ކޮވިޑް ބަލީގައި މިއަދި ރާއްޖެއިން ތިން ވަނަ މިހަކު މަރުވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، މަރުވެފައި ވަނީ ވިލިމާލެ ހޮސްޕިޓަލަށް ގެންދިޔަ އުމުރުން 77 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ. އަދި އޭނާ މަރުވެފައި ވަނީ ހަވީރު 4:30 ގައި ކަމަށް އެޗްޕީއޭއިން ބުނެއެވެ.

މި މަރާ އެކު މިހާރު ރާއްޖެއިން މި ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 177 އަށް އަރާފައެވެ.

ވިލިނގިލީ ހޮސްޕީޓަލުން މަރުވި ކަަމަށް ބުނި އަންހެން މީހާއަކީ މިއަދު މި ބަލީގައި މަރުވި 3 ވަނަ މީހާއެވެ. މީގެ ކުރިން އައިޖީއެމްއެޗް އީއާރަށް ގެންދިޔަ ސްރީލަންކާގެ 37 އަހަރުގެ ފިރިހެނަކު ވެސް ވަނީ މަރުވެފައެވެ. މީގެ އިތުރުން މިއަދު ހެނދުނު އުމުރުން 77 އަހަރުގެ ފިރިހެނަކު ވެސް ވަނީ މި ބަލީގައި މަރުވެފައެވެ. އެމީހާ މަރުވެފައި ވަނީ ދ. ބަނޑިދޫގައެވެ.

މިއަދު މަރުވި ތިން މީހުންނާއެކު މި މަހު ޖުމްލަ 15 މީހަކު މި ބަލީގައި ވަނީ މަރުވެފައެވެ. އަދި މިމަހު އެންމެ ގިނަ މީހުން މިހާތަނަށް މަރުވި ކަމަށް ރިޕޯޓު ކުރި ދުވަހަކީ މި މަހުގެ 1 ވަނަ ދުވަހެވެ. އެ ދުވަހު ޖުމްލަ 8 މީހަކު ވަނީ މަރުވެފައެވެ.

ރާއްޖޭގައި ކޮވިޑް ބަލި ފެނުނުތާ މިހާތަނަށް 453 ދުވަސްވެފައި ވާ އިރު މި ދިޔަ މެއި މަހަކީ ރާއްޖެއިން މި ބަލިގައި އެންމެ ގިނަ މީހުން މަރުވި މަހެވެ. މެއި މަހު 88 މަރު ވަނީ ރިޕޯޓް ކޮށްފައެވެ. އަދި އެންމެ ގިނަ މީހުން މަރުވި ދުވަހެއްގެ ގޮތުގައި ރިޕޯޓް ކޮށްފައި ވަނީ މެއި 24 ވަނަ ދުވަހެވެ. އެ ދުވަހު ވަނީ 13 މީހަކު މި ބަލީގައި މަރުވެފައެވެ.