ކޮވިޑު-19 ގެ ހާލަތު ގޯސްވި ނަމަވެސް މިހާރު ތާވަލްކޮށްފައިވާ ގޮތަށް އެޗްއެސްސީ އިމްތިހާނު އޮންނާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފިއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑިޕާޓްމަންޓް އޮފް އެގްޒަމިނޭޝަން (ޑީޕީއީ) ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވި ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އިހުސާން ވިދާޅުވީ އޭ ލެވެލްގައި ކިޔަވާ ދަރިވަރުންގެ އިސްލާމް އަދި ދިވެހި ޕޭޕަރު އަންނަ މަހުގެ 13-17 އަށް އޮންނާނެ ކަމަށެވެ.
އެކަމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ އެ މިނިސްޓްރީން އަބަދުވެސް މަސައްކަތް ކުރަނީ ދަރިވަރުންނަށް އެންމެ ރަނގަޅު ގޮތަށް ކަމަށެވެ. މިހާރު ކަނޑައަޅާފައިވާ ތާރީހުގައި އިމްތިހާނު ކުރިއަށް ގެންދިއުމަކީ ހުރިހާ ގޮތަކުންވެސް ދަރިވަރުންނަށް އެންމެ ރަނގަޅު ގޮތް ކަމަށާ އަދި އެއީ އޮކްޓޫބަރުގެ އިމްތިހާނަށް ދަރިވަރުންނަށް ލިބޭ ލުޔަކަށްވެސް ވާނެ ކަމަށެވެ.
މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ އިމްތިހާނު ހަދާ މަރުކަޒު ބަދަލުކުރަން ބޭނުންވާ ދަރިވަރުންނަށް އެ ފުރުސަތު މާދަމާ ހުޅުވާލާނެ ކަމަށެވެ.
އެޗްއެސްސީ އިމްތިހާނު ކުރިއަށް ގެންދަން ނިންމާފައި ވަނީ ޖޫން މަހުގެ 13 އިން 17 އަށެވެ. ނަމަވެސް މިއީ ކޮވިޑްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ މާލެ ސަރަހައްދުގެ ސުކޫލުތައް ބަންދުކޮށް ފިޔަވަޅުތައް ހަރުކަށިކޮށްފައެވެ.
އެޑިއުކޭޝަނުން އެހެން ބުނެފައި ވާއިރު، އެޗްއެސްސީ އިމްތިހާނުގައި ދަރިވަރުން އިށީންނަން ޖެހެނީ ސުކޫލަށް ހާޒިރުވެ ކިޔަވާ ރިވިޝަނަށްވެސް ފުރުސަތު ނުލިބި ކަމުން އިމްތިހާނު ފަސްކުރުމަށް ބައެއް ބެލެނިވެރިން ދަނީ ބުނަމުންނެވެ. އަދި އޮކްޓޫބަރު މަހު އޭލެވެލް އިމްތިހާނު އޮތުމުން އެ އިމްތިހާނާއެކު އެޗްއެސްސީ އިމްތިހާނު ކުރިއަށް ގެންދަން ބައެއް ބެލެނިވެރިން ދަނީ އެދެމުންނެވެ.