ކަނޑައެޅިގެން ވަކި ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް ތަރައްގީ ކޮށްފައިވާ ވެކްސިން ބޭނުން ކުރުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ޒިންމާއިން ސަލާމަތް ހޯދުމަށް، ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާއިން ގާނޫނީ ހިމާޔަތަށް އެދިއްޖެއެވެ.

ކޮވިޑް-19 އިން ދިފާއުވުމަށް އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީއާއި އަސްޓްރާޒެނީކާ ކުންފުނި ގުޅިގެން ތަރައްގީ ކުރި ވެކްސިންގެ ފޯމިއުލާއަށް، ކޮވިޝީލްޑްގެ ނަމުގައި އެންމެ ފުޅާ ދާއިރާއެއްގައި ކޮވިޑް ވެކްސިން ތަރައްގީ ކުރަމުން އަންނަނީ ސީރަމް އޮފް އިންސްޓިޓިއުޓް އޮފް އިންޑިއާއިންނެވެ.

ސީރަމްއިން މިފަދަ ހިމާޔަތަކަށް އެދިފައިވާ މި ދަނޑިވަޅަކީ، ކޮވިޑް-19 އިން ދިފާއުވުމަށް ވެކްސިން ތަރައްގީ ކޮށްފައިވާ ފައިޒާ އަދި މޮޑާނާ ފަދަ ކުންފުނިތަކަށް ގާނޫނީ ހިމާޔަތް ދިނުމާ ވީ ކޮޅަށް އިންޑިއާގެ ސަރުކާރުން ބަރޯސާ ވާ ކަމުގެ އިޝާރާތްތަކެއް ލިބިފައިވާ ދަނޑިވަޅެކެވެ.

ސީރަމް އޮފް އިންސްޓިޓިއުޓް އޮފް އިންޑިއާގެ ޗީފް އެގްޒެކެޓިވް އޮފިސާ އަދާރު ޕޫނަވައްލާ ވަނީ، ވެކްސިންގެ މަސައްކަތްތައް އޮމާންކޮށް ކުރިއަށް ގެންދިއުމަށްޓަކާ، ވެކްސިން ބޭނުން ކުރުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ޒިންމާއިން ސަލާމަތް ހޯދުމަށް، ގާނޫނީ ހިމާޔަތް ނުވަތަ އިންޑެމްނިޓީއަކީ ކޮންމެހެން ބޭނުން ކަމެއް ކަމަށް ވިދާޅުވެފައެވެ.

ސީރަމްގެ އިތުރުން އިންޑިއާގައި ވެކްސިން ތަރައްގީ ކުރަމުން އަންނަ ބާރަތު ބައޮޓެކުންވެސް ވަނީ މިފަދަ ހިމާޔަތަކަށް އެދޭ ކަމުގެ ޝައުގުވެރިކަން ފާޅު ކޮށްފައެވެ. ނަމަވެސް އިންޑިއާގެ އެއްވެސް ކުންފުންޏަކަށް، ކޮވިޑް ވެކްސިނާ ގުޅިގެން އިންޑިއާގެ ސަރުކާރުން އަދި މިހާތަނަށް އިންޑެމްނިޓީ ދީފައެއް ނުވެއެވެ.