ކޮވިޑް ބަލީގައި 37 އަހަރުގެ ބިދޭސީއެއް މަރުވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، މަރުވެފައި ވަނީ އައިޖީއެމްއެޗް އީއާރަށް މިއަދު ގެންދިޔަ އުމުރުން 37 އަހަރުގެ ސްރީލަންކާ ފިރިހެނެއް ކަމަށެވެ. އަދި އޭނާ މަރުވެފައި ވަނީ ހަވީރު 4:24 ގައި ކަމަށް އެޗްޕީއޭއިން ބުނެއެވެ.

މި މަރާ އެކު މިހާރު ރާއްޖެއިން މި ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 176 އަށް އަރާފައެވެ.

މިއަދު ހެނދުނު ވެސް ވަނީ މި ބަލީގައި އިތުރު މީހަކު މަރުވެފައެވެ. އެއީ އުމުރުން 77 އަހަރުގެ މީހެކެވެ. އެމީހާ މަރުވެފައި ވަނީ ދ. ބަނޑިދޫގައެވެ.

ރާއްޖޭގައި ކޮވިޑް ބަލި ފެނުނުތާ މިހާތަނަށް 453 ދުވަސްވެފައި ވާ އިރު މި ދިޔަ މެއި މަހަކީ ރާއްޖެއިން މި ބަލިގައި އެންމެ ގިނަ މީހުން މަރުވި މަހެވެ. މެއި މަހު 88 މަރު ވަނީ ރިޕޯޓް ކޮށްފައެވެ.

އަދި އެންމެ ގިނަ މީހުން މަރުވި ދުވަހެއްގެ ގޮތުގައި ރިޕޯޓް ކޮށްފައި ވަނީ މެއި 24 ވަނަ ދުވަހެވެ. އެ ދުވަހު ވަނީ 13 މީހަކު މި ބަލީގައި މަރުވެފައެވެ.