މެއި 6، 2021 ވީ ބުރާސްފަތި ދުވަހުގެ ރޭ ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއަކީ އެމަނިކުފާނު އަވަހާރަ ކޮށްލަން ދިން ހަމަލާއެއް ކަމާ މެދަކު ޝައްކެއް ނެތެވެ.

ޝައްކު އުފެދި ނުވަތަ ދެބަސްވެގެން މި އުޅެނީ، އެ ހަމަލާއާ ގުޅިގެން ކަމާގުޅުން ހުރި މުއައްސަސާތަކުން ތަހުގީގު ހިންގަމުން ދާ އިރު، ރައްޔިތުންގެ މަޖިލީހުން އެ މައްސަލައިގައި ކުރިއަށް ގެންދާ "އިންކުއަރީ" އާ ހެދިއެވެ.

ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅޭ މައްސަލަ ސަލާމަތީ ހިދުމަތްތަކާ ބެހޭ 241 ކޮމިޓީން ބަލަމުން ދާ އިރު، ބައެއް ފަރާތްތަކުން ބުނަނީ މަޖިލީހުގެ އިހުތިސޯސުން ބޭރުން "ތަހުގީގު" ހިންގަނީ ކަމަށެވެ. އަދި އެއީ ކުރެވޭނޭ ކަމެއް ނޫން ކަމަށާއި، އެކަން ގާނޫނު އަސާސީއާވެސް ހިލާފުވާ ކަމަށެވެ. އެހެން ވިދާޅުވާ އެއްބޭފުޅަކީ ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަބްދުﷲ ދީދީއެވެ.

ގާނޫނުއަސާސީގެ 98، 99، 239، 242 މި މާއްދާތަކަށް އެއްކޮށް ބެލުމުން ވަކިވަކި ސިފައިން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކަށް ހާޒިރުކުރެވިދާނެ ކަމަކަށް ނުފެނޭ، ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވާން ވާނީ ކަމާބެހޭ ވަޒީރު، ވަޒީރުގެ މަގާމު ހުސްވެފައިވާ ހާލެއްގައި ޗީފް އޮފް ޑިފެންސް ފޯސް. މިކަން ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީއަށް، މަޖިލީހުގެ ކައުންސެލް ޖެނެރަލް 5 ޖުލައި 2010 ގައި ދީފައިވާ ލަފާ އިންވެސް އެނގޭ
ޑރ. ދިދީ

ޑރ. ދީދީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން ވެސް ވިދާޅުވަނީ އެހެންނެވެ. އަލީ ހުސެއިން ވިދާޅުވެފައި ވަނީ ރައްޔިތުންގެ މަޖިިލީހަކީ ތަހުގީގީ އިދާރާއެއް ނޫން ކަމަށާއި އެމްއެންޑީއެފްގެ ފަރާތުން 241 ކޮމިޓީއަށް ޖަވާބުދާރީ ވާނެ މިނިސްޓަރެއް ހުންނާނެ ކަމަށެވެ. 241 ކޮމިޓީއަށް ވަަކިވަކި ސިފައިން ހާޒިރުވުމަށް އެންގުމުން އެ ކަމަށް އިޖާބަ ނުދިނޭ ކިޔާފައި އެފަރާތްތަކަށް ޖިނާއީ ދަޢުވާވެސް ނުކުރެވޭ ކަމަށެވެ.

ޑރ. އަބްދުﷲ ދީދީ އާއި އަލީ ހުސައިންގެ ވާހަކަ އެހެން ހުރި ނަމަވެސް، މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖުގެ ހިޔާލު ތަފާތެވެ. އޭނާ ވިދާޅުވަނީ ޑރ. އަބްދުﷲ ދީދީ މިހާރު ދެއްވާ ލަފަޔަކާއި ކުރިން މަގާމުގައި ހުންނަވައިގެން ދެއްވި ލަފަޔާ ދިމާ ނުވާކަމަށެވެ.

މާޗް 10، 2011 ގައި ސްޕްރީމް ކޯޓުން މަޖިލީހަށް ދިން "ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނޫ އަސާސީގެ 95 ވަނަ މާއްދާގެ ދަށުން ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުން ދިވެހި ރާއްޖޭގެ ރައްޔިތުންގެ މަޖިލީހަށް ދޭ ލަފާ" ގައި އޮތީ، ސުޕްރީމްކޯޓުގެ ފަނޑިޔާރުން ގާނޫނީ ނަޒަރަކުން ވިސްނާ ބަލާއިރު ރައްޔިތުންގެ މަޖިލީހަށް ނުވަތަ އެމަޖިލީހުގެ ކޮމިޓީއަކުން އަންގާ އެންގުމާ އެއްގޮތް ވާ ގޮތުގެ މަތިން ހާޒިރުވެ، ޖަވާބުދާރީ ވުމަކީ ދިވެހި ސަރުކާރުގެ އެކިއެކި މަގާމުތަކުގައި ތިބި ފަރާތްތަކާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 7 ވަނަ ބާބުގައި ބުނެވިފައިވާ ފަރާތްތަކާއި، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ މަގާމެއްގައި ހުރި ކޮންމެ މީހަކާއި، މޯލްޑިވްސް ޕޮލިސް ސާވިސްގެ މަގާމެއްގައި ހުރި ކޮންމެ މީހެއްގެ މައްޗަށް ރާއްޖޭގެ ގާނޫނު އަސާސީގެ 98 ވަނަ މާއްދާއާއި 99 ވަނަ މާއްދާއިން ލާޒިމްވެގެން ވާ ކަމެއް ކަމަށެވެ. އަދި އެކަން ނިންމާފައި ވަނީ ސުޕްރީމްކޯޓުގެ އެންމެހައި ފަނޑިޔާރުންގެ އިއްތިފާގުންނެވެ.

އޭރު ސްޕްރީމް ކޯޓުގެ އިއްތިފާގުން އެކަން ކަނޑައަޅާފައި އޮވެ، މިހާރު ލަފާ ބަދަލުވީމައި ސިރާޒު ވަނީ "ދެގޮތުން ކުރެ ރަނގަޅު ގޮތަކީ ކޮބައިތޯ" ޑރ. އަބްދުﷲ ދީދީ އާ ސުވާލު ކުރައްވާފައެވެ.

މަޖިލީހުން ހިންގާ "އިންކުއަރީ"

މަޖިލީހުގެ 241 ކޮމިޓީން ކަން ހިނގާދިޔަ ގޮތް ބަލާއިރު ހިންގަނީ އިންކުއަރީއެއް ކަމަށް އޮތީ ބުނެފައެވެ. އިންކުއަރީގައި މައިގަނޑު 2 މާނައެއް އޮވެއެވެ. އެއް މާނައަކީ މައުލޫމާތު ސާފުކުރަން ސުވާލު ކުރުމެވެ. އަނެއް މާނައަކީ ރަސްމީ ތަހުގީގެއް ހިންގުމެވެ.

ރައްޔިތުންގެ މަޖިލީހަކީ މީގެ ކުރިންވެސް އެތައް ބަޔަކު ހާޒިރު ކޮށް ސުވާލުކޮށް ހަދާފައި ވާ ތަނެކެވެ. އަދި މިހާރުވެސް ކުރެއެވެ. އެއިރަކު ޖެހޭ ސިޔާސީ އޮޔާއި ވައި ހުންނަ ގޮތަކަށް މަޖިލީހުން އެކަން ކުރެއެވެ. އަސާސީން މަޖިލީހަށް ލިބޭ ބާރުގެ ދަށުން ރާއްޖޭގެ ސިޔާސީ ސަރަހައްދުގައި އުޅޭ ކޮންމެ މީހަކުވެސް ހާޒިރުކޮށް ސުވާލު ކުރެވެއެވެ. އެއީ ކަމެއް ހިނގާ ދިޔަ ގޮތް ނުވަތަ ކަމަކާ ގުޅޭ ގޮތުން މައުލޫމާތު އޮޅުން ފިލުވުމަށެވެ. ނުަވަތަ "އިންކުއާ" ކުރުމަށް ހިންގާ އިންކުއަރީއެވެ.

އެއްވެސް ހާލެއްގައި ތަހުގީގު ހިންގުމުގެ މެންޑޭޓެއް މަޖިލީހަކަށް ނެތެވެ. އަދި އެއީ ތަހުގީގީ އިދާރާއެއްވެސް ނޫނެވެ. ކުރިން ގާނޫނު އަސާސީ އެކުލަވާލި ހާއްސަ މަޖިލީހުގެ މެންބަރު އަދި ގާނޫނު އަސާސީ އެކުލަވާލި ކޮމެޓީގެ މުގައްރިރު އިބްރާހިމް އިސްމާއީލް (އިބްރާ) ވެސް ވިދާޅުވެފައި ވަނީ އެހެންނެވެ.

މަޖިލީހަކީ ތަހުގީގީ އިދާރާއެއް ނޫން، މަޖިލީހުން ހިންގާ ތަހުގީގަކަށް ދައުވާއެއް ނުކުރެވޭނެ،
އިބްރާހިމް އިސްމާއީލް

އިބްރާވެސް އަދި އެހެން ބައެއް ބޭފުޅުންވެސް އެވާހަކަ ދައްކަވާއިރު މަޖިލީހުގެ މިސްރާބު ހުރީ ކޮން ދިމާލަކަށްތޯ ވެސް ބަލަން ޖެހެއެވެ.

މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އަދި ގާނޫނީ ވަކީލް އިމްތިޔާޒު ފަހުމީ ވިދާޅުވަނީ ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅޭ އިންކުއަރީއަށް ވަކިވަކި ސިފައިން ހާޒިރު ކުރެވޭނެ ކަމަށެވެ. އަދި އެއީ ގާނޫނު އަސާސީގެ 239 ވަނަ މާއްދާގެ (ސ) ގެ ދަށުން މަޖިލީހަށް އޮތް ބާރެއް ކަމަށެވެ.

މިިލިޓަރީ އިން ޕާރލަމެންޓަށް ގޮންޖަހާފައި ބަޔާން ނެރުމަކީ ޑިމޮކްރެޓިކް ސިފައެއް ނޫން. ނުބައި ގޮތަކަށް އަމާޒުހިފާކަމުގެ ބިރު އޮތްކަމަށް ބެލުމުގެ ޖާގަ އޮތް ކަމެއް.
އިމްތިޔާޒު

އިންތި އެހެން ވިދާޅުވެފައި ވަނީ މަޖިލީހުން ހިންގާ އިންކުއަރީއަށް ވަކިވަކި ސިފައިން ޖަވާބުދާރީ ވުމުގެ ބަދަލުގައި ޖަވާބުދާރީ ވަނީ ސިފައިންގެ މުއައްސަސާއިން ކަމަށް ބުނެ ބަޔާނެއް ނެރުމާ ގުޅިގެންނެވެ.

ރައީސް ނަޝީދަށް ދިން ހަމަލާގެ އިންކުއަރީ މަޖިލީހުން ހިންގާ އިރު، 40 އަކަށް ސިފައިން މަޖިލީހަށް ހާޒިރު ކުރަން ބޭނުންވާކަން ވަނީ އެނގިފައެވެ. އެ ލިސްޓް އާންމު ނުކުރި ނަމަވެސް ލިސްޓުގެ ކުރީގައި ޗީފް އޮފް ޑިފެންސް ފޯސްއާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ ނަން ވެސް އެބަ އޮތެވެ.

ވަކި ވަކި ސިފައިންގެ ބަދަލުގައި ހާޒިރުވާނީ މުއައްސަސާކަމަށް ބުނެ ޑިފެންސުން ބަޔާން ނެރުނު އިރު، ނަޝީދުގެ ސެކިއުރިޓީއާ ބެހުމެއް ނެތް ފުލުހުންގެ މުއައްސަސާއިން މިހާރު އޮތީ ވަކިވަކި ފުލުހުންނާއި ސީޕީވެސް ހާޒިރުވާން ޖެހިއްޖެ ނަމަ ހާޒިރުވާ ގޮތަށެވެ.

ފުލުހުންގެ ނިންމުން އެހެން އައި އިރު، ހަމަލާގެ ތަހުގީގު ހިންގަމުން ދާ އެކި މަރުހަލާތަކުގައި ސިފައިންގެ ދައުރެއް އަމުދުން ނެތެވެ. ތަހުގީގުގެ ހުރިހާ އަމާޒެއް ހުރީ ސިފައިންނާ ދިމާއަށެވެ. ސެކިއުރިޓީ ބްރީޗްވެ ސިފައިންގެ އިހުމާލުން ދެވުނު ހަމަލާއެއް ކަމަށް ފެންނަ ވަރަށް އެކަހެރި ކޮށެވެ. ނަމަވެސް މިފަދަ ބޮޑު ތަހުގީގެއް ހިންގަމުން ދާއިރު، ކަމާބެހޭ ތަޖުރިބާ ކާރުން ވިދާޅުވާ ފަދައިން، ހުރިހާ ލޮލަކުން ބަލަން ޖެހޭނެއެވެ. ސެކިއުރިޓީ ބްރީޗް ވީ، އިންޓެލިޖެންސްގެ މައްސަލައަކުންތޯއާއި، އިންޓެލިޖެންސް ލިބި، އަންގަން ޖެހޭ ފަރާތްތަކަށް އެނގި ނަމަވެސް ފިޔަވަޅު އަޅަން ޖެހޭ ފަރާތްތަކުން ނާޅައިގެންތޯއާއި، އިންޓެލިޖެންސާ އެކު ދިން ލަފަޔާ އެއްގޮތަށް އަމަލު ނުކުރި މީހުން ނުކޮށްގެންތޯފަދަ މުހިންމު ސުވާލުތަކުގެ ޖަވާބު ހޯދަން ޖެހެއެވެ.

މިފަދަ އެތައް ސުވާލު ތަކެއް ހުރި އިރު، މަޖިލީހަށް ވަކިވަކި ސިފައިން ހާޒިރު ކޮށް "ތަހުގީގެއް" ނުކޮށް ކުރާ "އިންކުއަރީ" އަކުން އެކަންކަން ސާފުވެދާނެތޯއެވެ.