ކޮވިޑް ބަލީގައި މިއަދު ތިންވަނަ މީހަކު މަރު ވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، މި މހާ މަރުވެފައި ވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދަނިކޮށް ކަމަށެވެ. އަދި މަރުވެފައި ވަނީ އުމުރުން 41 އަހަރުގެ ދިވެހި އަންހެނެއް ކަމަށާއި އޭނާ މަރުވީ މިރޭ 7:40 ގައި ކަަމަށް އެޗްޕީއޭ އިން ބުނެއެވެ.

މިއީ މި ބަލީގައި މިއަދު ތިން ވަނަ މީހާއެވެ. މިއަދު ފުރަތަމަ މަރުވެފައި ވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ 93 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެއަށްފަހު މިއަދު ހެންދުނު ވެސް އެ ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ 82 އަހަރުގެ އަންހެންކު ވަނީ މަރުވެފައެވެ.

މިއަދު މަރުވި ތިން މީހުންނަކީވެސް ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން ދަނިކޮށް މަރުވި މީހުންނެވެ. އިއްޔެ ކޮވިޑުގައި 5 މީހަކު މަރުވެފައިވާ އިރު އޭގެތެރެއިން 4 މީހުން މަރުވެފައި ވަނީ ވެސް އެ ފެސިލިޓީގައި ފަރުވާ ދެމުން ދަނިކޮށެވެ.

2021 ގެ ކޮވިޑް މަރުގެ އަޕްޑޭޓް: 137

  • ޖޫން 2021 - 24 މަރު
  • މެއި 2021 - 88 މަރު
  • އޭޕްރީލް 2021 - 6 މަރު
  • މާޗް 2021 - 5 މަރު
  • ފެބްރުއަރީ 2021 - 10 މަރު
  • ޖެނުއަރީ 2021 - 4 މަރު

މިހާރު ރާއްޖެއިން މި ބަލީގައި މަރުވި މީހުންގެ ޖުމްލަ އަދަދު މި ވަނީ 184 އަށް އަރާފައެވެ. އަދި މި ހިންގާ ޖޫން މަހު މި ބަލީގައި މިހާތަނަށް ވަނީ 24 މީހަކު މަރުވެފައެވެ.

މިދިޔަ އަހަރުގެ މާޗް 27 ވަނަ ދުވަހު ފުރަތަމަ ފަހަރަށް ރާއްޖެއިން ދިވެއްސަކު މި ބައްޔަށް ޕޮޒިޓިވް ވެފައިވާ އިރު މިއަދާ ހަމައަށް މި ބަލި ރާއްޖެއިން ފެނުނުތާ މި ވަނީ 456 ދުވަސް ވެފައެވެ. މި ވޭތުވެ ދިޔަ 13 މަސް ދުވަހަށް ބަލާ އިރު އެންމެ ގިނަ މީހުން މަރުވެފައި ވަނީ މިދިޔަ މަހުއެވެ. މި ދިޔަ މަހު 88 މީހަކު މަރު ވެފައި ވާއިރު، އޭގެތެރއިން 52 މީހުންނަކީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން ދަނިކޮށް މަރުވި މީހުންނެވެ.

އަދި ރާއްޖެއިން ކޮވިޑް ފެންނަން ފެށިތާ 456 ދުވަސްވެފައި ވާއިރު، އެންމެ ގިނަ މީހުން މަރުވި ދުވަހަކީ މިދިޔަ މެއި މަހުގެ 24 ވަނަ ދުވަހެވެ. އެ ދުވަހު ވަނީ ޖުމްލަ 13 މީހަކު މަރުވެފައެވެ.