2022 ވަނަ އަހަރު ނިމޭއިރު، ދުނިޔޭގެ މުޅި އާބާދީއަށް ކޮވިޑް ވެކްސިން ދިނުމަށް އެއްބާރުލުން ދިނުމަށް، އިގުތިސޯދީ ގޮތުން އެންމެ ކުރިއަރާފައިވާ 7 ގައުމު (ޖީ-7)ގެ މެންބަރު ގައުމުތަކަށް، އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން ގޮވާލައްވައިފިއެވެ.

ޖީ-7 މެންބަރު ގައުމުތަކުން އަންނަ ހަފުތާގައިވެސް އިނގިރޭސިވިލާތުގައި ބައްދަލު ކުރަން ހަމަޖެހިފައި ވާއިރު، މުޅި ދުނިޔޭގެ އާބާދީއަށް ވެކްސިން ފޯރުކޮށްދިނުމަށް ގައުމުތަކުން އެހީވާން ކޮށްދޭނެ ކަމެއް ނިންމާފައި ބޭއްވުމަށް ޖޯންސަން ވަނީ ގޮވާލައްވާފައެވެ.

2022 ވަނަ އަހަރު ނިމޭއިރު، މުޅި ދުނިޔޭގެ އާބާދީއަށް ކޮވިޑް ވެކްސިން ޖެހުމަކީ، ސިއްހީ ދާއިރާގެ ތާރީހުގައިވެސް ހޯދޭނެ އެންމެ ވަރުގަދަ ކާމިޔާބީ ކަމަށް ޖޯންސަން ވަނީ ސިފަކުރައްވާފައެވެ.

މި މޭރުމުން ޖޯންސަން ވަނީ ކޮރޯނާވައިރަހުގެ ދެވަނަ ބޮޑު ރޯގާއަކުން ދުނިޔެ އިނދަނުޖެހި އޮންނާނެކަން ކަށަވަރު ކުރުމަށް ބައިއަތު ހިފުމަށްވެސް ޖީ-7ގެ މެންބަރުންނަށް ގޮވާލައްވާފައެވެ.

ކަން މިހެން އޮތް އިރު މުއްސަނދި ގައުމުތަކުން ދަނީ އެގައުމުތަކުގެ އާބާދީއަށް މިހާރުވެސް ފުޅާ ދާއިރާއެއްގައި ކޮވިޑް ވެކްސިން ފޯރުކޮށްދެމުންނެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން މިހާތަނަށް 2 ބިލިއަނަށްވުރެ ގިނަ ޑޯޒްގެ ކޮވިޑް ވެކްސިން ޖަހާފައި ވާއިރު، މީގެ ތެރެއިން ފަގީރު ގައުމުތަކުން ހިއްސާ ކުރަނީ އެންމެ ޕަސެންޓަކަށް ވުރެވެސް ކުޑަ މިންވަރެއްކަން ފާހަގަ ކުރަންޖެހެއެވެ.

ޖީ-7ގެ މެންބަރު ގައުމުތަކަކީ އެމެރިކާ، އިނގިރޭސިވިލާތް، ފަރަންސޭސިވިލާތް، ޖަރުމަނުވިލާތް، ކެނެޑާ، އިޓަލީ އަދި ޖަޕާނެވެ.