ކަނޑައެޅިގެން ވަކި ފަރުވާއެއް އަދިވެސް ދެނެގަނެވިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް ޗައިނާއިން ތަރައްގީ ކޮށްފައި ވާ ސީނޯވެކް ކޮވިޑް ވެކްސިނަށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ރުހުން ދީފިއެވެ.

ސީނޯވެކް ކޮވިޑް ވެކްސިނަށް ދީފައި ވަނީ ކުއްލި ހާލަތުގައި ބޭނުން ކުރުން ނުވަތަ އެމާޖެންސީ ޔޫޒް ހުއްދައެކެވެ.

ޑަބްލިއުއެޗްއޯއިން ބުނީ ސީނޯވެކް ކޮވިޑް ވެކްސިން ބޭނުން ކުރާ މީހުންގެ 51 ޕަސެންޓް މީހުންގެ ހަށިގަނޑުން ބަލީގެ އާލާމަތްތައް ނުފެންނަ އިރު، ބަލި ޖެހިގެން ސީރިއަސް އަލާމާތްތަކާއެކު ހޮސްޕިޓަލުގައި ފަރުވާ ދޭން ޖެހޭ ނިސްބަތް 100 ޕަސެންޓް ދަށް ވާ ކަމަށެވެ.

ސީނޯވެކް ކޮވިޑް ވެކްސިނަކީ ކޮވިޑް-19 އިން ދިފާއުވުމަށް ޗައިނާއިން ތަރައްގީ ކޮށްފައިވާ ވެކްސިންތަކުގެ ތެރެއިން، ޑަބްލިއުއެޗްއޯއިން މިހާތަނަށް ފެހި ސިގުނަލް ދިން 2 ވަނަ ބްރޭންޑެވެ. ޑަބްލިއުއެޗްއޯއިން އެންމެ ފުރަތަމަ ފެހި ސިގުނަލް ދިން ޗައިނާގެ ކޮވިޑް ވެކްސިނަކީ، ދިވެހިރާއްޖޭގައިވެސް މިހާރު ފުޅާ ދާއިރާއެއްގައި ބޭނުން ކުރަމުން އަންނަ ސީނޯފާމް ކޮވިޑް ވެކްސިނެވެ.

ކޮވިޑް-19އިން ދިފާއުވުމަށް ޗައިނާގެ ސީނޯވެކް ބައޮޓެކް ކުންފުނިން ތަރައްގީ ކުރަމުންދާ

ސީނޯވެކް ކޮވިޑް ވެކްސިނަށް ޑަބްލިއުއެޗްއޯއިން ރުހުން ދިނުމާއެކު، ކޮވެކްސް ފެސިލިޓީ މެދުވެރިކޮށް ގައުމުތަކަށް މި ވެކްސިން ފޯރުކޮށްދިނުމުގެ ދޮރު ހުޅުވިގެންދާނެއެވެ. ކޮވެކްސްއަކީ ގައުމުތަކަށް އިންސާފުން ވެކްސިން ފޯރުކޮށްދިނުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން އެކުލަވާލާފައިވާ ބައިނަލްއަގުވާމީ ވެކްސިން ފެސިލިޓީއެކެވެ.

ޗައިނާއިން ބުނާ ގޮތުގައި އެ ގައުމުން މިހާރުވެސް ކޮވެކްސް ފެސިލިޓީއަށް 10 މިލިއަން ޑޯޒްގެ ކޮވިޑް ވެކްސިން ވަނީ އުފައްދާދީފައެވެ. އަދި މި އަހަރު ނިމޭއިރު، މިއަދަދު 3 ބިލިއަނަށް އަރާނެ ކަމަށްވެސް ޗައިނާއިން ބުނެއެވެ.

މިހާރުވެސް ސީނޯވެކް ކޮވިޑް ވެކްސިން ބޭނުން ކުރަމުން ދާ ބައެއް ގައުމުތަކަށް ބަލާއިރު، ޗައިނާގެ އިތުރުން ދެން މި ލިސްޓުގައި ހިމެނެނީ ޗިލީ، ބްރެޒީލް، އިންޑޮނޭޝިއާ، މެކްސިކޯ، ތައިލޭންޑް އަދި ތުރުކީވިލާތެވެ.

ސީނޯވެކް ކޮވިޑް ވެކްސިނަކީ، އާދައިގެން ފުރިޖެއްގައި، 2-8 ޑިގްރީ ސެލްސިއަސްއާ ދެމެދުގައި ރައްކާކޮށްފައި ބެހެއްޓޭ ގޮތަށް ފަރުމާކޮށްފައިވާ ވެކްސިނެކެވެ.