ކޮވިޑް19ގައި ފަރުވާދެމުން ދިޔަ އިތުރު ދެ މީހަކު މަރު ވެއްޖެއެވެ. މި ދެ މަރާ އެކު މިއަދު މަރުވި މީހުންގެ އަދަދު މިވަނީ 8 އަށް އަރާފައެވެ.

މަރުވެފައި ވަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގައި ކޮވިޑަށް ހާއްސަކޮށް ހަދާފައިވާ އައިސީޔޫގައި ފަރުވާދެމުން ދިޔަ އުމުރުން 42 އަހަރުގެ އަންހެނަކާއި، ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދިޔަ 83 އަހަރުގެ އަންހެނެކެވެ.

މި ދެމަރާ އެކު މަރުވި ޖުމްލަ މީހުންގެ އަދަދު މި ވަނީ 169 އަށް އަރާފައެވެ.

މިއަދު މި ބަލީގައި ކުރިން މަރުވި ހަ މީހުންގެ ތެރޭގައި އައިޖީއެމްއެޗްގެ އެމަޖެންސީ ރޫމަށް ގެންދިޔަ 88 އަހަރުގެ ދިވެހި އަންހެނެއް ހިމެނެއެވެ. ހަމައެއާއެކު އެޗްއެމްއެފް އިން ފަރުވާ ދެމުން ދަނިކޮށް މިއަދު 4 މީހުން މަރުވެފައިވެއެވެ. އެއީ އުމުރުން 70 އަހަރުގެ ފިރިހެނަކާއި، 59 އަހަރުގެ އަންހެނަކާއި 50 އަހަރުގެ ފިރިހެނަކާއި 62 އަހަރުގެ ފިރިހެނެކެވެ. މީގެ އިތުރުން މިއަދު އޭދަފުށީ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުން ދަނިކޮށް 87 އަހަރުގެ ދިވެހި ފިރިހެނެއް ވެސް ވަނީ މަރުވެފައެވެ.

ރާއްޖޭގައި ކޮވިޑް ޖެހޭ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް މައްޗަށް ގޮސްފައެވެ. އެއާ އެކު ބަލީގައި ބޮޑުވަރުވާ މީހުންނާއި މަރުވާ މީހުންގެ އަދަދު ވެސް ވަނީ ވަރަށް މަތީގައެވެ.

މިދިޔަ މަސް ނިމުނު އިރު މެއީ މަހު އެކަނިވެސް ވަނީ 34،561 މީހަކަށް ކޮވިޑް ޖެހި މި ބަލީގައި 88 މީހަކު މަރުވެފައެވެ. މަރުވި 88 މީހުންގެ ތެރެއިން 52 މީހުންނަކީ ވެސް އެޗްއެމްއެފުން ފަރުވާ ހޯދަމުން ދަނިކޮށް މަރުވި މީހުންނެވެ.

މި ބަލީގައި އެންމެ ގިނަ މީހުން އެއްފަހަރާ މަރުވެފައި ވަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހުއެވެ. އެ ދުވަހު ވަނީ 13 މީހަކު މި ބަލީގައި މަރުވެފައެވެ.