަމަކީ ހުޅަނގުގެ ބާރުތަކާ، ސައެންސްވެރިންނަށް ގަބޫލު ކުރެވޭ ކަމަކަށް ނުވިއެވެ.

ޑަބްލިއުއެޗްއޯއިން މިއަހަރުގެ ފެބުރުއަރީ މަހު އާންމު ކުރި ރިޕޯޓްގައި ބުނެފައި ވަނީ، ސާސްކޮވް-2 އަކީ ޖަނަވާރެއްގެ ކިބައިން އުފެދި، އިންސާނުންނަށް ފޯރި ވައިރަހެއް ކަމަށް "ވަރަށް ބޮޑަށް ބެލެވޭ" ކަމަށް ބުނެފައެވެ. މިއާއެކު، ލެބް ލީކުގެ ނަޒަރިއްޔާގައި ސިއްކަ ޖަހަން މަސައްކަތް ކުރިއެވެ. ޗައިނާއިންވެސް ދަނީ ލެބް ލީކެއް ކަމަށް ކުރާ ތުހުމަތަށް އިންކާރު ކުރަމުންނެވެ.

ކޮވިޑް-19 ތަހުގީގު ކުރުމަށް ހަރަކާތްތެރިވާ ޑަބްލިއުއެޗްއޯގެ ޓީމުން ވަނީ ޗައިނާގެ ވޫހާން ސިޓީގެ ބާޒާރުތަކަށް ޒިޔާރަތް ކޮށް މައުލުމާތު އެއްކޮށްފަ / ފޮޓޯ: އޭބީސީ 30

އަދާ ޖެހުނު އިރުވެސް ބުރަވާނެ ކޮޅެއް ނޭނގެއެވެ. ދެކޮޅުން ކުރެ ކޮޅަކަށް ބުރަވާނެ ހުއްޖަތެއް، އެއްވެސް ބަޔަކަށް އަދި ސާބިތުކޮށް، ނުދެއްކެއެވެ.

މެއި 14 ވަނަ ދުވަހު، ސައެންސް މަޖައްލާގައި، 18 ސައެންސްވެރިއަކު ވެގެން ޝާއިއުކުރި ސިޓީއެއްގައި ބުނެފައި ވަނީ، މި ވައިރަހަކީ އޮޅުމެއްގެ ތެރެއިން ލެބުން ލީކުވެ، ޖަނަވާރުންނަށް ފޯރި ވައިރަހަކަށް ވުން ގާތް ކަމަށް ބުނެފައެވެ. އެ ޓީމުން ވަނީ ޑަބްލިއުއެޗްއޯގެ ތަހުގީގަށް ފާޑުކިއާފައެވެ. އަދި 2 ނަޒަރިއްޔާ ކޮޅެއްގައި ޖެއްސުމަށްޓަކާ، ދެ ފިކުރަށް އެއްވަރެއްގެ ބުރަދަނެއް ދީފައި ނުވާކަމަށް މި ޓީމުން ބުނެއެވެ. އެއީވެސް ދެކޮޅު ޖެހޭ ބުނުމެކެވެ.

ކަން މިހެން އޮތް އިރު، ވޫހާން އިންސްޓިޓިއުޓް އޮފް ވައިރޮލޮޖީގެ ސައެންސްވެރިއެއް ކަމަށްވާ ޝީ ޝެންގްލީ ވަނީ ލެބް ލީކުގެ ނަޒަރިއްޔާއަށް ގޮން ޖަހާފައެވެ. އޭނާ ބުނާ ގޮތުގައި އެ ވައިރަހަކީ އޭނާގެ ލެބުން ލީކުވި ވައިރަހެއް ނޫނެވެ. އެހެނީ، އޭނާއާއި އޭނާގެ ޓީމުން އެ ވައިރަހާ ކޮންޓެކްޓް ވެފައި ނުވުން ކަމަށްވެސް ބުނެއެވެ. އެގޮތުން، އެމީހުންގެ ހަށިގަނޑުގައި، އެ ވައިރަހުގެ އެންޓިބޮޑީޒް ނެތް ކަމަށް ޝީ ވަކާލާތު ކުރެއެވެ.

ކޮވިޑް-19 ތަހުގީގު ކުރުމަށް ހަރަކާތްތެރިވާ ޑަބްލިއުއެޗްއޯގެ ޓީމުން ވަނީ ޗައިނާގެ ވޫހާން ސިޓީގެ ބާޒާރުތަކަށް ޒިޔާރަތް ކޮށް މައުލުމާތު އެއްކޮށްފަ / ފޮޓޯ: ޓައިމްސް އޮފް އިޒްރޭލް

ނަމަވެސް، މި މައުލޫމާތަކީވެސް ޗައިނާއިން ދޭ މައުލޫމާތެވެ. މިނިވަން ކަމާއެކު މެޑިކަލް ރެކޯޑްތައް ބެލުމުގެ ފުރުސަތެއް، ބައިނަލްއަގުވާމީ އެއްވެސް ޓީމަކަށް އަދި ނުލިބެއެވެ. މުޅިންވެސް ލިބެނީ، ޗައިނާއިން ޖަހާފައިދޭ ހިސާބު ކިތާބެވެ. ނޮވެމްބަރު 2019ގައި، ވޫހާން ލެބްގެ ސައެންސްވެރިންތަކެއް ވަރަށް ބޮޑަށް ބަލިވިކަމުގެ ހަބަރު ފެންމަތިވުމާއެކު، ލެބް ލީކުގެ އަޑު ގަދަވިއެވެ. އެމެރިކާގެ މަގުބޫލު ޑޮކްޓަރު، އެންތަނީ ފައޫޗީވެސް ވަނީ، ލެބްގައި މަސައްކަތް ކުރި މީހުންގެ މެޑިކަލް ރެކޯޑްތައް ލިބޭނެ މަގު ފަހި ކޮށްދޭން ޗައިނާއަށް ގޮވާލައްވާފައެވެ.

ނަމަވެސް، ޗައިނާއިން ދަނީ މި ވައިރަހަކީ ލެބުން ލީކުވީ ވައިރަހެއް ކަމަށް ބުނާ ބުނުމަށް ތަކުރާރު ކޮށް އިންކާރު ކުރަމުންނެވެ. އަދި އެވަރުން ފުއްދާލަނީއެއް ނޫނެވެ. މި ވައިރަހަކީ ޗައިނާއަށްވެސް އިމްޕޯޓްވީ ވައިރަހަކަށް ވެދާނެ ކަމަށްވެސް ޗައިނާއިން ދަނީ ތުހުމަތު ކުރަމުންނެވެ.