ކޮވިޑް ޖެހިގެން ރާއްޖެގައި މަރުވި ފުރަތަމަ ކުޑަ ކުއްޖާ، ފާތިމަތު މިޝްކާގެ މަރުގެ މައްސަލަ ތަހުގީގު ކޮށް ނިންމައިފިއެވެ.

ހެލްތް މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވީ އެ ތަހުގީގު މިހާރު ނިމިފައިވާ ކަމަށާއި އަދި ތަހުގީގުގައި ފާހަގަވި ކަންކަން މިއަދު މީޑިއާގައި ހާމަކުރައްވާނެ ކަމަށެވެ.

ޖޫން 2 ވަނަ ދުވަހު މަރުވި އުމުރުުން 10 އަހަރުގެ މިޝްކާ މަރުވުމުގައި އެޗްޕީއޭގެ އިހްމާލެއް އޮތްކަމަށް ވާހަކަ ދެކެވެން ފެށުމުން އެކަމާ ގުޅިގެން މައުލޫމާތު ހިއްސާ ކުރުމަށް ރޭ 10:00 ގައި ވަނީ މިނިސްޓަރު ނަސީމް ނޫސްވެރިންނާ ބައްދަލުކޮށް މައުލޫމާތު ދެއްވާފައެވެ. އެ ބައްދަލުވުމުގައި މިނިސްޓަރު ނަސީމް ވިދާޅުވެފައި ވަނީ، މިޝްކާގެ ކޭސް ތަހުގީގު ކުރަމުންދާ ކަމަށާއި ރޭގެ ނިޔަލަށް ތަހުގީގު ނިމޭ ވަރު ވާނެ ކަމަށެވެ.

މި ކަމާ ގުޅިގެން އެތައް ބަޔަކު ވަނީ މިނިސްޓަރު ނަސީމް އިސްތިއުފާ ދިނުމަށް ވެސް ގޮވާލާފައެވެ. މިއާއެކު، ނަސީމް ވިދާޅުވެފައި ވަނީ އެ މައްސަލަ ބަލާއިރު މިނިސްޓަރު އަހުމަދު ނަސީމްގެ އިހުމާލެއް އޮތްތޯ ވެސް ބަލަމުންދާ ކަމަށާއި އިހުމާލެއް އޮތްނަމަ މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވާނެ ކަމަށެވެ.

މިޝްކާގެ އާއިލާއިން ބުނެފައިވާ ގޮތުން މޭއި 31، 2021 ވަނަ ދުވަހުގެ ރޭ މިޝްކާގެ ހާލު ގޯސްވެ ނޭވާލާން އުނދަގޫވެ ނޭފަތުން ލޭ އަންނަން ފެށުމުން އެރޭ 09:00 ހާއިރު ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އަށް ގުޅައި އެމްބިއުލާންސް ފޮނުވުމަށް އެދުނެވެ. ނަމަވެސް އެމްބިއުލާންސް އައިސްފައި ވަނީ އެތައް އިރަކު އެޗްޕީއޭއަށް އަދި އައިޖީއެމްއެޗަށް ގުޅިފަހުން އެރޭގެ 11:40 ހާއިރު ކަމަށް އާއިލާއިން މައުލޫމާތު ދެއެވެ. އެމްބިއުލާންސް އައި އިރު މިޝްކާ އޮތީ ހޭނެތިފައި ކަމަށާ ވިންދު ވެސް ނުލިބޭކަމަށް އާއިލާއިން މައުލޫމާތު ދެއެވެ.

އެމްބިއުލާންސް ލަސްވެ، ފަރުވާއާ ހަމައަށް ދެވުމުގައި ލަސްތަކެއް ވުމުން ހެލްތް މިނިސްޓަރު އަހުމަދު ނަސީމު ވަނީ އެ ކުއްޖާގެ އާއިލާގެ ކިބައިން މާފަށް އެދިވަޑައިގެންފައެވެ.