ކޮވިޑް ބަލިމަޑުކަމުން ރައްކާތެރި ވުމަށް ރާއްޖޭގައި ވެކްސިން ޖަހައިދެމުން އަންނަ އިރު މި ވަގުތު ހުރި ވެކްސިންތަކުގެ ތެރޭގައި ސެންޓްރަލް ސްޓޮކްގައި ހުރި ބާކީ އަދަދުތައް އެޗްއީއޯސީން ހާމަކޮށްފިއެވެ.

އެޗްއީއޯސީން މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، މިހާރު ވެކްސިންގެ ސެންޓްރަލް ސޮޓޮރޭޖްގައި ބާކީ ހުރީ ކޮވިޝީލްޑް ވެކްސިންގެ 310 ޑޯޒް އާއި ސިނޯޕާމް ވެކްސިންގެ 59،687 ޑޯޒް އާއި ފައިޒާ ވެކްސިންގެ 1841 ޑޯޒް ކަމަށެވެ.

މިހާރު ކޮވިޝީލް ވެކްސިން އާންމުންނަށް ޖަހައިދިނުން ހުއްތާލާފައި ވާއިރު، ބަކީ މިވަގުތު ސްޓޮކް ގައި ހުރި ވެކްސިންގެ އިތުރަށް ރަށްރަށަށް ވެކްސިން ޖެހުމަށް ފޮނުވާފައިވާ ވެކްސިންގެ ތެރެއިން ކޮވިޝީލް ވެކްސިންގެ ދެވަނަ ޑޯޒް ވަނީ 244 މީހުންނަށް ޖަހާފައި ކަމަށް މަބްރޫކް ވިދާޅުވިއެވެ. އެގޮތުން މާލެ ސަރަހއްދުގައި ވަނީ 48 މީހަކަށް އަދި އަތޮޅުތެރޭގައި ވަނީ 196 މީހަކަށް ޖަހާފައެވެ.

ސިނޯޕާމް ވެކްސިންގެ ފުރަތަމަ ޑޯޒް ޖުމްލަ 371 މީހަކަށް އިއްޔެ ވަނީ ޖަހާފައެވެ. އެއީ މާލެ ސަރަހައްދުން 119 މީހަކަށް، ރަށްރަށުން 252 މީހަކެވެ. މި ވެކްސިންގެ ދެވަނަ ޑޯޒް އިއްޔެ ޖެހި މީހުންގެ އަދަދަކީ 870 މީހުންނެވެ. އެއީ މާލެ ސަރަހައްދުން 229 މީހަކަށް ރަށްރަށުން 641 މީހަކެވެ.

ފައިޒާ ވެކްސިން ޖެހި މީހުންގެ ހިސާބުތަކަށް ބަލާ އިރު މާލެ ސަރަހައްދުގައި އެކަނި ޖަހައިދޭ މި ވެކްސިންގެ ފުރަތަމަ ޑޯޒް ވަނީ 51 މީހަކު ޖަހާފައެވެ. އަދި މި ވެކްސިންގެ ދެވަނަ ޑޯޒް ވަނީ 33 މީހަކު ޖަހާފައެވެ.

ކޮވިޝީލްޑްގެ ސްޓޮކް ހުސްވަމުން އަންނާތީ އެ ވެކްސިން ޖަހައިދިނުން މާލެ ސަރަހައްދުގައި މަޑުޖައްސާލާފައި އޮތުމަށް ފަހު މިހާރު ހުރި ސްޓޮކްގެ ބާކީ ޑޯޒްތައް އަންނަނީ ހާއްސަ ފަރާތްތަކަށް ޖަހައިދެމުންނެވެ. އެއީ ސިއްހީ ހިދުމަތްތެރިންގެ އިތުރުން ބަލި ހާލަތުގެ ސަބަބުން އެޑްމިޓް ކޮށްފައިވާ މީހުންނެވެ.