ރާއްޖޭގައި މިވަގުތު ކޮވިޑް ބަލި ހަލުވިކަމާއެކު ފެތުރެމުންދާ އިރު މި ބަލީގައި 218 މީހަކަށް ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން އަންނަ ކަމަށާއި ވެންޓިލޭޓަރުގައި މި ވަގުތު 11 މީހަކަށް ފަރުވާ ދެމުން އަންނަ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

ކޮވިޑް ބައްޔާ ގުޅިގެން އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރުމަށް އެޗްއީއޯސީން މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ، ޖުމްލަ 18 މީހަކަށް މިހާރު އައިސީޔޫގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން އަންނަ ކަމަށެވެ. އޭގެތެރެއިން ވެންޓިލޭޓަރުގައި ފަރުވާ ހޯދަމުން އަންނަ މީހުންގެ އަދަދީ 11 ކަމަށް އޭނާ ވިދާޅުވިއެވެ.

އައިސީޔޫގައި ތިބި ބަލި މީހުންގެ އިތުރު ތަފްސީލް ހާމަ ކުރައްވަމުން މަބްރޫކް ވިދާޅުވީ، ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ޖުމްލަ 138 މީހަކަށް ފަރުވާ ދެމުން އަންނަ ކަމަށާއި އޭގެތެރެއިން އައިސީޔޫގައި ޖުމްލަ 10 މީހަކަށް ފަރުވާ ދެމުން އަންނަ އިރު 4 މީހަކު އޮތީ ވެންޓިލޭޓަރުގައި ކަމަށެވެ. އަދި މިވަގުތު އެ ފެސިލިޓީގެ ވޯޑުގައި ފަރުވާ ދެމުން އަންނަނީ 128 މީހަކަށް ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ދަރުމަވަންތަ ހޮސްޕިޓަލުގައި ޖުމްލަ 22 މީހަކަށް ފަރުވާ ދެމުން އަންނަ ކަމަށް މަބްރޫކް ވިދާޅުވިއެވެ. އޭގެތެރެއިން 8 މީހަކު އޮތީ އައިސީޔޫގައި ކަމަށާއި އެތަނުން 7 މީހަކު އޮތީ ވެންޓިލޭޓަރުގައި ކަމަށް މަބްރޫކް ވިދާޅުވިއެވެ. މީގެ އިތުރުން 9 މީހަކަށް ދަނީ ޑީއެޗް17 ގައި ފަރުވާ ދެމުން ކަަމަށާއި 5 މީހަކަށް ޑީއެޗް5 ގައި ދަނީ ފަރުވާ ދެމުން ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ހަމައެއާއެކު އައިޖީއެމްއެޗް ހިޔާ ވިންގުގެ ވޯޑުގައި 2 މީހަކު އަދި ޕްރައިވެޓް ވޯޑުގައި 5 މީހަކަށް ދަނީ ފަރުވާ ދެމުން ކަމަށް މަބްރޫކް ވިދާޅުވިއެވެ. އަދި ހުޅުމާލެ ހޮސްޕިޓަލުގައި 21 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.

މީގެ އިތުރުން ރަށްރަށުގައި ފަރުވާ ދެމުންދާ މީހުންގެ ތަފްސީލް ވެސް މަބްރޫކް ހިއްސާ ކުރެއްވިއެވެ. އެ ގޮތުން ބ. އޭދަފުށީގައި 6 މީހަކާއި، ށ. ފުނަދޫގައި 13 މީހަކާއި، ގއ. ވިލިނގިލީގައި 4 މީހަކާއި ގދ. ތިނަދޫގައި 3 މީހެއްގެ އިތުރުން ލ. ގަމުގައި 3 މީހެއް އަދި ފުވައްމުލަކުގައި އެކަކަށް އަންނަނީ އެޑްމިޓް ކޮށްގެން ފަރުވާ ދެމުންނެވެ.

ރާއްޖޭގައި މިވަގުތު އެކްޓިވް ކޭސްގެ ގޮތުގައި 24،205 މީހަކު އެބަ ތިއްބެވެ. އަދި އޭގެތެރެއިން 218 މީހަކަށް ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.