ދިވެހިންގެ މެދުގައިވެސް ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ބޮލީވުޑްގެ ކުޅަދާނަ ބަތޮލާ، ޖޫހީ ޗޯލާއަކީ، މުޖުތަމައުގައި ހުންނަ ތަފާތު އެކި މައްސަލަތަކާ ގުޅިގެން ސޯޝަލް މީޑިއާގައި އަޑު ހަރުކޮށް ވަކާލާތު ކުރުމުގައިވެސް ގިނަ ބައެއްގެ ސަމާލުކަން ހޯދާފައިވާ ތަރިއެކެވެ.

އެންމެ ފަހުން ޖޫހީ ފަށާފައިވާ އެއް ކެމްޕޭނަކީ، ފިފްތު ޖެނެރޭޝަން ވަޔަލަސް ނެޓްވޯކް ނުވަތަ 5-ޖީ ނެޓްވޯކާ ދެކޮޅަށް ފަށާފައިވާ ކެމްޕޭނެކެވެ. 5-ޖީ ހިދުމަތް ފުޅާ ދާއިރާއެއްގައި ދޫކުރުމާ ދެކޮޅަށް ޖޫހީ ވަނީ، އިންޑިއާގެ ޝަރުއީ ނިޒާމުގެ ތެރެއަށް މައްސަލައެއްވެސް ވައްދާފައެވެ.

5-ޖީއާ ދެކޮޅަށް ވަކާލާތު ކުރަމުން ޖޫހީ ބުނަމުން ދަނީ، މި ނެޓްވޯކްގެ ސަބަބުން އިންސާނުންގެ ސިއްހަތަށް ބޮޑެތި ގެއްލުންތަކެއް ވާނެ ކަމަށް، ދިރާސާތަކުން ދައްކާ ކަމަށެވެ. ވަޔާ-ފްރީ ގެޖެޓްތަކާ ސެލްޓަވަރުތަކުން ބޭރުވާ ރޭޑިއޭޝަނަކީ، އިންސާނުންނަށް ތަފާތު އެކި ނުރައްކާތައް ކުރިމަތި ކުރުވާނެ ކަމެއް ކަމަށް ޖޫހީ ވަކާލާތު ކުރެއެވެ.

ޖޫހީގެ ވާހަކަތަކަށް ރައްދު ދެމުން އިންޑިއާގެ ޓެލެކޮމިނިއުނިކޭޝަންސް މިނިސްޓްރީއިން ބުނީ، އެ ދައުވާތައް ސާބިތު ކޮށްދޭނެ އެއްވެސް ދިރާސާއެއް އަދި މިހާތަނަށް ނެތް ކަމަށެވެ. 2-ޖީއިން ފަށައިގެން 5-ޖީ ނެޓްވޯކުގެ ހިދުމަކީ އެކި ކަހަލަ ދިރުންތަކުގައި ޓެސްޓުކޮށް، ކާމިޔާބު ހޯދާފައިވާ ނެޓްވޯކްތަކެއް ކަމަށާ، މިއީ ރައްކާތެރި ނެޓްވޯކްތަކެއްކަން ސާބިތުވާ ކަމަށްވެސް އިންޑިއާގެ ޓެލެކޮމިއުނިކޭޝަންސް މިނިސްޓްރީއިން ވަނީ ބުނެފައެވެ.