އިނގިރޭސިވިލާތުގެ ޕްރިންސް ހެރީއާއި ހޮލީވުޑް ބަތޮލާ މޭގަން މާކެލްއަށް އަލަތު އަންހެން ދަރިއަކު ލިބުނު ކަމާއި، އެ ދަރިފުޅުގެ ނަން އިއުލާން ކުރީ ޖޫން 6 ވަނަ ދުވަހުއެވެ. ޖުން 4 ، 2021 ވީ ހުކުރު ދުވަހު، އުމުރުން 39 އަހަރުގެ މޭގަން ވިހޭ ދަރިފުޅަށް ދީފައި ވާ ނަމަކީ ލިލީބެޓް "ލިލީ" ޑަޔާނާ މައުންޓްބެޓަން-ވިންޑްޒާއެވެ.

މިދިޔަ ހުކުރު ދުވަހު ހެރީގެ ދެމަފިރިންނަށް ލިބުނު އަލަތު އަންހެން ދަރިފުޅުގެ ނަމުގެ ފަހަތުގައި، ފުން މާނައެއްވެއެވެ. ޕްރިންސް ހެރީ ވަނީ ދަރިފުޅުގެ ނަމުގެ މާނަ ވަރަށް ތަފްސީލުކޮށް، ބަޔާންކޮށްދީފައެވެ.

ކެލިފޯނިއާގެ ހޮސްޕިޓަލަކަށް އުފަންވި، ހެރީގެ އަލަތު އަންހެން ދަރިފުޅުގެ ނަން ހާއްސަ ކުރީ އެ ދަރިފުޅުގެ ބައްޕަ ފަރާތުގެ މާމަ ހާންދާނަށެވެ. އެގޮތުން ލިލީބެޓްއަކީ އިނގިރޭސިވިލާތުގެ ޝާހީ ގަނޑުވަރުގައި، ރާނީއާ މުހާތަބު ކުރާ ވަނަމެކެވެ. އިނގިރޭސި ރާނީ އަކީ ހެރީގެ ދަރިފުޅުގެ މުނި މާމަކަމަށް ވާއިރު، އެ ދަރިފުޅުގެ މާމަގެ ނަމުންވެސް ނަން ދީފައިވެއެވެ. އެގޮތުން އިނގިރޭސިވިލާތުން މުޅި ދުނިޔޭގެ ލޯބި މިލްކު ކުރި ލޭޑީ ޑަޔާނާ ނުވަތަ ޕްރިންސް ހެރީގެ މަންމަގެ ނަންވެސް އެ ދަރިފުޅުގެ ނަމުގައި ހިމަނާފައިވެއެވެ.

ކެލިފޯނިއާ ގަޑިން 11:40 ގައި ލިލީ އުފަންވުމާއެކު، އޭނާ ވެފައި ވަނީ އިނގިރޭސިވިލާތުގެ 8 ވަނަ ވަލީއަހުދަށެވެ. މިއާއެކު، 1960 ވަނަ އަހަރު ދުނިޔޭގެ އަލިކަން ދުށް ޕްރިންސް އެންޑްރޫ މިވަނީ އަނެއްކާވެސް ވަލީއަހުދުންގެ ސަފުގެ 1 ދަރަޖަ ފަހަތަށް ޖެހިފައެވެ. ލިލީ އަކީ ރާނީ އެލިޒަބަތުގެ 11 ވަނަ މުނިމާމަ ދަރިފުޅެވެ.