ރާއްޖޭގައި ކޮވިޑް ހާލަތު ގޯސްވެ އެ ބަލީގައި އެތައް ބަޔަކު މަރުވަމުންދާ ދަނޑިވަޅުގައި ސަރުކާރުގެ އިހުމާލުން ގެއްލުން ލިބިފައިވާ އާއިލާތަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ޖަވާބުދާރީވެ ވަޑައިގަތުމަށް އިދިކޮޅު ސިޔާސީ ޕާޓީ ޕީޕީއެމުން ގޮވާލައިފިއެވެ.

ޕީޕީއެމުން ބުނީ، ކޯވިޑްގެ ބަލީގައި ދުނިޔެ ދޫކުރަމުން ދާ ރައްޔިތުންގެ އަދަދު އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވަމުން ދާއިރު، އެކަންކަމަށް ސަމާލުވެ، ކަންކަން ރަނގަޅު ކުރުމަށް ސަރުކާރުން އެކަށީގެންވާ މަސައްކަތްތަކެއް ނުކުރާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރާ ކަމަށެވެ. އަދި މިފަދަ މަރުތަކުގައި ސަރުކާރުގެ ފަރުވާކުޑަކަމާއި، އިހުމާލު ބޮޑުކަންވެސް ދަނީ ފާހަގަ ވަމުން ކަަމަށެވެ.

ޕީޕީއެމުން ބުނީ ޒިންމާއިން ރެކިވަޑައިގަތުމުގެ ބަދަލުގައި ކުޑަކުޑަ މިޝްކާ އާއި މަރްޔަމް ފަދައިން ސަރުކާރުގެ ފަރުވާ ކުޑަކަމާއި އިހުމާލުން ގެއްލުން ލިބިފައިވާ އާއިލާތަކަށާއި ރައްޔިތުންނަށް ޖަވާބުދާރީ ވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް އެ ޕާޓީން ވަނީ ގޮވާލާފައެވެ. މިކަމުގައި އަޅަންޖެހޭ ފިޔަވަޅުތައް ވަގުތުން އެޅުއްވުމަށް ވެސް އެ ޕާޓީން ވަނީ ގޮވާލާފައެވެ. ހަމައެއާއެކު މިމައްސަލަތައް ބަލާ ޒިންމާވާން ޖެހޭ ފަރާތްތަކުގެ މަޢުލޫމާތާއި، ކަން ހިނގާފައިވާ ގޮތުގެ ހަގީގަތް ރައްޔިތުންނާއި ހަމައަށް ގެނެސް ދިނުމަށް ހިއުމަންރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އަށް ވެސް އެ ޕާޓީން ވަނީ ގޮވާލާފައެވެ.

"ސަރުކާރުގެ ފަރުވާ ކުޑަ ކަމާއި، އިހުމާލުގެ އަގު ދިވެހި ރައްޔިތުން ދައްކަން ޖެހެނީ ކިތައް ފުރާނައިންތޯ؟ މިކަމުގައި ފަރުވާތެރިވެ، ރައްޔިތުންގެ ފުރާނައަށް އިސްކަންދީގެން މަސައްކަތްކުރާކަށް ނުވޭތޯ؟ ކޯވިޑް ފެތުރުން މަދު ކުރުމުގައި ފިޔަވަޅުތައް ހަރުކަށި ކުރުމުގެ ބަދަލުގައި ހަރުދަނާ ފިޔަވަޅުތަކެއް އަޅާކަށް ނުވޭތޯ؟ ކޯވިޑް ފެތުރެމުންދާ ރަށްރަށުގައި ފަރުވާއަށް ބޭނުންވާ އެންމެހާ ކަންކަން ފުރިހަމަ ކުރާނީ މިފަދަ ހިތާމަވެރި ކިތައް ހާދިސާއަށް ފަހުތޯ؟"
ޕީޕީއެމް

އެގޮތުން ދާދި ފަހުން މި ބަލީގައި މަރުވި 10 އަހަރުގެ ފާތީމަތު މިޝްކާ އާއި ގއ. ދާންދޫ ވިނަމަތި، މަރްޔަމް އިބްރާހީމްގެ މަރުގައި ސިއްހީ ފަރުވާ ދިނުމުގައި ހުރި މައްސަލަތައް ޕީޕީއެމުން ފާހަގަ ކުރިއެވެ. މިޝްކާގެ މަރުވުމުގައި ސިއްހީ ފަރުވާ ދިނުމުގައި ލަސްތަކެއް ހުރި ކަމަށް ޕީޕީއެމުން ބުނެއެވެ. އެ ގޮތުން އެމްބިއުލާންސް ފޮނުވުން ލަސްވެގެން ދިޔަ ވާހަކަ ޕީޕީއެމުން ފާހަގަ ކުރެއެވެ.

މި މަރާ ގުޅިގެން އެތައް ބަޔަކު ވަނީ މިނިސްޓަރު ނަސީމް އިސްތިއުފާ ދިނުމަށް ވެސް ގޮވާލާފައެވެ.

އެއަށް ފަހު ގއ. ދާންދޫ ކައުންސިލްގެ ރައީސް މުހައްމަދު އާސިފްގެ ކޮއްކޮގެ އަންހެނުން މަރްޔަމްއަށް ފަރުވާ ދިނުމުގައި ސަރުކާރުން ކަންކޮށްފައިވާ ގޮތަށް ބަލާއިރު ސަރުކާރުގެ ފަރުވާ ކުޑަކަމާއި އިހުމާލު ވަރަށް ބޮޑަށް އޮތްކަން ހާމަވެފައި ވާ ކަމަށް ޕީޕީއެމުން ބުނެއެވެ. މަރްޔަމްގެ ހާލު ބޮޑުވެގެން، އެމަޖެންސީގައި މާލެ ގެނައި އިރު، މަރްޔަމްއަށް ފަރުވާ ދިނުމަށް ފްލައިޓަށް އެރުވި ވެންޓިލޭޓަރުގެ ބެޓަރި ޗާޖު ހުސްވެ ވެންޓިލޭޓަރު ހުއްޓުމާ ގުޅިގެން ފަރުވާ ދީފައި ވަނީ އަތުން ޕަންޕުކޮށްގެން ކަން އާއިލާއާ ހަވާލާދީ ޕީޕީއެމުން ބުނެއެވެ.

ކޮވިޑްގެ އެންމެ ނުރައްކާތެރި ހާލަތަށް ވެސް ތައްޔާރު ވެފައިވާ ސަރުކާރުން، އެމަޖެންސީގައި ހާލު ބޮޑު މީހަކު ފްލައިޓަކަށް އަރުވާ އިރު، ފަރުވާއަށް ބޭނުންވާ އާލަތްތައް ހަމަކުރެވިފައި ނުވުމަކީ ހިތާމަ ހުރި ކަމެއް ކަމަށް ޕީޕީއެމުން ބުނެއެވެ.