ކަނޑައެޅިގެން ވަކި ފަރުވާއެއް އަދި ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް ބޭނުން ކުރާ ވެކްސިން، ކުޑަކުދިންނަށް ޖެހުމަކީ، މިވަގުތު އެ ޖަމިއްޔާއިން ހާއްސަ އަހައްމިއްޔަތު ކަމެއް ދޭ ކަމެއް ނޫން ކަމަށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނެފިއެވެ.

ސޯޝަލް މީޑިއާ ސެޝަނެއްގައި، ވެކްސިންތަކާ ބެހޭ ޑަބްލިއުއެޗްއޯގެ އިސް ތަޖުރިބާކާރު ޑރ ކޭޓް އޯބްރާއަން ވިދާޅުވީ، ދުނިޔޭގެ ނިސްބަތުން ބަލާއިރުވެސް ވެކްސިންގެ ސަޕްލައިގައި ދަތިކަމެއް އުޅޭ މިދަނޑިވަޅުގައި، ކުޑަކުދިންނަށް ކޮވިޑް ވެކްސިން ޖެހުމަކީ ޑަބްލިއުއެޗްއޯއިން މިވަގުތު ގެންގުޅޭ ތަސައްވުރެއް ނޫން ކަމަށެވެ.

ފުރާވަރު އުމުރާއި އެއަށްވުރެވެސް ހަގު ކުދިންނަށް ވެކްސިން ހާއްސަކޮށްގެން މުއްސަނދި ގައުމުތަކުން އުޅުނު ކަމުގައި ވީ ނަމަވެސް، ކޮވިޑް-19ގެ ދިފާއު ކެމްޕޭންގެ އަމާޒަކީ ކުޑަކުދިން ކަމުގައި އަދި ހަދަން ނުޖެހޭ ކަމަށް ޑރ އޯބްރާއަން ވިދާޅުވިއެވެ.

ޑަބްލިއުއެޗްއޯގެ ވެކްސިން ޑިޕާޓްމަންޓްގެ ޑައިރެކްޓާ އަދި ކުޑަކުދިންގެ ޑޮކްޓަރެއް ކަމަށްވާ ޑރ އޯބްރާއަން ވިދާޅުވީ، ކޮވިޑް-19 ޖެހުމުގެ ނުރައްކާ، ކުޑަކުދިންނަށް އިންތިހާއަށް ކުޑަ ކަމަށެވެ. ކުޑަކުދިންނަށް ކޮވިޑް ވެކްސިން ޖެހުމުގެ ފިކުރުގެ ފަހަތުގައި އޮތީ، އެކުދިންނަށް ބަލި ޖެހި، ސީރިއަސްވެ މަރުން ސަލާމަތް ކުރަން މަސައްކަތް ކުރުމުގެ ބަދަލުގައި، އެކެއްގެ ގައިން އަނެކެއްގެ ގަޔަށް ބަލި ފެތުރުން ހުއްޓުވުމުގެ ފިކުރު ކަމަށްވެސް ޑރ އޯބްރާއަން ވަނީ ފާހަގަ ކުރައްވާފައެވެ.

ވެކްސިން ސަޕްލައިގެ މައްސަލަތައް ކުރިމަތިވެފައި ވާއިރު، މިވަގުތު އެންމެ އިސް ކަމެއް ދޭންވީ، ސިއްހީ ހިދުމަތްތެރިންނާއި، ދޮށީ އުމުރުގެ މީހުންނާއި، ސިއްހީ އެކި ކަހަލަ ބަލިތައް ތަހައްމަލު ކުރާ މީހުންނަށް ވެކްސިން ފޯރުކޮށްދިނުމަށް ކަމަށް ޑަބްލިއުއެޗްއޯގެ އޮފިޝަލު ވިދާޅުވިއެވެ.

ކަން މިހެން އޮތް އިރު، އެމެރިކާ، ކެނެޑާ އަދި ވިލާތުގެ އިއްތިހާދުން ވަނީ އުމުރުން 12 އަހަރުގެ ކުދިންނަށްވެސް ކޮވިޑް ވެކްސިން ޖެހުމަށް، ފެހި ސިގުނަލް ދީފައެވެ.

ޑަބްލިއުއެޗްއޯގެ އިސްވެރިޔާ، ޑރ ޓެޑްރޯޒް އެޑަނޮމް ގެބްރިޔޭސޫސް ވަނީ، ކުޑަކުދިންނާއި ފުރާވަރު އުމުރުގެ ކުދިންނަށް ވެކްސިން ޖެހުމުގެ ބަދަލުގައި، ފަގީރު ގައުމުތަކަށް ވެކްސިން ހަދިޔާ ކުރުމަށް، މުއްސަނދި ގައުމުތަކަށް ގޮވާލައްވާފައެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން މިހާތަނަށް 2 ބިލިއަނަށްވުރެ ގިނަ ޑޯޒްގެ ކޮވިޑް ވެކްސިން ޖަހާފައި ވާއިރު، މީގެ ތެރެއިން ފަގީރު ގައުމުތަކުން ހިއްސާ ކުރަނީ އެންމެ ޕަސެންޓަކަށް ވުރެވެސް ކުޑަ މިންވަރެއްކަން ފާހަގަ ކުރަންޖެހެއެވެ.