ކޮވިޑް ޖެހިގެން ރާއްޖެގައި މަރުވި ފުރަތަމަ ކުޑަ ކުއްޖާ، ފާތިމަތު މިޝްކާގެ މަރުގެ މައްސަލަ ތަހުގީގުގައި އަދިވެސް ގިނަ ކަންތައްތަކެއް ބަލަން އެ ބަހުރި ކަމަށް ހެލްތް މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން ބުނީ، ކޮވިޑް ބަލީގައި ކުޑަކުއްޖަކު ނިޔާވުމާ ގުޅިގެން ހަދަމުން ގެންދާ ކޭސް ރިވިއުގެ ގިނަ މަސައްކަތަތަކެއް މި އަންނަނީ ކުރަމުން ކަމަށެވެ. މި މައްސަލައިގައި ގިނަ ކަންކަން ބަލަން ޖެހުމުން މިކަމަށް އިތުރު ވަގުތު ނަގާ ކަމަށާއި މަސައްކަތް ކުރަމުން ދަނީ ވީ އެންމެ އަވަހަށް މި މަސައްކަތް ނިންމުމަށް ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

ޖޫން 2 ވަނަ ދުވަހު މަރުވި އުމުރުުން 10 އަހަރުގެ މިޝްކާ މަރުވުމުގައި އެޗްޕީއޭގެ އިހްމާލެއް އޮތްކަމަށް ވާހަކަ ދެކެވެން ފެށުމުން އެކަމާ ގުޅިގެން މައުލޫމާތު ހިއްސާ ކުރުމަށް އެރޭ 10:00 ގައި ވަނީ މިނިސްޓަރު ނަސީމް ނޫސްވެރިންނާ ބައްދަލުކޮށް މައުލޫމާތު ދެއްވާފައެވެ. އެ ބައްދަލުވުމުގައި މިނިސްޓަރު ނަސީމް ވިދާޅުވެފައި ވަނީ، މިޝްކާގެ ކޭސް ތަހުގީގު ކުރަމުންދާ ކަމަށާއި އެރޭގެ ނިޔަލަށް ތަހުގީގު ނިމޭ ވަރު ވާނެ ކަމަށެވެ.

ނަމަވެސް އިއްޔެ ހެލްތް މިނިސްޓަރު އަހްމަދު ނަސީމް ވަނީ އެ ތަހުގީގު ނިމިފައިވާ ކަމަށާއި ރޭގެ ވަގުތެއްގައި ތަހުގީގުގެ މައުލޫމާތު އާންމު ކުރާނެ ކަމަށް ބުނެފައެވެ. ނަމަވެސް މިއަދު ހެނދުނު ވީ އިރު ވެސް އެ މަރުގެ މައުލޫމާތު ހިއްސާ ކޮށްފައެއް ނުވެއެވެ. އަދި ހެލްތް މިނިސްޓްރީން މިއަދު ހެނދުނު ވަނީ މަރުގެ ތަހުގީގު ނުނިމޭ ކަމަށް ބުނެ ޓްވީޓް ކޮށްފައެވެ.

މި މަރާ ގުޅިގެން އެތައް ބަޔަކު ވަނީ މިނިސްޓަރު ނަސީމް އިސްތިއުފާ ދިނުމަށް ވެސް ގޮވާލާފައެވެ. މިއާއެކު، ނަސީމް ވިދާޅުވެފައި ވަނީ އެ މައްސަލަ ބަލާއިރު މިނިސްޓަރު ނަސީމްގެ އިހުމާލެއް އޮތްތޯ ވެސް ބަލަމުންދާ ކަމަށާއި އިހުމާލެއް އޮތްނަމަ މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވާނެ ކަމަށެވެ.

މިޝްކާގެ އާއިލާއިން ބުނެފައިވާ ގޮތުން މޭއި 31، 2021 ވަނަ ދުވަހުގެ ރޭ މިޝްކާގެ ހާލު ގޯސްވެ ނޭވާލާން އުނދަގޫވެ ނޭފަތުން ލޭ އަންނަން ފެށުމުން އެރޭ 09:00 ހާއިރު ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އަށް ގުޅައި އެމްބިއުލާންސް ފޮނުވުމަށް އެދުނެވެ. ނަމަވެސް އެމްބިއުލާންސް އައިސްފައި ވަނީ އެތައް އިރަކު އެޗްޕީއޭއަށް އަދި އައިޖީއެމްއެޗަށް ގުޅިފަހުން އެރޭގެ 11:40 ހާއިރު ކަމަށް އާއިލާއިން މައުލޫމާތު ދެއެވެ. އެމްބިއުލާންސް އައި އިރު މިޝްކާ އޮތީ ހޭނެތިފައި ކަމަށާ ވިންދު ވެސް ނުލިބޭކަމަށް އާއިލާއިން މައުލޫމާތު ދެއެވެ.

އެމްބިއުލާންސް ލަސްވެ، ފަރުވާއާ ހަމައަށް ދެވުމުގައި ލަސްތަކެއް ވުމުން ހެލްތް މިނިސްޓަރު އަހުމަދު ނަސީމު ވަނީ އެ ކުއްޖާގެ އާއިލާގެ ކިބައިން މާފަށް އެދިވަޑައިގެންފައެވެ.