އަވަށްޓެރި އިންޑިއާއަށް ދާދި ފަހުން ކުރިމަތިވި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ތޫފާނުގެ އަސްލަކީ، ޑެލްޓާ ވޭރިއަންޓް ކަމަށް، އިންޑިއަން ސާސްކޮވް 2 ޖެނޯމް ސީކުއަންސިންގް ކޮންސޯޓިއާ (އިންސަކޮގް) އަދި ނޭޝަނަލް ސެންޓާ ފޮ ޑިޒީޒް ކޮންޓްރޯލް (އެންސީޑިސީ) އިން ބުނެފިއެވެ.

މުޅި ދުނިޔެ ސިއްސުވާލި ރެކޯޑް އަދަދުތަކުން ކޮވިޑް ކޭސްތައް ރިޕޯޓް ކުރަމުން ދިޔަ އިންޑިއާއަށް އެންމެ ފަހުން ކުރިމަތިލާން ޖެހުނު ސާޖަކީ، B.1.617 ވޭރިއަންޓާ، ހަމަ އެ ލައިނުން އުފެދުނު B.1.617.2 ކަމަށް އިންސަކޮގްއާއި އެންސީޑީސީއިން ބުނެއެވެ.

އިންސަކޮގްގެ ހޯދުންތަކުން ބަލާއިރު އަލްފާ ވޭރިއަންޓަށްވުރެ 50 ޕަސެންޓް އިތުރު ހަލުވި ދުވެލީގައި ޑެލްޓާ ވޭރިއަންޓް ވަނީ ފެތުރިފައެވެ.

މި ފަހުން އިންޑިއާއަށް ކުރިމަތިލާން ޖެހުނު ސާޖަކީ، މި ވޭރިއަންޓްގެ ސަބަބުން ކުރިމަތިވި ތޫފާނެއް ކަމަށް އިއުތިރާފުވުމަށް އިންޑިއާގެ ސަރުކާރުން ވަނީ އެތައް ފަހަރެއްގެ މަތިން އިންކާރު ކޮށްފައެވެ. ނަމަވެސް، ދުނިޔޭގެ އެކި ކަންކޮޅުތަކުން ސައެންސްވެރިން ވަނީ އެ ވޭރިއަންޓްގެ ދިރާސާކޮށްފައެވެ. ބުނެވޭ ގޮތުގައި، އިންޑިއާއިން ފުރަތަމަ ފެނުނު ޑެލްޓާ ވޭރިއަންޓަކީ އިންތިހާ ހަލުވި މިނުގައި ފެތުރޭ ވޭރިއަންޓެކެވެ.

ކަން މިހެން އޮތް އިރު، 3 ވަނަ ރާޅެއްގެ އިންޒާރުވެސް އިންޑިއާއަށް ވަނީ ދީފައެވެ. އިންޑިއާއިން މިހާތަނަށް ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 28574350 އަށް އަރާފައެވެ.

2019 ވަނަ އަހަރުގެ ފަހުކޮޅު ޗައިނާއިން ފުރަތަމަ ފަހަރަށް ރިޕޯޓް ކުރި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ބަލިމަޑުކަމުގެ ތެރެއިން އުފެދޭ ވޭރިއަންޓްތަކަށް ނަން ދޭނެ ހާއްސަ ނިޒާމެއް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ވަނީ އެކުލަވާފައެވެ.

މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން ދުނިޔޭގެ އެކި ހިސާބުތަކުން އާ ވޭރިއަންޓްތައް ފެންނަން ފަށާފައިވާއިރު އެންމެ ގަދައަށް ފެތުރިގެން ދިޔަ ޔޫކޭ، ސައުތު އެފްރިކާ އަދި އިންޑިއާ ވޭރިއަންޓަށް ނަން ދިނުމަށް ޑަބްލިއުއެޗްއޯއިން ބޭނުން ކޮށްފައި ވަނީ ގްރީކް ބަހުގެ އަކުރު ނިޒާމެވެ.

އެގޮތުން ޔޫކޭ ވޭރިއަންޓަށް "އަލްފާ"، ސައުތު އެފްރިކާ ވޭރިއަންޓަށް "ބީޓާ" ގެ ނަމުން ނަން ދީފައި ވާއިރު، އިންޑިއާ ވޭރިއަންޓަށް ދީފައި ވާ ނަމަކީ "ޑެލްޓާ" އެވެ.