ކ. ހިންމަފުށްޓާއި ގިލިލަންކަންފުށި ރިސޯޓާ ދެމެދު އޮންނަ ފިނޮޅު ނައްތާލަން އުޅުނު މައްސަލައިގައި ފަސް ލައްކަ ރުފިޔާއަށްވުރެ ބޮޑު އަދަދަކުން އެ ރިސޯޓު ޖޫރިމަނާކޮށްފިއެވެ.

އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)ން ބުނީ އެ ރިސޯޓުގެ މުވައްޒަފުންތަކެއް ފިނޮޅަށް އަރައި، އެ ފިނޮޅުގެ ހުރަހަށް ފެން ދައުރުވާނެ ގޮތަށް ފަސްގަނޑު ކޮނެ، އެ ފިނޮޅުގެ ވެލިގަނޑު ގިރައިގެން ދާނެ ގޮތަށް ކޯރު ކަނޑާފައިވާކަން ގުޅިގެން ހިންގި ތަހުގީގުން ޔަގީން ކުރެވިފައިވާ ކަމަށެވެ. އެގޮތުން ތިން ސަރަހައްދަކުން ކޯރު ކަނޑާފައިވާ ކަމަށް އީޕޭއޭން ބުނެއެވެ.

އެކަމުގެ ސަބަބުން ތިމާވެށްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދުގެ ދަށުން ކަނޑައެޅިފައިވާ ޖޫރިމަނާގެ ޖުމްލަ އަދަދު ކަމަށްވާ 562,980 ރުފިޔާ 30 ދުވަހުގެ ތެރޭގައި ދެއްކުމަށް ގިލިލަންކަންފުށި މޯލްޑިވްސް ރިޒޯޓް ޕްރައިވެޓް ލިމިޓެޑުގެ އޮޕަރޭޓަރު، ޕްރޯމަސް ޕްރައިވެޓް ލިމިޓެޑަށް އަންގަފައިވާ ކަމަށެވެ.

މިދިޔަ ޖެނުއަރީ މަހު 21 ވަނަ ދުވަހުގެ ރޭ ހިންމަފުށި ކައިރީގައި އޮންނަ ފިނޮޅަކަށް އެތާ ކައިރީގައި އޮންނަ ގިލި ލަންކަންފުށި ރިސޯޓުގެ ޖެނެރަލް މެނޭޖަރު ޑޭވިޑް ސްޓެޕެޓިކްއާއި އެހެން މުވައްޒަފުންތަކެއް އަރައި އެތަނުގައި ކޯރެއް ކެނޑި މައްސަލަ ވަރަށް ބޮޑަށް ހޫނުވިއެވެ. އެ މައްސަލައިގައި އައި ފާޑުކިޔުންތަކާއެކު ޑޭވިޑް އޭނާގެ މަގާމުން އިސްތިއުފާ ދިނެވެ. އެ މައްސަލަ ފުލުހުންނާއި އީޕީއޭގުޅިގެން ތަހުގީގު ކުރަން ފެށިއެވެ.

އެ ފިނޮޅުގައި ކޯރު ކަނޑާ ގެއްލުން ދީފައި ވަނީ ފަކީރާ ފަދަ ތަކެތި ބޭނުން ކޮށްގެންނެވެ. އެ ތަން ހަލާކު ކުރަމުންދާ ކަން ހިންމަފުށީގެ ބަޔަކަށް އެނގިގެން ރަށުން ބަޔަކު ގޮސް އެ މަންޒަރުތައް ވީޑިއޯކޮށް ސޯޝަލް މީޑިއާގައިވެސް ވަނީ އާންމު ކޮށްފައެވެ. އަދި އެކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިއުން ވަނީ ރިސޯޓުގެ ޖެނެރަލް މެނޭޖަރަށް އަމާޒުވެފައެވެ.